ކޮލޮމްބޯ (ޖޫން 12) - ސްރީލަންކާގައި ކޮވިޑް-19 އާ ގުޅިގެން ފަސް ކުރަން ޖެހުނު އެ ގައުމުގެ އާއްމު އިންތިހާބު އަންނަ އޯގަސްޓް މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމުގެ ހުއްދަ ސިއްހީ އިދާރާތަކުން ދީފައިވާ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެގޮތުން، މި ހަފުތާ ބަންދުގައި، ވޯޓުލާ މަރުކަޒުތަކުގައި އަޅަން ޖެހޭ ސިއްހީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ބަލަން މޮކް އިންތިހާބެއް ބާއްވާނެ ކަމަށް އެ ކޮމިޝަނުގެ ޗެއާމަން މަހިންދަ ދޭޝަޕްރިޔަ ވަނީ ވިދާޅުވެފަ އެވެ.
އަދި އެ މުއްދަތުގެ ތެރޭގައި އެކަށީގެންވާ މިންވަރަށް ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އިންތިހާބު ބޭއްވޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.
ލަންކާގައި އާއްމު އިންތިހާބެއް ބާއްވަން ޖެހުނީ ރައީސް ގޮތާބޭ ރާޖަޕަކްސަ، މާޗް ދެވަނަ ދުވަހު ޕާލަމަންޓު އުވާލައި، އާ އިންތިހާބެއް ބޭއްވުމަށް ނިންމެވުމާ ގުޅިގެންނެވެ. އެގޮތުން، ފުރަތަމަ އޭޕްރީލް 25 ވަނަ ތާވަލުކުރި އިންތިހާބު ކޮވިޑް-19 އާ ގުޅިގެން ފަސް ކުރުމަށް ފަހު، މި މަހުގެ 20 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުމުން އެ ކަމުގެ ހުއްދަ ދޭން ސިއްހީ އިދާރާތަކުން ވަނީ ދެކޮޅު ހަދައިފަ އެވެ.
ނަމަވެސް، ބަލި ފެތުރުން ކޮންޓްރޯލް ކުރެވި، ލޮކްޑައުންގެ ފިޔަވަޅުތައް އަންނަނީ ލުއި ކުރަމުންނެވެ. އެގޮތުން، މި މަހުގެ ފަހުކޮޅު އަލުން ސްކޫލްތަކުގެ ކިޔެވުން ފަށާއިރު، އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަތުރުވެރިންނަށް ބޯޑަރު ހުޅުވާލަން އަންނަނީ ތައްޔާރު ވަމުންނެވެ.
ލަންކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 2،000 އާ ގާތް ކުރާއިރު، އޭގެ ތެރެއިން 11 މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑާ ހެދި އާއްމު އިންތިހާބު ނުބޭއްވި ދިގު ލައިގެން ދިއުމުގެ ސަބަބުން، ދުސްތޫރީ ހުސް ކަމެއްގެ ތެރެއަށް ލަންކާ ވެއްޓިފައިވާ ކަމަށް އެ ގައުމުގެ އިދިކޮޅުން ދަނީ ބުނަމުންނެވެ.
ލަންކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ޕާލަމަންޓެއް އުވާލާތާ ގިނަ ވެގެން ތިން މަސް ދުވަހުގެ ތެރޭގައި އާ އާއްމު އިންތިހާބެއް ބާއްވަން ޖެހޭނެ އެވެ. ގާނޫނު އަސާސީ ގައި ބުނާ މުއްދަތު ވަނީ މި މަހު ދެވަނަ ދުވަހު ހަމަވެފަ އެވެ.
އެކަމާ ގުޅިގެން، ރައީސްގެ ނިންމުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި ދުސްތޫރީ މައްސަލަ، ސުޕްރީމު ކޯޓުން މިދިއަ ހަފްތާގައި ވަނީ ބޭރު ކޮށްލައިފަ އެވެ.