ހަބަރު

ރައީސް ސޯލިހު ކުރީގެ ރައީސްގެ ހާލު ބައްލަވައިފި

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނަށް މިއަދު މަގުމަތިން މީހަކު ދިމާކޮށް ފުރައްސާރަ ކުރުމާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނަށް ގުޅުއްވައި ހާލު ބައްލަވައިފި އެވެ.

ރައީސް ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމް ހުސެއިން މިއަދު ހެނދުނު މާލެ އުސްފަސްގަނޑު ސަރަހައްދަށް ވަޑައިގެން އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ އެ މަނިކުފާނަށް ހަމަލާ ދީފައިވާ ކަމަށެވެ.

އަދި އެ މަންޒަރު އެ ތަނުގައި ކަސްރަތު ކުރަން ތިބި މީހުނަށް ފެންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ދިމާވި ކަންކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގުޅުއްވި ކަން ހާމަ ކުރައްވައި ރައީސް ވަހީދު މިއަދު ޓްވީޓެއް ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސް ސޯލިހު ގުޅުއްވައި އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާގެ ހާލު އައްސަވައި ކަންކަން ބެއްލެވި ކަމަށާއި އެ ކަމަށްޓަކައި ރައީސަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ކުރީގެ ރައީސް ވަހީދަށާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް ހަމަލާ ދިން ކަމަށް ރައީސް ވަހީދު ވިދާޅުވެފައިވާއިރު އެ މަނިކުފާނަށް މިއަދު ފުރައްސާރަ ކުރި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރައީސް ވަހީދުގެ އެ ޓުވީޓާ ގުޅިގެން ގިނަ ބަޔަކު ދަނީ އެ ކަން ކުށްވެރި ކުރަމުންނެވެ. ކުރީގެ ރައީސުންނަށް ލިބިދޭ އިނާތްތަކުގެ ދަށުން އެމްއެންޑީއެފްގެ ސެކިއުރިޓީ ވެސް ލިބެ އެވެ. ރައީސް ވަހީދުގެ ޓުވީޓުގައި އެމްއެންޑީއެފާއި ރައީސް ސޯލިހު ވެސް ޓެގު ކުރައްވާފައި އެވެ.

ރައީސް ވަހީދަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސެވެ. އަދި ފެބުރުއަރީ 7، 2012 ގައި ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުން ރައީސް ކަމަށް ވަޑައިގެންނެވީ ވަހީދެވެ. އޭގެ ފަހުން އެމްޑީޕީގެ އެކްޓީވިސްޓުން އެންމެ ބޮޑަށް ނުރުހުން ފާޅުކޮށް ފާޑު ކިޔާ ބޭފުޅަކީ ރައީސް ވަހީދެވެ.