ހަބަރު

ބަރުލަމާނީ ނިޒާމަކަށް ދާން ޖެހިއްޖެ ކަމަށް ބެލެވޭ: މުމްތާޒު

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގައި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ދެއްވި ޖަވާބު މެދު ނުރުހުން ފާޅުކުރައްވައި ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހިއްޖެ ކަމަށް ބެލެވޭ ކަމަށް އެ ކޮމިޓީގައި އިންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމެވެ. އެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރުގެ އިތުރުން، ފެނަކަ ކޯޕަރޭޝަންގެ އިސް ބޭފުޅުންނާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މެންބަރުންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން އެއީ ޕްލޭނިން މިނިސްޓްރީގެ މެންޑޭޓްގައިވާ ކަމެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ވިދާޅުވުމުން ކޮމިޓީގައި ތިއްބެވި ބައެއް މެންބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރެއްވި އެވެ. މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ގޮވާލެއްވި އެވެ.

މެންބަރު މުމްތާޒު ވިދާޅުވީ ގިނަ މިނިސްޓަރުންގެ ފަރާތުން ވެސް ޒިންމާދާރުކަން ކުޑަ އަމަލުތައް ފެންނަ ކަމަށެވެ. ބައެއް މިނިސްޓަރުންނަށް އެއް ގޮތަކަށް ވެސް ރައްޔިތުންގެ އިހުސާސްތައް ނުދަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ވިދާޅުވީ ރައްޔިތުންގެ ޝަކުވާތައް އަންނަނީ ވެސް މެންބަރުންނާ ހަމައަށް ކަމަށެވެ.

“މިހާރު އެބަ ސުވާލު އުފެދޭ މިއީ އެންމެ ރަނގަޅު ނިޒާމު ކަމާ މެދު، ރާއްޖޭގެ ވެރިކަން ކުރާ ނިޒާމުގެ ވާހަކަ އަޅުގަނޑު މި ދައްކަނީ. ރައްޔިތުންގެ އިހްސާސްތައް ނޭނގޭ މިނިސްޓަރުންތަކެއް ބައިތިއްބައިގެން އަޅުގަނޑުމެންނަކަށް ނޭނގޭ މިކަން ކުރާނެ ގޮތެއް،" މުމްތާޒު ވިދާޅުވި އެވެ.

މެންބަރު މުމްތާޒު ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަން ވެއްޖެ ކަމަށް ބެލެވޭ ކަމަށެވެ. ބަރުލަމާނީ ނިޒާމެއްގައި މަޖިލީހުގެ މެންބަރުން ވަޒީރުކަމާ ހަވާލުވެގެން ހުންނަވާއިރު ރައްޔިތުންނަށް ސީދާ ޖަވާބުދާރީވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެންނަށް [ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް] ރައްޔިތުން ގުޅަނީ. ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމެއް ގެންނަން ވެއްޖެ ކަން ނޭނގޭ. ބަރުލަމާނީ ނިޒާމެއްގަ ވިއްޔާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒިންމާ ނަގައިގެން މިނިސްޓަރު ކަން ކުރެވެނީ.” މުމްތާޒު ވިދާޅުވި އެވެ.

ބަރުލަމާނީ ނީޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ކޮމިޓީގައި އެމްޑީޕީގެ މެންބަރަކު ވިދާޅުވިއިރު، އެއީ އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ގޮތެވެ. އެންމެ ފުރަތަމަ ނިޒާމު ކަނޑައެޅުމަށް ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް ރައީސް ނަޝީދާއި އެމްޑީޕީން ތާއީދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ.

ނަމަވެސް މިހާރު އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ މެދުގައި މިކަމާ މެދު ހިޔާލުތަފާތުވުންތަކެއްވާ ކަމަށް ބެލެވެ އެވެ. އެއީ އެމްޑީޕީގެ ބައެއް މެންބަރުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް ދެކޮޅު ހައްދަވާ ވާހަކަ ދައްކަވާފައިވާތީ އެވެ. މިދިޔަ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެ ކަމާ ދެކޮޅަށް ވާޙަކަ ދައްކަވާފައިވެ އެވެ.