ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މި ފެންނަނީ ދެވަނަ ރާޅު ކަމަށް ވުން ކައިރި: ނަޒްލާ

Jul 28, 2020
3

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، މިހާރު ފެންނަމުން ދަނީ ރާއްޖޭގައި އެ ބަލީގެ ދެވަނަ ރާޅެއް ކަމަށް ބުނުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅު ވެއްޖެ އެވެ.

ދެ މަސް ދުވަހަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށްފަހު، އާބާދީގެ ދެ ބައި ކުޅަ އެއް ބައެއްހާ ރައްޔިތުން ގޭ ބަންދުން ވީއްލާފައި ވަނީ މިދިއަ މަހުގެ 15 ވަނަ ދުވަހެވެ. އޭގެ ފަހުން، މިސްކިތްތަކާއި، ކެފޭތަކުގެ އިތުރުން ބައެއް ގްރޭޑް ތަކުގައި ކިޔަވައި ދިނުން އަލުން ފަށާފައިވާއިރު، ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް ވަނީ އިތުރުވާން ފަށައިފަ އެވެ.

މިދިއަ އަންގާރަ ދުވަހުން ފެށިގެން، އިއްޔެ އާ ހަމައަށް 370 ކޭސް ވަނީ ފެނިފަ އެވެ. ނަމަވެސް، ކުރިއާ ހިލާފަށް މިހާރު ގިނައިން ބަލި ޖެހެނީ ދިވެހިންނަށެވެ. އެ އަދަދުތައް އިތުރަށް ބަލާއިރު، މިދިއަ މަހުގެ ނިޔަލަށް ރާއްޖޭގައި ކޮވިޑު ޖެހުނު ޖުމްލަ އަދަދު ހުރީ 2،367 ގަ އެވެ. ނަމަވެސް، އިއްޔެ އާ ހަމައަށް އެ އަދަދު ވަނީ 3،292 އަށް އަރައިފަ އެވެ. މިއީ އެއް މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ހާހެއްހާ ކޭހުގެ އިތުރު ވުމެކެވެ.

އެކަމާ ނަޒްލާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ. ވިދާޅުވީ އެ 370 ކޭހުގެ ތެރެއިން، 249 މީހުނަކީ ދިވެހިންނަށްވުމުން ސިއްހީ މާހިރުންގެ ކަންބޮޑުވުންތައް ބޮޑު ކަމަށެވެ.

އަދި މިހާރު ބައްޔަށް ޕޮޒިޓިވްވާ ގިނަ މީހުނަކީ ކުރީގެ ކޭސްތަކާ ގުޅުމެއް ނެތް މީހުންކަމަށްވާއިރު، ކޮންޓެކްޓް ޓްރޭސިން ހަދާއިރު، ޕޮޒިޓިވްވާ މީހުންނާ ސީދާ ބައްދަލުވާ މީހުންގެ އަދަދުވެސް އެވަރެޖަށްވުރެ އިތުރުވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރައްވަ އެވެ.

"މީގެ މާނައަކީ ގިނަ ބައަކު ބައްޔަށް ހުށަހެޅެމުންދާކަން. އަދި ގިނަ ދިވެހިންނަށް މިހާރު ބަލި ޖެހެމުންދާތީ، އުމުރުން ދުވަސްވީ މީހުން ފަދަ ހައި ރިސްކު މީހުނަށް ބަލި ޖެހުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑު. އެފަދަ މީހުނަކީ މި ބަލީގައި އެންމެ ބޮޑަށް ފުރާނައަށް ނުރައްކާވާ މީހުން. އެހެންވީމާ މަރުގެ އަދަދު ވެސް އިތުރު ވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް،" ނަޒުލާ ވިދާޅުވި އެވެ.

"މިދިއަ ޖޫން މަހުގެ ނިޔަލަށް ހުރި އަދަދުތަކާ އަޅާބަލާއިރު، މިހާރު މި ފެންނަނީ ވަރަށް ބޮޑު އިތުރުވުމެއް. އެހެންވީމާ، މިހާރު މި ފެންނަނީ ދެވަނަ ރާޅެއްކަމަށް ބުނުމުގެ ފުރުސަތު ބޮޑު."

ނަޒްލާ އިތުރަށް ވިދާޅުވީ މިހާރު ފެންނަމުންދާ އަދަދުތަކުގެ އިތުރުން، އެހެން އިންޑިކޭޓަރުތައް ވެސް ސިއްހީ މާހިރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

"އެ އިންޑިކޭޓަރުތައް އިތުރަށް ގޯސްވެއްޖެނަމަ، ބަލި ފެތުރުން ހުއްޓުވަން ކުރިން އެޅި ބައެއް ފިޔަވަޅުތައް އަލުން އިއާދަކުރަންޖެހިދޭނެ،" އޭނާ އިންޒާރު ދެއްވި އެވެ.