ވިޔަފާރި

މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 81 ޕަސަންޓު ދަށްވެއްޖެ

Jun 11, 2020

ކޮވިޑް-19 ގެ ސަބަބުން މިދިޔަ މެއި މަހު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ބަލައިގަތް އާމްދަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު 81 ޕަސެންޓް ދަށްވެއްޖެ އެވެ.

މީރާ އިން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 206.28 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު އާމްދަނީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 81 ޕަސެންޓުގެ ދަށްވުމެކެވެ.

މީރާގެ އާމްދަނީގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި ބަލައިގެންފައި ވަނީ އެންމެ 7.03 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރުގެ މައި މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި 43 މިލިއަން ޑޮލަރު ބަލައިގެންފައިވެ އެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީ އެވެ. އެއީ ޖުމުލަ އާމްދަނީގެ 55 ޕަސަންޓެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު ލިބިފައިވަނީ 113 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު ޖީއެސްޓީގެ ގޮތުގައި 666 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި ދެވަނަ އަށް އެންމެ ގިނައިން ލިބިފައިވަނީ އިންކަމް ޓެކްސް އިންނެވެ. އިންކަމް ޓެކުހުގެ ގޮތުގައި މިދިޔަ މަހު ލިބުނީ 19 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު 115 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ މަހު އިންކަމް ޓެކްސް އިން 115 މިލިއަން ރުފިޔާ ލިބުނު ކަމަށް ހިމަނާފައިވަނީ އިންކަމް ޓެކްސް ގާނޫނުގެ ދަށުން ބިޒްނަސް ޕްރޮފިޓް ޓެކްސް އާއި ވިތު ހޯލްޑިން ޓެކްސް ހިމެނިފައިވާތީ އެވެ. މިދިޔަ މަހު ދައުލަތުގެ އާމްދަނީގެ ޖުމްލަ އާމްދަނީގެ 9.7 ޕަސެންޓް އިންކަމް ޓެކްސް ހިއްސާ ކޮށްފައިވެ އެވެ.

އިގްތިސޯދު ހީނަރުވުމުގެ ސަބަބުން ދައުލަތުގެ އާމްދަނީ ދަށްވެފައިވާއިރު، މީރާއަށް ބަލައިގަންނަ އާމްދަނީ އިތުރަށް ހީނަރުވެފައިވަނީ ސަރުކާރު ބަންދުކޮށްފައިވުމެވެ. މީގެ ސަބަބުން މީރާ އިން ވަނީ ޓެކުހުގެ ސުންގަޑި ތަކެއް ފަސްކޮށްދީފަ އެވެ.

ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި ދައުލަތުގެ އާމްދަނީގެ ގޮތުގައި މި އަހަރު 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކުރިން ލަފާ ކުރެވުނުނަމަވެސް މިހާރު ލިބޭނީ 15 ބިލިއަން ރުފިޔާ އެވެ.