ރޭޕް

ކުޑަކުއްޖާ ރޭޕްކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Jun 13, 2020

މާލޭގެ ގެސްޓް ހައުސެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލަ ފުލުހަށް ހުށައަޅާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 38 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

އަދި އަނިޔާ ލިބިފައިވާ ކުއްޖާއަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ކުއްޖާ މިވަގުތު ހުރީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަމަށްވެސް ފުލުހުން ބުންޏެވެ.

މިދިޔަ މަހު ފަހުކޮޅު ވެސް ވަނީ އުމުރުން 16 އަހަރު ވެސް ނުވާ ކުއްޖެއްގެ އާއިލާ އަށް އޮޅުވާލައިގެން ރަށަކުން މާލެ ގެނެސް ގެސްޓް ހައުސްއެއްގައި ރޭޕް ކުރި މައްސަލައެއް ފެންމަތިވެފަ އެވެ.

އެ މައްސަލަވެސް ތަހުގީގު ކުރަމުންދާއިރު، އެ ކުއްޖާ ރަށުން ގެނައުމުގައި ބޮޑެތި އޮޅުވާލުންތަކާއި، ބިރުދެއްކުމާއި ބިރުދެއްކުމުގެ ކަންތައްތަކެއް ހިމެނޭކަމަށް ފުލުހުން ބުނެފައިވެ އެވެ.