އިންޓަނޭޝަނަލް ކެރެމް ފެޑެރޭޝަން ކަޕް މުބާރާތު އިންޑިޔާގެ ނާގްޕޫރުގެ ރަށްވެއްސެއް ކަމަށްވާ އިރުޝާދު އަހުމަދު، 37، ކާމިޔާބުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް އޭގެ ފަހުން އެންމެ ހަ މަސް ފާއިތުވީއިރު އޭނާ ވަނީ ހާލުގައި ޖެހިފަ އެވެ. ބަނޑު ފުރާނަ މުއްތި ކުރާނެ މިންވަރު ހޯދަން ވެސް އޭނާއަށް ވަނީ ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފަ އެވެ.
އިރުޝާދު ދިރިއުޅުމަށް ކުރާ މަސައްކަތަކީ އޮޓޯ ރިކްޝާ ދުއްވުމެވެ. ނަމަވެސް ކޮރޯނާ ވައިރަހުގެ ވަބާގެ ސަބަބުން އިންޑިޔާ ލޮކްޑައުންވެ އޭނާގެ އޮޓޯ ވެސް ނުދުއްވާ ބާއްވާފައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެހެންވެ އަތްމަތި މުޅިން ހުސްވެ ހާލުގައި ޖެހުނީ އެވެ.
އިރުޝާދު ބުނި ގޮތުގައި ލޮކްޑައުންގެ ކުރިން އޮޓޯ ދުއްވައިގެން އޭނާއަށް ދުވާލަކަށް 600 ރުޕީސް ވަރު ލިބެ އެވެ. ނަމަވެސް ދެ މަސް ދުވަހު އޮޓޯ ނުދުއްވާ ބާއްވަން ޖެހުމުން އަތުގައި ރައްކާކޮށްފައި ހުރި ފައިސާކޮޅު ވެސް ހުސްވީ އެވެ. މިހާރު އޭނާ އާއި އާއިލާގެ ޚަރަދު ބަރަދު ބަލަހައްޓަނީ ތިމާގެ މީހުންނާއި އެކުވެރިންގެ ދީލަތި އެހީން ކަމަށް އިރުޝާދު ބުންޏެވެ.
އުމުރުން ދުވަސްވެފައިވާ މައިންބަފައިންނާއި އަނބިމީހާ އަދި ތިން ދަރިންގެ ހުރިހާ ޚަރަދެއްގެ ޒިންމާ އިރުޝާދުގެ ކޮނޑުގައި އެޅިފައިވާއިރު އާމްދަނީއެއް ނުލިބުމުން އެމީހުންނަށް ޚަރަދުކުރާނެ ފައިސާ މިހާރު އޭނާގެ އަތަކު ނެތެވެ.
އިރުޝާދު ކާމިޔާބުކުރި އައިއެފްސީ ކަޕް އަކީ ކެރަމްގެ މިނީ ވޯލްޑްކަޕްގެ ގޮތުގައި ބެލެވިފައި ވެއެވެ. މި މުބާރާތުގައި ދުނިޔޭގެ 16 ގައުމަކުން ކުޅުންތެރިން ބައިވެރިވެފައި ވެއެވެ. މިދިޔަ އަހަރު އިރުޝާދު ވަނީ ދެ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ޕްރަޝާންތު ބަލި ކޮށްފަ އެވެ.
އިރުޝާދު ބުނި ގޮތުގައި ޕްރަޝާންތު ވެސް އޭނާއަށް އެހީތެރިވުމުގެ ގޮތުން މުބާރާތުގައި ބައިވެރިވި އެހެން ބައެއް ކުޅުންތެރިންގެ ކިބައިން ވެސް އޭނާއަށް އެހީވާން އެދުނު ކަމަށެވެ. ވިދަރްބާ ކެރަމް އެސޯސިއޭޝަން (ވީސީއޭ) އިން ވެސް ވަޒީފާއެއް ލިބޭތޯ އޭނާ ވަރަށް ގިނަ ފަހަރު އެ އެސޯސިއޭޝަންގައި ވެސް އެދުނެވެ. ނަމަވެސް އޭނާއަށް ވަޒީފާއެއް ލިބޭ ގޮތެއް ނުވި އެވެ.
"އަހަރެން ޑިސްޓްރިކްޓް ނުވަތަ ސްޓޭޓް ލެވެލްގެ މުބާރާތެއް ކާމިޔާބުކުރާ ކޮންމެ ފަހަރަކު އެކިއެކި ސިޔާސީ މީހުން އައިސް ބައްދަލުކޮށް ވަރަށް ހިތްވަރުދީ ހަދާނެ. ނަމަވެސް ވަޒީފާއަކަށް އެދުނީމަ އެއްވެސް މީހަކު އަޅައެއް ނުލި. އެކި ގައުމީ މުބާރާތްތަކުގައި ވެސް އަހަރެން ވީސީއޭގެ ފަރާތުން ބައިވެރިވެ ވަރަށް ގިނަ މުބާރާތް ކާމިޔާބު ކޮށްދީފައި ވާނެ. އަހަރެން ގަބޫލުކުރާ ގޮތުގައި އަހަންނަށް ވަޒީފާއެއް ހޯދައި ދިނުމުގައި އެމީހުން އެހީތެރި ވާން ޖެހޭނެ،" އިރުޝާދު ބުންޏެވެ.
ވީސީއޭގެ ސެކްރެޓަރީ ޕްރަބްޖީތު ސިންގް ބައްޗަރް ބުނި ގޮތުގައި އިރުޝާދު އަށް ވަޒީފާއެއް ހޯދައިދޭން ވަރަށް ގިނަ ސިޔާސީ ފަރާތްތަކުގައި އެ އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ. އަދި އޭނާ ނޫނަސް މޮޅަށް ކެރަމް ކުޅޭ ހުރިހާ ކުޅުންތެރިންނަށް ވެސް ވަޒީފާ ހޯދާ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސެކްރެޓަރީ ބުންޏެވެ.