ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

"ފުލުހަށް ގެންދަނީ ރައީސްގެ ގޮތެއް ނެތީމަ"

ފުލުސް އޮފީހަށް ހާޒިރު ކުރެއްވީ ސިޔާސީ ބޭނުމެއްގައި ކަމަށާ އެކަމުން އެނގިގެންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގޮތެއް ފޮތެއް ނެތްކަން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އިދިކޮޅު އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިިކު، ރައީސް ސޯލިހަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރެއްވީ މިދިޔަ ހުކުރު ދުވަހު އިދިކޮޅުން ބޭއްވި ސައިކަލް ބުރާއި ގުޅިގެންނެވެ. ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީ އެއްވެފައިތިބި މީހުންނާއި މުހާތަބުކޮށް ރައީސް ވަހީދު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ނިކުމެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އިހުތިޖާޖުގައި މާސްކު ތިރިކޮށް ލެއްވީ ވާހަކަ ދައްކަވަން ފަސޭހައަކަށް ކަމަށެވެ. ފުލުުހުންގެ އިދާރާއަށް ހާޒިރުކުރުމަކީ ސިޔާސީ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުވެސް މިއީ ދިވެހިރާއްޖޭގައި ރައީސްކަން ކޮށްފައިވާ މީހެއް. ދުވަހަކުވެސް، ދުވަހަކުވެސް ސިޔާސީ ބޭނުމަށްޓަކައި ފުލުުހުން ބޭނުންކޮށްފައެއް ނޯންނާނެ. ފުލުހުންގެ މުއައްސަސާ އަގުވައްޓާލުމުގެ މަސައްކަތް ކޮށްފައެއް ނޯންނާނެ،"

މިއަދު ފެނިގެން ދިޔައީ ސިޔާސީ ކަންކަމުގައި ފުލުހުން ބޭނުންކޮށް ފުލުހުންގެ މުއައްސަސާ މެދުވެރިކޮށް ސިޔާސީ ކަންކަން ކުރަން ފެށި މަންޒަރު ކަމަށް ވިދާޅުވެ ރައީސް ވަހީދު ވަނީ ރައީސް ސޯލިހަށްވެސް ފާޑުވިދާޅުވެފައެވެ. ރައީސް ސޯލިހަކީ މިހާރަށްވުރެ ފުދޭ ބޭފުޅަކަށް ވާންޖެހޭ ކަމަށާ އަދި ހިތްވަރު ހުރި ވެރިއަކަށް ވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އިދިކޮޅު ސިޔާސީ ލީޑަރުން ނިކުމެ އެއްޗެއް ބުނާ ކޮންމެ ފަހަރަކު ފުލުސް އޮފީހަށް ހާޒިރުކުރުމަކީ ވަރަށް "ގޮތެއް ފޮތެއް" ނެތް ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ ގޮތެއް ފޮތެއް ނެތީއޭ،"

އަޅުގަނޑު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ ގޮތެއް ފޮތެއް ނެތީއޭ
ޑރ. މުހައްމަދު ވަހީދު ހަސަން މަނިިކު | ކުރީގެ ރައީސް

ފުލުހަށް ހާޒިރުކުރުމަކީ ސިޔާސީ ކަމެއް ކަމަށް ގަބޫލުކުރަން ޖެހޭ ބައެއް ސަބަބުތައްވެސް ވަހީދު ވިދާޅުވެ ދެއްވިއެވެ. ވަހީދު ވިދާޅުވީ "ދެ ރަދުން" ފޮތް ނެރުމަށް ރައީސް ނަޝީދު އެކި ތަންތަނުގައި ބޭއްވި އިވެންޓްތަކުގައި އެތައް ބަޔަކާއެކު މާސްކު ނާޅާ އުޅުއްވި ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ފުރާވަޑައިގަންވަން އެއާޕޯޓަށް ވަޑައިގެން އެތައް ބަޔަކާއެކު އުޅުއްވީވެސް މާސްކު ނާޅާ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

"މިހާރު މި ފެންނަނީ ރައީސުލްޖުމްހޫރިއްޔާ، އަޅުގަނޑުމެން ކުރިން ރާއްޖޭގެ ރައީސްކަން ކޮށްފައި ތިބި މީހުން ފުލުސް އޮފީހަށް ދަމާތަން. އަނެއްކާ އަޅުގަނޑު އެކަނި ގެންދަން ޖެހޭ ސަބަބެއްވެސް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑުގެ ކުރިން ރައީސްކަން ކުރި ބޭފުޅާވެސް މިދޭތެރެއިން ފެނިއްޖެ އެ ބޭފުޅާ ނެރުއްވި ފޮތެއްގައި ސޮއިކުރަންވެސް މާސްކު ނާޅުއްވާވެސް މީހުންނާއެކު އުޅުއްވާތަން. އޭގެ އިތުރުން ފުރާވަޑައިގަންނަވަން ވަޑައިގެން އެއާޕޯޓްގައިވެސް އެތައް ބައިވަރު މީހުން ގޮވައިގެން މާސްކު ނާޅުއްވާ އިންނެވިތަން އަޅުގަނޑު ދުށިން. އެކަމަކު އެމަނިކުފާނު ނުގެނެސް އަޅުގަނޑު ގެނައީމާ އޭގެން ދޭހަވަނީ ހަމަ އެންމެ ކަމެއް. އެއީ އަޅުގަނޑު މިއަދު ސަރުކާރުގެ އޮޕޮޒިޝަންގައި ހުރީމަ. އެހެން ނޫނިއްޔާ އަޅުގަނޑު ނުގެންދާނޭ،"

ހުކުރު ދުވަހު ތިޔަ ފެނިވަޑައިގެންނެވީ ކުޑަ މަންޒަރެއް. އަދި ކުރިއަށް އޮތްތާ އެއަށްވުރެ މާ ބޮޑު މަންޒަރު ފެނިގެންދާނެ. އަދި ސިޔާސީ ޕާޓީގެ ފަރާތުން ދައްކަން ޖެހޭ ވާހަކަތައްވެސް އަޅުގަނޑު ދައްކާނެ
ޑރ. މުހައްމަދު ވަހީދު ހަސަން މަނިިކު | ކުރީގެ ރައީސް

ވަހީދު ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށާ ސިޔާސީ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކުރަން ފެށީ ނާގާބިލްވުމުން ކަންކަން ފޮރުވަން ކަމަށެވެ. އަދި މިއީ ފެެއިލްވުން ފޯކަސް ގެއްލުވާލަން ކުރާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"މި ސަރުކާރު މި އޮތީ ފެއިލްވެފައި، މިކަން [ކޮވިޑް] ކޮންޓްރޯލް ކުރުމުގައި،"

ވަހީދު ވިދާޅުވީ އިދިކޮޅު ހަރަކާތްތަކުގައި އެމަނިިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާ އިދިިކޮޅުގެ އަޑުވެސް އިއްވާނެ ކަމަށެވެ.

"ހުކުރު ދުވަހު ތިޔަ ފެނިވަޑައިގެންނެވީ ކުޑަ މަންޒަރެއް. އަދި ކުރިއަށް އޮތްތާ އެއަށްވުރެ މާ ބޮޑު މަންޒަރު ފެނިގެންދާނެ. އަދި ސިޔާސީ ޕާޓީގެ ފަރާތުން ދައްކަން ޖެހޭ ވާހަކަތައްވެސް އަޅުގަނޑު ދައްކާނެ،" ރައީސް ވަހީދު ވިދާޅުވިއެވެ.

ހުކުރު ދުވަހު ބޭއްވި ސައިކަލް ބުރާއި ގުޅިގެން ރައީސް ސޯލިހުވެސް ވަނީ އިދިކޮޅަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސް ވަހީދުގެ ނަންފުޅު ވިދާޅުނުވެ އެމަނިކުފާނަށްވެސް ފާޑުވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ދުވަސްވަރަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ނުރައްކާ ބޮޑު ދުވަސްވަރެއް ކަމަށާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ބަަޔަކު އުޅެމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

"ވަރަށް ހިތާމަކުރަން މިއަދު ވެސް މާލޭގައި ބަޔަކު މުޒާހަރާ ކޮށްފި. އަޅުގަނޑުމެންގެ ތެރޭ ތިއްބެވި ވަރަށް އިސް ބޭފުޅުން މާސްކު ވެސް ނާޅާ އުޅުއްވި މަންޒަރު ފެންނިގެން ހިނގައްޖެ. އެއީ ވަރަށް ހިތާމަވެރި ކަމެއް،" ރައީސް ވަހީދަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހު ވިދާޅުވިއެވެ.