ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިތުރު ގަޑީގެ ފައިސާ ދޭނެ އުސޫލު ފޮނުވައިފި

ސަރުކާރު މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ލިބޭނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކުރި ދުވަސްތަކުގައި މަސައްކަތަށް ނެރޭ މުވައްޒަފުންނަށް އެކަނި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރު މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ އާއި އެލަވަންސް ދޭނެ އުސޫލު އަންގައި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އޮފީސް ތަކަށް ފޮނުވި ސާކިއުލާއެއްގައިވާ ގޮތުން ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވާން ސަރުކާރު ބަންދު ކޮށްފައިވާ ދުވަސްތަކުގައި އިތުރު ގަޑީގެ ފައިސާ ދެވޭނީ ބަންދު ދުވަސްތަކުގައި މެދުކެނޑުމެއް ނެތި، ހިދުމަތް ދޭން މަސައްކަތަށް ނެރެފައިވާ މުވައްޒަފުންނަށެވެ.

މީގެ އިތުރުން އިތުރު ގަޑީގެ ފައިސާ ދެވޭނީ ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅުއްވާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ދައުލަތުގެ އިދާރާ ތަކުން މަސައްކަތަށް ނެރެފައިވާ މުވައްޒަފުންނާއި ދައުލަތުގެ އިދާރާ އަކުން ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ދިނުމަށްޓަކައި އެ އިދާރާގެ އެއްގެ އެންމެ އިސްވެރިއަކު އަންގާ ގޮތެއްގެ މަތިން މަސައްކަތަށް ނެރެފައިވާ މުވައްޒަފުންނަށެވެ.

އިތުރު ގަޑި ދޭނެ އުސޫލު ކުރުކޮށް

  • އޮފީސް ބަންދު ދުވަސްތަކުގައި މަސައްކަތަށް ނެރުނު މުވައްޒަފުން
  • ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގަވައިގެން މަސައްކަތަށް ނެރެފައިވާ މުވައްޒަފުން
  • އިދާރާގެ އެންމެ އިސްވެރިއާ ކަނޑައަޅާ ގޮތެއްގެ މަތިން މަސައްކަތަށް ނެރެފައިވާ މުވައްޒަފުން
  • އިތުރު ގަޑީގެ ފައިސާ ލިބޭނީ ރަސްމީ ގަޑިއަށްވުރެ އިތުރަށް މަސައްކަތް ކުރިނަމަ

ފިނޭންސުން އިތުރަށް ބުނެފައިވާ ގޮތުގައި އޮފީހަށް ނެރޭ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ހަމަޖައްސަން ވާނީ ރަސްމީ ގަޑީގެ ގޮތުގައި އެ މުވައްޒަފަކު، ކަނޑައަޅާފައިވާ ވަގުތަށްވުރެ އިތުރަށް މަސައްކަތް ކޮށްފައިވާ ނަމަ އެވެ.

މުވައްޒަފުގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން މެންދުރު 2:00 އަށް ނަމަ، މަސައްކަތު ދުވަހުގެ އިތުރު ގަޑީގެ ފައިސާ ދޭނީ ހަ ގަޑިއިރު ހަމަ ކުރުމަށްފަހު އިތުރަށް މަސައްކަތް ކުރި ވަގުތަށެވެ. މަސައްކަތު ދުވަހުގެ ރަސްމީގަޑީގެ ބައެއްގައި ނުވަތަ ރަސްމީ މަސައްކަތުގައި ފަހުގެ ވަގުތުތަކެއްގައި މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވި ނަމަވެސް އިތުރު ގަޑީގެ ފައިސާ ދޭން ވާނީ އެ މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވި ވަގުތުން ފެށިގެން ހަ ޑިއިރު ހަމަ ކުރުމަށްފަހު އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔެ އަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަށްވާނެތީ ސަރުކާރު މުވައްޒަފުންނަށް މަސައްކަތް ހަވާލު ކުރަންވާނީ އިތުރު ގަޑީގައި މަސައްކަތް ކުރަން ނުޖެހޭނެ ގޮތަށް ބަލައިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ވަނީ މި އަހަރު ރާއްޖޭގެ އިގްތިސޯދު ވަރަށް ދަަށްވާނެ ކަމަށް ބުނެފަ އެވެ.