ދުނިޔެ

ރޮހިންޔާ މައްސަލަ: މިއަންމާގެ ލީޑަރުންގެ އެފްބީ ޕޯސްޓުތައް ހޯދަނީ

Jun 11, 2020

މިއަންމާ ސަރުކާރުން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ގަތުލުއާއްމެއް ހިންގާކަމަށް ތުހުމަތުކޮށް ދުނިޔޭގެ ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، މިއަންމާގެ ސަލާމަތީ ބާރުތަކުގެ ވެރިންގެ ފޭސްބުކް ޕޯސްޓުތައް ހޯދަން، އެމެރިކާގެ ކޯޓަކަށް ހުށަހަޅައިފި އެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައިދިނުމަށް، މިމައްސަލަ އދ.ގެ ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ ދަ ގެމްބިއާއިންނެވެ.

މި މައްސަލައިގައި އެކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގާ "ގަތުލުއާއްމު" ން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން އެ ގައުމަށް އަމުރު ކޮށްފަ އެވެ. އަދި 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނަށް ފެތޭ، އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް މިޔަންމާއިން ދީފައިވާކަމަށް މިމައްސަލަ ބެއްލެވި 17 ފަނޑިޔާރުންގެ ޕެނަލުން ނިންމާފައިވެއެވެ.

ދެހާސް ސޯޅަ ވަނަ އަހަރު މިޔަންމާ ސިފައިން އެ ގައުމުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކުގެ ސަބަބުން 750،000 އަށްވުރެ ގިނަ މީހުން ވަނީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަ ކޮށްފަ އެވެ. ލާއިންސާނީ އަމަލުތަކުގައި މިޔަންމާގެ ސިފައިންވަނީ ގިނަ އަދަދެއްގެ މުސްލިމުން ގަތުލު ކޮށްފަ އެވެ.

އެގޮތުން، 2018 ވަނަ އަހަރު، ރޮހިންޔާ އާ މެދު ނަފުރަތު އުފެއްދުމަށް ފޭސްބުކް މެދުވެރިކޮށްފައިވާކަމަށް އދ. އިގެ ތަހުގީގީ ޓީމަކުން ވަނީ ބުނެފަ އެވެ. އަދި އެކަން ހުއްޓުވަން މަސައްކަތް ކުރަމުންދާކަމަށް އޭރު ފޭސްބުކް އިން ވެސް ބުނެފައިވެ އެވެ.

ދަ ގެމްބިއާގެ ފަރާތުން މިދިއަ ހޯމަ ދުވަހު އެމެރިކާގެ ކޮލަމްބިއާގެ ޑިސްޓްރިކްޓު ކޯޓަށް ވަކީލުން ހުށަހެޅި މައްސަލާގައި އެދިފައިވަނީ މިއަންމާގެ ސަލާމަތީ ބާރުތަކުގެ އިސް އޮފިޝަލުންގެ ފޭސްބުކް ޕޯސްޓުތަކާއި މެސެޖުތައް ހޯދައި ދިނުމަށެވެ.

އެ ޕޯސްޓުތަކާއި މެސެޖުތަކުގައި، ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ގަތުލުއާއްމެއް ހިންގުމުގެ ފިކުރު މިއަންމާގެ ސަލާމަތީ ބާރުތަކުގެ މެދުގައި އޮތްކަމުގެ ހެކި ހުރުމުގެ ފުރުސަތު ބޮޑުކަމަށް ވަކީލުން ވަނީ ބުނެފަ އެވެ.

ފޭސްބުކްގެ ތަރުޖަމާނަކު ވިދާޅުވެފައިވަނީ، ކޯޓަށް ހުށަހެޅި މައްސަލަ އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ގާނޫނީ އިމުގެ ތެރެއިން އެ ހުށަހެޅުން ބަލަމުން އަންނަ ކަމަށެވެ.