ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލަކީ ރާއްޖޭގެ ގައުމިއްޔަތު، ލާދީނިއްޔަތަށް އަނބުރާލުމަށް ކުރާ މަަސައްކަތެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަބްދުﷲ ބިން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތުގެ ބިލު މަޖިލީހަށް ހުށަހެޅެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.
އެ ބިލާ ގުޅޭ ގޮތުން އަބްދުﷲ ވިދާޅުވީ ފުލުހުންގެ ބިލްގައި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އަދި އެއީ ރާއްޖޭގެ ގައުމިއްޔަތު، ލާދީނިއްޔަތަށް އަނބުރާލުމަށް ކުރާ މަަސައްކަތެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ފުލުހުންގެ މަސްއޫލިއްޔަތާއި ވާޖިބުތައް ކަނޑައެޅިގެންދާނޭ ގޮތަށް، އެމްޑީޕީ ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށައަޅުއްވާފައިވާ އާ ބިލަކީ ރާއްޖޭގެ ގައުމިއްޔަތު، ލާދީނިއްޔަތަށް އަނބުރައިލުމަށް ކަޅިކުރެވޭ މަންތަރެއް ކަމުގައި ދެކެން،" ސަލަފްގެ ރައީސް ވިދާޅު ވިއެވެ.
އަބްދުﷲ ވަނީ އެކަމުގެ ބައެއް މިސާލުތައްވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ފުލުހުންގެ މިހާރުގެ ހުވަ އާއި އާ ބިލްގައި ފުލުހުންގެ ހުވާގެ ގޮތުގައި އިބާރާތް ކޮށްފައިވާ އިބާރާތްތައް ތަފާތުކަން ފާހަގަ ކުރައްވާފަ އެވެ.
ފުލުހުންގެ ހިދުމަތުގެ އާ ބިލަކީ ނުރައްކާތެރި ބިލެއް ކަމަށް އިދިކޮޅު ޕީޕީއެމުން ވެސް ވަނީ ބުނެފަ އެވެ.
ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ބިލަކީ ނުރައްކާތެރި ބިލެއް ކަމަށެވެ. އެ ބިލަކީ ފުލުހުންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ހަރުދަނާ އުސޫލުތައް ނެތިކޮށްލަން ހުށައަޅާފައިވާ ބިލެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބިލު ހުށައެޅުމުގެ ބޭނުމަކީ ސަރުކާރުން ބޭނުންވާ ގޮތަކަށް ފުލުހުންގެ އިދާރާ ސިޔާސީ ކޮށްލުން ކަމަށާއި ފުލުހުންގެ މުއައްސަސާގައި ތިބި ދުވަސްވީ ހިދުމަތްތެރިން އެ މުއައްސަސާއިން ބޭރުކޮށް ވަކި ބަޔަކަށް އެ މުއައްސަސާގެ ކޮންޓްރޯލް ދިނުން ކަމަށެވެ.
"މިހާރު އެ ގެންނަން ގާނޫނު އައުމުން މި ހުރިހާ ދުވަހު އެތަނުގައި [ފުލުހުންގެ އިދާރާ] ހިނގަމުންދިޔަ ހުރިހާ ރަނގަޅު އުސޫލުތަކެއް، އަސާސްތަކެއް އެ ތަނުން ނެތިގެން އެ ދިޔައީ. މުޅި ތަން ސިޔާސީ ވާނެ، މުޅި މުއައްސަސާ ސިޔާސީ ވެގެން އެދިޔައީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވާ ގޮތަކަށް ފުލުހުންގެ އެންމެ އިސްވެރިއަކަށް ހުންނަވާ ބޭފުޅަކަށް މުޅި އެތަނުގެ ހުރިހާ ވަޒީފާތަކެއް ބޭނުން ގޮތަކަށް ބަދަލުކުރުމުގެ ބާރު އެ އިސްލާހުން އެ ދެނީ." ޝިޔާމް ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތުގެ ބިލުން ސިޔާސީ ނުފޫޒަށް ފުރުސަތު ބޮޑު ވެގެން ދާނެ ކަމަށް ވިދާޅުވެ އެ ބިލާމެދު ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވެސް ވަނީ ކަންބޮޑުވުން ފާ ޅުކުރައްވާފަ އެވެ.