ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހޯމައިން ފެށިގެން ހުއްދައާ ނުލައި ބޭރުގައި އުޅެވޭނެ

Jun 11, 2020
4

އަންނަ ހޯމަ ދުވަހުން ފެށިގެން އެއްވެސް ހުއްދައަކާ ނުލައި މާލޭގެ މަގުތަކުގައި ވަކި ވަގުތުތަކެއްގައި އުޅެވޭނެ ކަމަށް އިއުލާން ކޮށްފި އެވެ. ހުއްދައާ ނުލައި ބޭރުގައި އުޅެވޭ ގަޑިއަކީ ފަތިހު 5:00 ން ފެށިގެން ރޭގަނޑު 10:00 އަށެވެ. އޭގެ ފަހުން ހުއްދަ ހޯދަން ޖެހެ އެވެ.

އެންއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ހޯމަ ދުވަހުން ފެށިގެން ބޮޑު ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކަސްރަތު ކުރުމާއި ދުވުމަށް ހަވީރު 6:00 އިން ރޭގަނޑު 9:00 އަކަށް ދެވޭނެ އެވެ. ކުޑަކުދިންނަށް ހަވީރު 4:00 އިން 6:00 އަކަށް ބޭރުގައި އުޅެވޭނެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5:00 އިން ހެނދުނު 8:00 އަކަށް ބޭރުގައި އުޅެވޭނެ އެވެ.

ހޯމަ ދުވަހުން ފެށިގެން ޕާކްތަކާއި މައިޒާންތައް ވެސް ހުޅުވާލާނެ އެވެ. އޭގެ އިތުރުން ފިހާރަތަކާއި އޮފީސްތައް ވެސް ހުޅުވޭނެ އެވެ. ފިހާރަތައް ހުޅުވޭނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަކަށެެވެ. ނަމަވެސް ކެފޭ / ރެސްޓޯރެންޓްތަކަށް އަދިވެސް ދެވޭނީ ޑެލިވަރީ އަދި ޓޭކްއެވޭ ހިދުމަތް އެކަންޏެވެ. އެ ހިދުމަތް ދެވޭނީ ރޭގަނޑު 11:00 އާ ހަމައަށެވެ. އޭގެ ފަހުން ހުއްދަ ހޯދަން ޖެހޭނެ އެވެ.

ހުއްދައާ ނުލައި ބޭރުގައި އުޅެވުނު ނަމަވެސް އެކީގައި ތިން މީހުންނަށްވުރެ ގިނައިން އެއްވެ ނޫޅެވޭނެ އެވެ.

އޭގެ އިތުރުން ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި ބަލި ނެތް ރަށްރަށަށް ދަތުރު ކުރުމަށް އޮތް ހުރަސްތައް އުވާލާނެ އެވެ. ނަމަވެސް މާލެއަށް ދަތުރު ކުރުމާއި މާލެއިން ދަތުރު ކުރުމުގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ކަނޑައަޅާނެ އެވެ. މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް މިރޭ ބުންޏެވެ.

އެޗްޕީއޭއިން މިރޭ ވަނީ ކުރިއަށް އޮތް ތިން ދުވަހަށް މާލޭގެ ލޮކްޑައުން އިތުރު ކޮށްފަ އެވެ. ނަމަވެސް ބޭރަށް ނުކުތުމަށް މި ދުވަހު ހުއްދަ ދިނުން އިތުރު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި، މި ތިން ދުވަހަކީ ހޯމަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާ ނިއުނޯމަލްއަށް ތައްޔާރުވުމަށް ދެވޭ ތިން ދުވަސް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހޯމަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ދޭނެ ލުއިތައް މިރޭ އިއުލާން ކުރިއިރު ޖުލައި މަސް ފެށުމާއެކު ދޭނެ ބައެއް ލުއިތައް ވެސް މިރޭ އެންއީއޯސީއިން ހާމަކުރި އެވެ. އެގޮތުން، ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ޓޫރިޒަމާއި މިސްކިތްތައް ހުޅުވާލާނެ އެވެ. ޖިމްތަކާއި ކެފޭ/ރެސްޓޯރެންޓާއި ސެލޫން/ސްޕާ ފަދަ ތަންތަން ވެސް ހުޅުވާލާނެ އެވެ.

މާލޭގައި ކޮވިޑް-19 ފެތުރުމާއެކު، މާލެ ސަރަހައްދަށް ލޮކްޑައުން އިއުލާން ކުރީ އޭޕްރީލް މަހުގެ 15 ދުވަހު އެވެ. ހާލަތަށް ބަދަލު އައިސްފައިވާތީ، އެންމެ ފުރަތަމަ ލުއިތަކެއް ދޭން ނިންމީ މީގެ ދެ ހަފުތާ ކުރިންނެވެ. އެގޮތުން ބޭރަށް ނުކުމެ އުޅެވޭ މިންވަރު އިތުރުކޮށް ހުއްދަ ހޯދުން ލުއިކޮށް ދިނެވެ.