އަންނަ ހޯމަ ދުވަހުން ފެށިގެން ލޮކްޑައުންގައި ބޮޑެތި ލުއިތަކެއް ދިން ނަމަވެސް ރައްކާތެރި ކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް ދޫކޮށް ނުލަން އެންއީއޯސީން އިލްތިމާސް ކޮށްފި އެވެ.
މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ހޯމަ ދުވަހުން ފެށިގެން ލޮކްޑައުންއަށް ލުއިތައ ދިން ނަމަވެސް އެއީ އާންމު ހާލަތަށް ދާން ދިން ލުޔެއް ނޫން ކަމަށެވެ. އެހެން ކަމުން ލުއި ދިން ނަމަވެސް ޒަރޫރީ ބޭނުމަށް ނޫނީ ގެއިން ނުނުކުންނަން އިލްތިމާސް ކުރައްވާ ކަމަށާއި ގޭގެއަށް ޒިޔާރަތް ކުރުމާއި، ބަލި މީހުންނަށް ގޮވާލަން ދިއުން ފަދަ ކަންކަން އެއްގޮތަކަށް ނުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.
ނަޒްލާ ވިދާޅުވީ މިވަގުތު ވެސް މާލޭގެ ހާލަތު އޮތީ ރެޑް އެލާޓްގައި ކަމަށާ އެހެން ނަމަވެސް ޕޮޒިޓިވްވާ ކޭސްތައް މަދުވުމާއި ގުޅިގެން ހާލަތު ރަނގަޅުވެފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ބަދަލެއް އައި ނަމަވެސް ރައްކާތެރި ކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގައި ހިފަހައްޓަން ޖެހޭ ކަމަށާ އަލުން ހާލަތު ގޯސްވިޔަ ނުދިނުމަށް އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ބޭރަށް ނުކުންނައިރު މާސްކް އެޅުމާއި، ގައިދުރުކަން އިސް ކުރުމަށް ވެސް އޭނާ އެދި ވަޑައިގެންނެވި އެވެ.
"މި ދެވޭ ލުއިތަކަކީ އާ ކަންތައްތަކެއް ދަސް ކުރަން ދެވޭ ފުރުސަތެއް ކަމުގައި ދެކި އެގޮތަށް އަމަލު ކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އެގޮތުން ފިހާރައަށް ފަހަރަކު މީހަކު ވަނުން، ބޭރުގައި އުޅޭނަމަ ގިނަ ބަޔަކު އެކުގައި ނޫޅުން އަދި ބޭރުން އަންނަ ކޮންމެ ފަހަރަކު ވެސް ސައި ބޯނިލައިގެން ރަނގަޅަށް އަތް ދޮވުން. މިއީ ކުރިއަށް އޮތްތާނގައި އަޅުގަނޑުމެން ދާއިމީކޮށް ދެން ކުރާނެ ކަންކަމަށް ހަދަންވީ."
ނަޒްލާ ވިދާޅުވީ ލޮކްޑައުންއަށް ލުއި ދިން ފަހުން މުޖްތަމައުގެ ތެރޭގައި ބަލީގެ ހާލަތު އޮތްގޮތް ދެނެގަތުމަށްޓަކައި ސާމްޕަލްތަކެއް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ފަސް ގުރޫޕަކަށް ބަހާލައިގެން ސާމްޕަލް ނަގާ އިރު ފްރަންޓްލައިން ވޯކަރުންނާއި ސެންޓަރުތަކުގައި މަަސައްކަތް ކުރާ މީހުނާއި އުމުރުން 65 އަހަރުން މަތީގެ މީހުނާއި ތޮއްޖެހިފައިވާ ތަންތަނުގައި އުޅެމުންދާ މީހުންގެ ސާމްޕަލް ނަގާނެ އެވެ. އަދި އުމުރުން 20 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންގެ ސާމްޕަލް ވެސް ނަގާނެ އެވެ.
މީގެ އިތުރުން މަގުމަތިން ސާމްޕަލް ނެގުމުގެ ކަންކަން ވެސް ކުރިއަށްދާތީ ބޭރުގައި އުޅޭ ވަގުތު އައިޑީ ކާޑް ގެންގުޅެން ވެސް އެދިފައި ވެ އެވެ.
ހޯމަ ދުވަހުން ފެށިގެން އެއްވެސް ހުއްދައަކާ ނުލައި މާލޭގެ މަގުތަކުގައި ވަކި ވަގުތުތަކެއްގައި އުޅެވޭނެ އެވެ. އެގޮތުން ފަތިހު 5:00 ން ފެށިގެން ރޭގަނޑު 10:00 ހުއްދަ ވަނީ ދީފަ އެވެ. ކަސްރަތު ކުރުމާއި ދުވުމަށް ހަވީރު 6:00 އިން ރޭގަނޑު 9:00 އަކަށް ދެވޭނެ އެވެ. ކުޑަކުދިންނަށް ހަވީރު 4:00 އިން 6:00 އަކަށް ބޭރުގައި އުޅެވޭނެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5:00 އިން ހެނދުނު 8:00 އަކަށް ބޭރުގައި އުޅެވޭނެ އެވެ.
ހޯމަ ދުވަހުން ފެށިގެން ޕާކްތަކާއި މައިޒާންތައް ވެސް ހުޅުވާލާނެ އެވެ. އޭގެ އިތުރުން ފިހާރަތަކާއި އޮފީސްތައް ވެސް ހުޅުވޭނެ އެވެ. ފިހާރަތައް ހުޅުވޭނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަކަށެެވެ. ނަމަވެސް ކެފޭ / ރެސްޓޯރެންޓްތަކަށް އަދިވެސް ދެވޭނީ ޑެލިވަރީ އަދި ޓޭކްއެވޭ ހިދުމަތް އެކަންޏެވެ. އެ ހިދުމަތް ދެވޭނީ ރޭގަނޑު 11:00 އާ ހަމައަށެވެ. އޭގެ ފަހުން ހުއްދަ ހޯދަން ޖެހޭނެ އެވެ.
ހުއްދައާ ނުލައި ބޭރުގައި އުޅެވުނު ނަމަވެސް އެކީގައި ތިން މީހުންނަށްވުރެ ގިނައިން އެއްވެ ނޫޅެވެ އެވެ.
ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ މިރޭ ވިދާޅުވީ ލޮކްޑައުންއަށް ހޯމަ ދުވަހުން ފެށިގެން ދޭ ލުއިތަކުގެ ތެރޭގައި އެކި އުމުރުތަކަށް ހާއްސަ ވަގުތުތަކެއް ކަނޑައެޅިފައި ވާތީ އެކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ. އަދި ލޮކްޑައުންގައި މަނާ ނޫން ނަމަވެސް ގެއިން ބޭރަށް ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ނުނިކުތުމަށް ވެސް އޭނާ އެދި ވަޑައިގެންނެވި އެވެ.
"އަޅުގަނޑު މި ފުރުސަތުގައި ދަންނަވާލަން ބޭނުން ލުއިތަކެއް ދިން ނަމަވެސް އަދިވެސް މާލޭގައި މި ބަލި [ކޮވިޑް] އެބަ އޮތް، ބަލީގެ މީހުން ދަނީ ފެންނަމުން. އެހެންވީމަ އިރުޝާދުތަކަށް ހުރިހާ ބޭފުޅުން ވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ."
ޖުލައި މަސް ފެށުމާއެކު ދޭނެ ބައެއް ލުއިތައް ވެސް އެންއީއޯސީއިން ހާމަކުރި އެވެ. އެގޮތުން، ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ޓޫރިޒަމާއި މިސްކިތްތައް ހުޅުވާލުން ހިމެނެ އެވެ. ޖިމްތަކާއި ކެފޭ / ރެސްޓޯރެންޓާއި ސެލޫނާއި ސްޕާ ފަދަ ތަންތަން ވެސް ހުޅުވާލާނެ އެވެ.
މާލޭގައި ކޮވިޑް-19 ފެތުރުމާއެކު، މާލެ ސަރަހައްދަށް ލޮކްޑައުން އިއުލާން ކުރީ އޭޕްރީލް މަހުގެ 15 ދުވަހު އެވެ. ހާލަތަށް ބަދަލު އައިސްފައިވާތީ، އެންމެ ފުރަތަމަ ލުއިތަކެއް ދޭން ނިންމީ މީގެ ދެ ހަފުތާ ކުރިންނެވެ. އެގޮތުން ބޭރަށް ނުކުމެ އުޅެވޭ މިންވަރު އިތުރުކޮށް ހުއްދަ ހޯދުން ލުއިކޮށް ދިނެވެ.