މިފަހުން ކޮވިޑް-19 އަށް ޓެސްޓްކުރުން މަދުވި ސަބަބު ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ހާމަކޮށްފި އެވެ.
އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޑަށް ޓެސްޓްކުރުން މަދުވީ އެންމެ ސަބަބަކާ ހެދި ނޫން ކަމަށާއި އެކަމުގައި އެތައް ސަބަބުތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން މީގެ ދެ ތިން ހަފްތާކުރިން އަތޮޅު ތެރެެއިން ގިނަ ކޭސްތަކެއް ފެނި ވަރަށް ގިނަ އަދަދެއްގެ ސާމްޕަލްތަކެއް ނެގުމަށް ފަހު އެރަށްތައް ހަމައަކަށް އެޅުމުން ސާަމްޕަލްތައް ނަގަން ފެށި އަދަދު ދަށްވެގެން ދިޔަކަން ނަޒްލާ ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ކޮވިޑަށް ޓެސްޓްކުރަން އައިޖީއެމްއެޗްގައި ބޭނުންކުރަމުން ދިޔަ އެކްސްޓްރެކްޝަން ކިޓްސް މަދުވެ މެނުއަލް އެކްސްޓްރެކްޝަން ހަދަން ޖެހުމުން އައިޖީއެމްއެޗުން ސާމްޕަލް ޓެސްޓްކުރެވޭ ވަރު މަދުވެގެން ދިޔަ ކަމުގައިވެސް ވިދާޅުވި އެވެ. އައިޖީއެމްއެޗުން މިހާރު ވަނީ ކިޓްތައް އަލުން ހޯދާފަ އެވެ.
"މާލޭގެ މަގުތަކުން ނަގަމުންދާ ރޭންޑަމް ސާމްޕަލްތައްވެސް އަދި ރޯދަ މަސް ފެށުނު ފަހުން ނުނަގާ. އެހެންވީމާ މިހުރިހާ ކަންކަމާ ގުޅިގެން ސާމްޕަލްތައް ނެގޭ އަދަދު މަދުވެފައި މިވަނީ" ނަޒްލާ ވިދާޅުވި އެވެ.
ރޯދަ މަހު މާލެއިން ރޭންޑަމް ސާމްޕަލްތައް ނެގުން މަޑު ޖައްސާލައިފައި އޮތީ ކީއްވެގެން ކަމެއް ނަޒްލާ ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް އަލުން ރޭންޑަމް ސާމްޕަލްތައް ވަރަށް އަވަހަށް ނަގަން ފަށާނެ ކަމުގައި ވިދާޅުވި އެވެ.
ކޮވިޑަށް ޓެސްޓްކުރުން މަދުކުރި ފަހުން ޕޮޒިޓިވްވާ ސާމްޕަލްތަކުގެ އަދަދުވެސް ވަނީ މަދުވެފަ އެވެ. އެގޮތުން މިދިޔަ ހަފްތާގައި ޕޮޒިޓިވްވީ މީހުންގެ އަދަދު ހުރީ އެވްރެޖުކޮށް 100 އިން ދަށުގަ އެވެ.