މާބަނޑު އަންހެނުންގެ ދަރިފުޅު ބަނޑަށް މަރުވާ މައްސަލަތަކުގައި އިހުމާލުތައް އިތުރަށް ހުއްޓުވުމަށް އެ މައްސަލަތައް ތަހުގީގު ކުރަން ޖެހޭ ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅު ވެއްޖެ އެވެ.
ހއ. ބާރަށުގައި އިއްޔެ މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވި ހަބަރު ރީޓުވީޓް ކުރައްވަމުން ގައްސާން ވިދާޅުވީ ތުއްތު ކުދިން މަރުވާ މިންވަރު ނިސްބަތުން 8.6/1000 ގައި ހިފަހައްޓާފައި ހުންނަތާ އަހަރުތަކެއް ވެފައިވާ ކަމަށާއި ނަމަވެސް މިދިޔަ ދެ މަސް ތެރޭގައި އެކަނި ވެސް ވިހެއުމުގެ ކުރިން ފަސް ކުދިން މަރުވެފައިވާ ކަމަށެވެ.
މިދިޔަ ދެ މަސް ތެރޭގައި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ލޮކްޑައުންކޮށްފައިވާއިރު، ގައްސާން ވިދާޅުވީ އިދާރީ ގޮތުން އަޅާފައި ހުރި ފިޔަވަޅުތަކީ ފުރާނައަށް ގެއްލުން ލިބިދޭ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އިތުރު އިހުމާލުތަކެއްވުމުގެ ކުރިން އެ މައްސަލަތައް ތަހުގީގު ކުރަން ޖެހޭ ކަމަށް ވެސް ގައްސާން ވިދާޅުވި އެވެ.
ބާރަށުގެ އިތުރުން ދާދި ފަހުން އއ. ތޮއްޑޫ އާއި ދ. ކުޑަހުވަދޫ އާއި ނަރޫދޫގައި ވެސް ވަނީ މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވި ހާދިސާއެއް ހިނގައިފަ އެވެ.