ބައޮޓެކް ކުންފުނި މޮޑާނާ އިން އުފައްދާ ކޮވިޑް-19 ވެކްސިންގެ ތިން ވަނަ ފޭސްގެ ޓެސްޓްތައް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރު ވަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. އަންނަ ޖުލައި މަހު ފަށަން ތައްޔާރުވަމުންދާ މި ޓެސްޓްކުރުމުގައި 30،000 މީހުންނަށް ވެކްސިން ދޭނެ އެވެ.
މި ޓްރައަލްގައި ޓެސްޓްކުރާނީ 100 މައިކްރޯގްރާމް ވެކްސިންގެ އެއް ޑޯޒްގެ މިންވަރެވެ. މި ޑޯޒް އިންސާނުންގެ ގަޔަށް ޖަހާނީ ދެ ފަހަރެއްގެ މަތިންނެވެ.
މި ވެކްސިންގެ ފޭސް 1 ގައި ސިއްހަތު ރަނގަޅު 45 ވޮލަންޓިއަރަކަށް އަޖުމަ ބަލަން ވެކްސިން ދީފައި ވެއެވެ. މީގެ ތެރެއިން އެއްބައި މީހުންނަށް ދަށް ޑޯޒެއް ދީފައިވާއިރު އަނެއްބަޔަކަށް ދިނީ މަތީ ޑޯޒެކެވެ. ނަމަވެސް ފުރަތަމަ ފޭސްގެ ނަތީޖާތައް ދައްކާފައިވާ ގޮތުގައި 100 މައިކްރޯގްރާމްސް އިން ހިތްހަމަޖެހޭ މިންވަރަކަށް، ރައްކާތެރިކަމާއެކު ދިފާއީ ބާރު އުފައްދައިދެ އެވެ.
މި ކުންފުނިން ބުނާ ގޮތުގައި ވެކްސިން ދިނުން ހަށިގަނޑުން ކޮވިޑް-19 ޖައްސާ ވައިރަހާ ދެކޮޅަށް ހަނގުރާމަކުރާނެ އެންޓިބޮޑީޒް އުފައްދާދީފައި ވެއެވެ. ނަމަވެސް ފުރަތަމަ މަރުހަލާގެ ނަތީޖާ އަދި ފުރިހަމަކޮށް އާއްމުކޮށްފައެއް ނުވެ އެވެ. މޮޑާނާ އާ ގުޅިގެން ވެކްސިން އުފެއްދުމުގެ މަސައްކަތްކުރާ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ސައިންސްވެރިންގެ ޓީމުން ވަރަށް އަވަހަށް މި މައުލޫމާތު ހާމަކުރާނެ ކަމަށް ޓައިމް މަޖައްލާގައިވާ މި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
މި ވެކްސިންގެ ފޭސް 2 މިހާރުވެސް ކުރިޔަށް އެބަދެ އެވެ. މި މަރުހަލާގައި ސިއްހަތު ރަނގަޅު 600 މީހަކަށް ވެކްސިން ދީފައި ވެއެވެ. ވެކްސިން ދިން ދުވަހުން ފެށިގެން އަހަރެއް ވަންދެން މި މީހުން މޮނިޓާ ކުރަމުން ގެންދާނެ އެވެ. މި ސްޓޭޖުގައި އެއްކުރަމުން ގެންދާނީ ވެކްސިންގެ ރައްކާތެރިކަމާއި އޭގެ އަސަރުކުރާ މިންވަރާ ބެހޭ މައުލޫމާތު ތަކެވެ. އިތުރު މީހުން މި ޓްރައަލްގައި ބައިވެރިކުރަން ވަނީ ހަމަޖެހިފަ އެވެ. ދެން ބައިވެރިކުރާނީ ކޮވިޑް-19 ޖެހުމުގެ ފުރުސަތު އެންމެ ބޮޑު ސިއްހީ އެހީތެރިންނާއި ދިގު މުއްދަތެއްގައި ހެލްތު ކެއާ ފެސިލިޓީޒްތަކުގައި ތިބެން ޖެހިފައިވާ މީހުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 'އޮޕަރޭޝަން ވާޕް ސްޕީޑް' ޕްރޮގްރާމްގެ ދަށުން އެންމެ ހަލުވި ސްޕީޑްގައި ކޮވިޑް-19 ގެ ވެކްސިން އުފައްދާ މައިގަނޑު ފަސް ކުންފުނިންގެ ތެރެއިން މޮޑާނާ އަކީ އެއް ކުންފުނިކަން ޖޫންމަހު އިއުލާން ކޮށްފައި ވެއެވެ.
ފަސް ކުންފުނީގެ ތެރޭގައި ހޮވިގެން މޮޑާނާ އަށް ވެސް ފެޑެރަލް ސަރުކާރުގެ ފުރިހަމަ ފަންޑިން ވެކްސިން އުފެއްދުމާއި ޓެސްޓްކުރުމަށް އަދި ދުނިޔޭގެ އެންމެންނަށް ލިބޭ ވަރަށް ވެކްސިން އުފެއްދުމުގެ މަސައްކަތަށް ވަނީ ލިބިފަ އެވެ.
މި ކުންފުނީގެ އަމާޒަކީ އަންނަ އަހަރުގެ ކުރީކޮޅު 300 މިލިއަން މީހުންނަށް ދެވޭ ވަރަށް ވެކްސިން އުފެއްދުމެވެ. އަދި އަހަރަކު 500 މިލިއަން އާއި އެއް ބިލިއަން އާ ދެމެދުގެ ޑޯޒެއްގެ ވެކްސިން އުފެއްދުމަށް މޮޑާނާއިން ވަނީ އަމާޒު ހިފާފަ އެވެ.