މިއަދު އައި ބާރުގަދަ ކޮޅިގަނޑެއްގައި ވެރިރަށް މާލެއަށް ބައެއް ގެއްލުންތައް ވެއްޖެ އެވެ. އެހެން ނަމަވެސް މި ކޮޅިގަނޑާ ގުޅުންހުރި އެކި ހާދިސާތަކުގައި މީހަކަށް ގެއްލުންވެފަ އެއް ނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވި ގޮތުގައި މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ފާރެއް މިއަދު ހަވީރު އައި ކޮޅިގަނޑުގެ ގަދަ ވަައިގެ ތެރޭގައި ވެއްޓިފައި ވެއެވެ. އަދި އެ ފާރު ވެއްޓުމުގެ ސަބަބުން ދެ ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
މިއަދު ކޮޅިގަނޑު އައި ގަޑީގައި އާންމު ބައެއް ފަރާތްތަކުން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ފާރެއް ވެއްޓިފައި ވަނީ ގަލޮޅު ރަންވިލާ ގޯޅިތެރޭގައި ހަދަމުން ދިޔަ އުސް އިމާރާތަކުންނެވެ.
ފުލުސް އޮފިޝަލު ވިދާޅުވީ ފާރު ވެއްޓިގެން ލިބުނު ގެއްލުންތަކަށް އެ ގޭގެ ވެރިފަރާތުން ޒިންމާވެ ސިޓީ ކައުންސިލާއި ގުޅިގެން އެކަން ހައްލު ކުރަން ކުރަން ޖެހޭ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން ކޮޅިގަނޑުގެ ތެރޭގައި މާލޭގެ ކުޅިވަރު އެކުވެނީގެ ފުރާޅުގެ ބޮޑުބައެއް އެއްލާލައި ގެއްލުންތައް ލިބިފައި ވެއެވެ.
މީގެ އިތުރުން މާލޭގެ އެކި ސަރަހައްދުގައި ހެދިފައިވާ ބޮޑެތި ގަސްތަކުގެ ތެރެއިން ބައެއް ގަސްތައް ވެއްޓި ގެއްލުންތައް ވެފައިވާއިރު އެ ގަސްތައް ނަގާ މަގުތައް ސާފުކުރުމުގެ މަސައްކަތް މިހާރު ސިޓީ ކައުންސިލުން ފަށާފައި ވެއެވެ. އަދި އިމާރާތްތަކުގެ މައްޗަށް ވެއްޓޭހެން ހުންނަ ގަސްތަކުގެ ގޮފިތައް ކެނޑުމުގެ މަސައްކަތްތަށް ވެސް ވަަނީ ފަށާފަ އެވެ.
މިހާރު ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. މި ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. މި ގަދައިގައި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލު ބާރުމިނަށް ވައިގަ ދަވާނެ އެވެ.
މި ދުވަސްވަރު ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެތީ ކަނޑުދަތުރުކުރާ އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ. މާލެއަށް މިއަދު ބާރުގަދަ ކޮޅިގަނޑެއް އައިސް ގެއްލުންވިރު ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކަނޑުމަތީގެ ހާދިސާތަކެއް ވެސް ހިނގާފައި ވެއެވެ.