ސަރުކާރު މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދޭ އުސޫލަށް ކުރިން ގެނައި އިސްލާހު ބާތިލުކޮށް، ކުރިއެކޭ އެއްގޮތަށް އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުޑަ ކުރަން އެޅި ފިޔަވަޅުތަކާއެކު، ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ މަހުގެ 20 ވަނަ ދުވަހު ނެރުނު ސާކިއުލާގައިވާ ގޮތުން މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ނުވަތަ އޯވަޓައިމް (އޯޓީ) ލިބޭނީ 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުންނެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އެ ސާކިއުލާ ބާތިލު ކޮށްފަ އެވެ.
އެ މިނިސްޓްރީން އަލަަށް ނެރުނު ސާކިއުލާގައިވާ ގޮތުން މިހާރު އިތުރު ގަޑި ނުވަތަ އޯޓީ ފައިސާ ދޭނީ ކުރިން ވެސް ދެމުން އައި ގޮތަށް އިތުރު ގަޑީގެ ބޭރުން މަސައްކަތް ކުރުމުންނެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރު އޮފީސްތަކުން އިތުރު ގަޑީގެ ފައިސާ ދިނުމުގައި މިހާތަނަށް ތަފާތު ގޮތް ގޮތަށް ޢަމަލު ކުރަމުން ދާތީ އެ އޮފީސް ތަކުން އިތުރު ގަޑީގެ ފައިސާއަށް ކުރާ ހަރަދު އަހަރުން އަހަރަށް ބޮޑުވަމުން ދާ ކަމަށެވެ.
ކޮވިޑް -19 އާ ގުޅިގެން މިހާތަނަށް ކުރިމަތިވެފައި ނުވާ ފަދަ ބޮޑު ލޮޅުމުން ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވުމުގެ
ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަ ކުރަން މަޖުބޫރުވެފައި ވާތީ، އިތުރު ގަޑީގެ ފައިސާ ދިނުމުގައި އިންސާފުވެރި އަދި
ހަމަހަމަ އުސޫލަކުން އަމަލު ކުރާނެ ގޮތް ތަކެއް ކަނޑައަޅަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް އަސަރު ކޮށްފައި ވާތީ ސަރުކާރުގެ ސިޔާސީ މަގާމުތަކާއި ކުންފުނިތަކުގެ އެމްޑީން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ވަނީ ކުޑަ ކޮށްފަ އެވެ. މި ބަދަލާއެކު ދައުލަތަށް 15 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވެސް ފިނޭންސުން ބުނެފައިވެ އެވެ.