ރެއާލް މެޑްރިޑް

އެސެންސިއޯ އާއި ހަޒާޑް ފިޓް ވެއްޖެ

ސީޒަންގައި ނުކުޅެވޭނެ ކަމަށް ކުރިން ބެލެވުނު ރެއާލް މެޑްރިޑްގެ މާކޯ އެސެންސިއޯ އާއި ފެބްރުއަރީ މަހު ކުރިމަތިވި އަނިޔާ އާ ގުޅިގެން ސީޒަންގެ ބާކީ ނުކުޅެވޭނެ ކަމަށް ބެލެވުނު އެޑެން ހަޒާޑް ވެސް ފިޓްވުމުން ރެއާލްގެ ސްކޮޑްުގައި އެ ދެ ކުޅުންތެރިން ވެސް ހިމަނައިފި އެވެ.

އެސެންސިއޯގެ ކަކުލަށް އަނިޔާވީ، މި ސީޒަނަށް ތައްޔާރު ވާން މިދިޔަ އަހަރު ޖުލައި މަހު އެމެރިކާގައި ބޭއްވި ރެއާލް މެޑްރިޑްގެ ޕްރީ ސީޒަން މުބާރާތުގެ ތެރޭގަ އެވެ. އެއާއެކު ސީޒަންގަައި އޭނާއަށް ނުކުޅެވޭނެ ކަމަށް ބެލެވުނު ނަމަވެސް ކޮރޯނާ ވައިރަސް އާ ގުޅިގެން ސީޒަން ދިގު ދެމިގެން ދިއުމުން ސީޒަންގެ ބާކީ ބައިގައި ކުޅުމުގެ ފުރުސަތު އެސެންސިއޯ އަށް ވެސް ވަނީ ލިބިފަ އެވެ.

ޗެލްސީ ދޫކޮށް ރެއާލްއަށް ހަޒާޑް ބަދަލުވީ މި ސީޒަންގަ އެވެ. މިހާތަނަށް މި ސީޒަންގައި ތިން ފަހަރު އޭނާއަށް ވަނީ އަނިޔާވެފަ އެވެ. ފެބްރުއަރީ މަހު ލިބުނު އަނިޔާ އާ ގުޅިގެން ސީޒަންގެ ބާކީ ބައިގައި ނުކުޅެވޭނެ ކަމަށް ބެލެވުނު ނަމަވެސް ކޮރޯނާ ވައިރަސްއަށް ފަހު އަލުން ފެށި އިރު އޭނާ އަށްވެސް ކުޅުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.

މިރޭ އެއިބާ އާ ދެކޮޅަށް ރެއާލްގެ ސްކޮޑްގައި ހަޒާޑް އާއި އެސެންސިއޯ ވެސް ވަނީ ހިމަނާފަ އެވެ. އެ ދެ ކުޅުންތެރިން އަނިޔާއިން ރަނގަޅު ވިއިރު އެ ޓީމުގެ ޑިފެންޑަރު ނަޗޯ އަށް ވަނީ އަނިޔާ ވެފަ އެވެ.

އެއިބާ އާ ދެކޮޅަށް ނެގި ސްކޮޑުން ލޫކަސް ވަޒްކުއޭޒް ހިމާނާފައެއް ނުވެ އެވެ. ލަލީގާގެ ތާވަލުގެ ދެ ވަނައިގައި ރެއާލް އޮތީ ވާދަވެރި ބާސެލޯނާއަށް ފަސް ޕޮއިންޓް ފަހަތުގައި އޮތުމުންނެވެ. މިރޭ ގެ މެޗުން މޮޅުވެ ދެ ޕޮއިންޓަށް ފަރަގު ކުޑަ ކުރެވޭނެ އެވެ.

އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ ލީގްގައި ކުރިއަށް އޮތް 11 މެޗަކީ ފައިނަލް ކަމަށެވެ. މިރޭގެ މެޗު ފަށާނީ ރާއްޖޭ ގަޑިން 10:30 ގަ އެވެ.