ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ވަހީދަށް ފުރައްސާކުރި މީހާގެ ދިފާއުގައި އެމްޑީޕީ

މާލޭގެ އުސް ފަސްގަނޑުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނަށް މިއަދު ދިމާކޮށް ފުރައްސާރަ ކުރި މައްސަލަ ބަލަން ފެށުމުން އެމީހާގެ ދިފާއުގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި އެކްޓިވިސްޓުން ތެދުވެއްޖެ އެވެ.

ރައީސް ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމް ހުސެއިން މިއަދު ހެނދުނު މާލެ އުސްފަސްގަނޑު ސަރަހައްދަށް ވަޑައިގެން އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ އެ މަނިކުފާނަށް ހަމަލާ ދީފައިވާ ކަމަށެވެ.

ރައީސް ވަހީދު މިއަދު ވިދާޅުވީ އެ މަންޒަރު މިއަދު އުސްފަސްގަނޑުގައި ކަސްރަތު ކުރަން ތިބި މީހުނަށް ވެސް ފެންނާނެ ކަމަށެވެ. -- އެކްޓިވިސްޓް އެ މީހާއަކީ އެމްޑީޕީގެ ހަރަކާތްތަކުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި ފެންނަ އަދި ވަރަށް މަޝްހޫރު މީހެއް ކަމަށްވާ ޖައުފަރެވެ.

ރައީސް ވަހީދަށް ފުރައްސާރަކުރި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. އަދި ރައީސް ވަހީދަށް ރައީސް ސޯލިހު މިއަދު ފޯނުން ގުޅުއްވާ ހާލު ބައްލަވާފަ އެވެ.

މި ހާދިސާއަށްފަހު އެމްޑީޕީގެ އެހެން ގިނަ އެކްޓިވިސްޓުން ވަނީ ސޯޝަލް މީޑިއާގައި އެއީ މައްސަލައެއް ނޫން ކަމަށް ސިފަވާ ގޮތަށް ވާހަކަ ދައްކާ ވަރަށް ބޮޑަށް ރައީސް ވަހީދާ ދެކޮޅަށް ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި އެމްޑީޕީގެ މަޖިލީސް މެންބަރުން ވެސް ވަނީ ވަހީދަށް ފުރައްސާރަކުރި މީހާއަށް ހިތްވަރުދީ ވާހަކަ ދަައްކާފަ އެވެ.

ވަހީދަށް ހަމަލަދިނުން ކުށްވެރިކޮށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ އަނގަބަހުން އެއްޗެއް ރައްދު ކުރުން ހަމަލާއަކަށް ވަނީ ކިހިނެތްތޯ ސުވާލު ކުރައްވާފަ އެވެ. އަދި ރައީސް ވަހީދުގެ ފަރާތުން ޖިސްމާނީ އަނިޔާ އާއި ގެއްލުން އިންތިހާއަށް ލިބުުނު ރައްޔިތުންގެ ތެރެއިން މީހަކަށް އެވަރު ވެސް ނުކޮށްލެވޭނެތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވީ އެތައް ބަޔަކަށް އަނިޔާ ދިން މީހަކާ ދިމާއަށް އަނގަބަހުން އެއްޗެއް ބުނުމަކީ ބޮޑު "ހަމަލާ" އެއް ކަމަށް ސިފަ ކުރުމަކީ ހަގީގީ ހަމަލާ ލިބުނު އެންމެންނަށް ކުރެވޭ މަލާމާތެއް ކަމަށެވެ.

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވީ އުޅެއުޅެ އަނިޔާއަށް އިންސާފު ނުލިބި، އަނިޔާވެރިޔާ ފެނުމުން އަނިޔާވެރިޔާއާ ދިމާލަށް އެއްޗެއް ބުނެވުމަކީ އިންސާނީ ތަބީއަތް ކަމަށެވެ. މީގެ އިތުރުން އެމްޑީޕީ ސަރުކާރުގެ ބައެއް ވަޒީރުންނާއި އެކްޓިވިސްޓުން ގެންދަނީ ރައީސް ވަހީދަށް މަގުމަތިން ދިމާކޮށް ފުރައްސާރަކުރި މީހާގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.

އެމްޑީޕީ ކުރީގެ ސަރުކާރެއްގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އާދިލް ސަލީމް ވަނީ ރައީސް ވަހީދަށް، ރައީސް ސޯލިހް ގުޅުއްވި ގުޅުއްވުމަށް ވެސް ފާޑުވިދާޅުވެފަ އެވެ. އަދި ވަހީދަށް ފުރައްސާރަކުރި މީހާއަށް ރައީސް ސޯލިހް ގުޅުއްވިތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.

އަދި އޭނާގެ އެ އަމަލު ކުށްވެރިކުރާ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ވެސް އެހެން އެކްޓިވިސްޓުން ގެންދަނީ ރައްދު ދެމުންނެވެ.