ބޭރު ކުޅިވަރު

ނުރައްކާ ބޮޑީ ކާކަށް؟ ބްލެޓާ ނޫނީ ޕްލެޓީނީ އަށްތަ؟

Sep 27, 2015

މަގާމުން އިސްތިއުފާދޭން ނިންމައި އާ އިންތިހާބަކަށް ގޮވާލާފައިވާ ފީފާގެ ރައީސް ސެޕް ބެލްޓާ އަށް ފަހު އެ މަގާމު ހޯދުން އެންމެ ގާތް ބޭފުޅާ ކަމަށްވާ ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓިނީގެ ކުރިމަގާމާދު ސީރިއަސް ސުވާލުތަކެއް އުފެދިއްޖެ އެވެ.

ފްރާންސްގެ ކުރީގެ ކެޕްޓަން އަދި ދުނިޔޭގެ ކުރީގެ އެންމެ މޮޅު ކުޅުންތެރިޔާ ޕްލެޓިނީގެ ކުރިމަގާމެދު ސުވާލު އުފެދުނީ ފީފާގެ ނާއިބް ރައީސެއްގެ ގޮތުގައި ހުރެ އެ ޖަމާއަތުން 2011 ވަނަ އަހަރު އޭނާ އަށް 1.3 މިލިއަން ޕައުންޑް ދީފައިވާކަން ފަޅާއެރުމާ ގުޅިގެންނެވެ. ޕްލެޓިނީ ބުނަނީ މިއީ 1999 އިން 2002 ވަނަ އަހަރާ ހަމައަށް ފީފާގައި ބްލެޓާގެ މުޝީރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރި މުއްދަތުގެ އުޖޫރަ ކަމަށެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ސްވިޒަލޭންޑްގެ ތަހުގީގީ އިދާރާ އާއި ފީފާ އެތިކްސް ކޮމިޓީން އުފައްދާ ސުވާލަކީ 11 އަހަރު ކުރިން ކުރި މަސައްކަތަކަށް މާފަހުން އުޖޫރަދީފައިވުމުގެ މައްސަލަ އެވެ. އަދި އެހާ ލަހުން ދީފައިވާ ފައިސާތަކެއް ޕްލެޓީނީ ގަބޫލުކުރީ ކީއްވެގެންކަމާއި އެ ފައިސާދޭން ބްލެޓާ ސޮއިކޮށް ހުއްދަދެއްވީ ކީއްވެކަމާމެދު ތަހުގީގު ޓީމުތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

މީގެ އިތުރުން ޕްލެޓިނީ އަށް ދީފައިވާ ފައިސާ އަކީ އޭނާ އަށް ރިޝްވަތުދިނުމުގެ ގޮތުން ދީފައިވާ ފައިސާ ކަމަށް ވެސް ތަހުގީގު ޓީމުތަކުން ތުހުމަތުކުރެ އެވެ. އެއީ މި ފައިސާ ދީފައިވަނީ 2011 ވަނަ އަހަރުގެ މާޗު މަހު ކަމަށްވެފައި އޭގެ ހަތަރު މަސް ފަހުން ފީފާގެ އިންތިހާބު ބާއްވަން ހަމަޖެހިފައި އޮތުމުންނެވެ. އެފަހަރު ބްލެޓާއާ ވާދަކުރަން ނުކުތް އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާގެ ކުރީގެ ރައީސް ގަތަރުގެ މުހައްމަދު ބިން ހައްމާމް ފުޓްބޯޅައިން ސަސްޕެންޑްކުރީ ކޮރަޕްޝަނުގެ މައްސަލަ ކުރިމަތިކޮށްގެންނެވެ. އަދި އެ އިންތިހާބަށް ހައްމާމާއެކު ޕްލެޓިނީ ވެސް ވާދަކުރައްވާނެ ކަމަށް ބެލެވިފައިވަނިކޮށް ޕްލެޓީނީ ވާދަކުރައްވާފައި ނުވުމަކީ ވެސް މި ފައިސާ އަކީ ރިޝްވަތުގެ ފައިސާ ކަމަށް ޝައްކުކުރެވޭ ސަބަބެވެ.

ޓީވީ ރައިސްޓްސް އާއި ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައެޅުމާއި ވޯލްޑް ކަޕް ޓިކެޓް އަގުބޮޑުކޮށް ވިއްކުން ފަދަ ކޮރަޕްޝަނުގެ އަމަލުތަކާހުރެ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ އަމުރަކަށް ފީފާގެ ބައެއް އިސްވެރިން މިހާރުވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެންމެ ފަހުން މިދިޔަ ހަފުތާގައި ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭ ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އޭނާގެ މެއިލްތައް ބަލައި ފާސްކުރަމުންދާއިރު ފީފާގެ އެތެރެއިން ނޫސްވެރިންނަށް ލިބޭ މައޫލޫމާތުތަކަށް ބުރަވެ ގިނަ ނޫސްތަކުގައިވަނީ ބްލެޓާ އަށްވުރެ މިހާރު ނުރައްކާވެފައިވަނީ ޕްލެޓިނީ އަށް ކަމަށެވެ. ސަބަބަކީ ފީފާގެ ރައީސް ކަމަށް އައުމަށް އެންމެ ބޮޑަށް މަސައްކަތްކުރަމުންދާ މީހަކީ އޭނާ ކަމަށްވުމެވެ.

ފީފާގެ އެތެރެއިން ލިބެމުންދާ މައުލޫމާތުގެ އަލީގައި ބައެއް މީޑިޔާތަކުގައިވަނީ ވަލްކޭ ފަދައިން ބްލެޓާ އާއި ޕްލެޓިނީ ވެސް ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން ސަސްޕެންޑްކޮށްފާނެ ކަމަށް ވަރަށް ބޮޑަށް ލަފާކޮށްފަ އެވެ. އަދި މިފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ޕްލެޓިނީ އަށް ފީފާގެ ރައީސްކަން ލިބުނު ނަމަވެސް އޭނާ އަށް އެ ޖަމާއަތް ހިންގަން ފަސޭހަނުވާނެ ކަމަށް ފީފާގެ އޮފިޝަލުންނާ ހަވާލާދީ މީޑިޔާތަކުން ބުނެ އެވެ.

އަނެއްކޮޅުން ފީފާ އިސްލާހު ކުރުމަށް ބްލެޓާ އައްޔަންކޮށްފައިވާ ކޮމިޓީން ބުނަނީ މި ފައިސާ ގަބޫލުކުރުމުގައި އެއްވެސް ގޯސްކަމެއް އެކުލެވިގެންނުވާކަން ސާބިތުކޮށްދިނުމަކީ ޕްލެޓިނީގެ އަތްމަތީގައި އޮތްކަމެއް ކަމަށެވެ. އެ ކޮމިޓީން މިހެން ބުނިއިރު ޕްލެޓިނީ ވަނީ ފައިސާ ލިބިގަތުމުގައި ގޯސްކަމެއް އެކުލެވިގެންނުވާކަން ސާފުކޮށްދިނުމަށް ސްވިޒަލޭންޑްގެ ތަހުގީގު ޓީމާ ހަތަރު ގަޑިއިރުވަންދެން ވާހަކަ ދައްކަވާފަ އެވެ. ސްވިޒަލޭންޑުގެ އެޓާނީ ޖެނެރަލްގެ އަމުރަކަށް ފީފާގެ ހެޑްކުއާޓަރަކަށް ވަދެ އެ އިއްޔެ ތަހުގީގު ޓީމުތަކުން ހަރަކާތްތެރިވީ ފީފާގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް ވެސް ހިނގަމުންދަނިކޮށެވެ. ނަމަވެސް ގައުމުން ބޭރުގައި ބާއްވާ ހިންގާ ކޮމިޓީގެ ބައްދަލުވުންތަކުގައި ރައީސް ބްލެޓާ ވަނީ ބައިވެރިވެވަޑައިނުގަންނަވަން ނިންމަވާފަ އެވެ. އެއީ ގައުމުން ބޭރަށް ވަޑައިގެންފިނަމަ އޭނާ ހައްޔަރުކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ.

އަނެއްކޮޅުން ފީފާގެ އިންތިހާބުގައި މިދިޔަ ޖޫން މަހު ބްލެޓާއާ ވާދަކުރެއްވި އުރުދުންގެ ޕްރިންސް އަދި ފީފާގެ ކުރީގެ ނާއިބް ރައީސް އަލީ ބިން އަލް ހުސައިން ވަނީ އަންނަ ފެބްރުއަރީ މަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފަ އެވެ. އެންމެ ފަހުގެ އިންތިހާބުގައި ޔޫރަޕުގެ ގިނަ ގައުމުތަކުން އޭނާ އަށް ތާއީދުކުރެއްވީ ޕްލެޓިނީ ވެސް އޭނާއާ އެކު ހުރެގެންނެވެ. ނަމަވެސް ޕްލެޓީނީ ފީފާގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމެވުމުން އަލީ ވަނީ އެކަމާ ދެކޮޅު ހައްދަވާފަ އެވެ. އޭނާ ވިދާޅުވީ ޕްލެޓިނީ އަކީ ބްލެޓާގެ ހިޔަންޏެއް ކަމަށާއި ޕްލެޓިނީ ރައީސްކަމަށް އަތުވެއްޖެނަމަ ފީފާ އިސްލާހު ނުކުރެވޭނެ ކަމަށެވެ.

އަލީ ރަސްމީކޮށް ކެމްޕޭން ފަށާފައިނުވާއިރު އޭނާ އަށް ތާއީދުކުރަނީ ކޮންބަޔަކު ކަމެއް އަދި ޔަގީނެއްނުވެ އެވެ. ކުރީ އިންތިހާބުގައި 73 ގައުމުގެ ތާއީދު ލިބުނު ނަމަވެސް އޭގެ ތެރެއިން ބޮޑުބަޔަކީ ޔޫރަޕުގެ ގައުމުތަކެކެވެ. ޕްލެޓިނީ ރައީސްކަމަށް ވާދަކުރައްވާކަން އިއުލާނު ކުރެއްވުމާއެކު ޔޫރަޕާއި އޭޝިޔާގެ ގައުމުތައް މިހާތަނަށް ތިބީ އޭނާގެ ފަހަތްޕުޅުގަ އެވެ. ނަމަވެސް އެންމެ ނުފޫޒުގަދަ އެއް ގައުމު ކަމަށްވާ އިނގިރޭސިން މިހާރު ތިބީ އަލީ އާއި ޕްލެޓިނީކުރެ މީހަކު އިހްތިޔާރުކުރަން ނޭނގިފަ އެވެ. އަލީ އަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ އޭނާ އަކީ މަހުޖަނެއް ކަމަށާއި ކޮރަޕްޝަނުން ފައިސާ ހޯދަން އޭނާއަށް ނުޖެހޭނެ ކަމަށެވެ.