ޗައިނާގެ ވޫހާންގެ ސެންޓްރަލް ހޮސްޕިޓަލުގައި މަސައްކަތްކުރި ލޮލުގެ ޚާއްސަ ޑޮކްޓަރު ލީގެ ހުވަފަތް އަނބިމީހާ ފޫ ޒޫޖީ އެ ދެމަފިރިންގެ ދެ ވަނަ ދަރިފުޅު ވިހައިފި އެވެ. ޑރ. ލީ އަކީ ނޮވެލް ކޮރޯނާވައިރަހުގެ ވާހަކަ ފުރަތަމަ މީހުންގެ ސަމާލުކަމަށް ގެނައި ވިސްލްބްލޯވާ ޑޮކްޓަރެވެ.
މިދިޔަ ފެބްރުއަރީ މަހު ޑރ. ލީ މި ދުނިޔެއަށް އަލްވަދާއު ކީއިރު އޭނާގެ އަންހެނުން އެމީހުންގެ ދެ ވަނަ ދަރިފުޅަށް ބަނޑުބޮޑެވެ.
"އެބަ ފެނޭތަ އަހަރުމެންގެ ދަރިފުޅު. އަހަންނަށް ކަލޭ ދިން އެންމެ ފަހުގެ ހަދިޔާ މިއަދު ދުނިޔެއަށް އުފަންވެއްޖެ. އަހަރެން މި ދަރިފުޅަށް ލޯތްބާއި އަޅާލުން ދޭނަން،" ޑރ. ލީ ވެންލިއަންގްގެ ހުވަފަތް އަނބިމީހާ ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ވީޗެޓްގައި ޝެއާކުރި މެސެޖެއްގައި ވެއެވެ.
ޗައިނާގެ ލިޗީ ނިއުސް އާ ވާހަކަ ދައްކަމުން މިސިޒް ފޫ ބުނީ ފިރިމީހާގެ ކުއްލި މަރާ ގުޅިގެން އޭނާއަށް ލިބުނު ބޮޑު ހިތާމައިގެ ސަބަބުން ހާލު ވަރަށް ދެރަވެ ދަރިފުޅަށް ގެއްލުމެއް ވެދާނެތީ ދުވަސްކޮޅަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ވެސް ފަރުވާ ދިން ކަމަށެވެ.
ލީގެ އަންހެނުން އޭނާ ސިފަ ކުރަނީ ވަރަށް ޒިންމާދާރު އެހާމެ ލޯބިވާ ފިރިއެއްގެ ގޮތުގަ އެވެ. އެމީހުންގެ ދޮށީ ދަރިފުޅަށް އޭނާގެ ބައްޕަ މަރުވިކަން ސިއްރު ކޮށްފައިވާ ކަމަށާއި ދަރިފުޅު ކައިރީ ބުނީ ބައްޕަ ބޭރު ގައުމަކަށް ހިނގައްޖޭ ކަމަށް ވެސް ލީގެ އަންހެނުން ބުންޏެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓްގައިވާ ރިޕޯޓެއްގައިވާ ގޮތުން ލީ އަށް ދެ ވަނަ ދަރިފުޅެއް ލިބުނު ޚަބަރު އެ ނޫހުގައި ޖެހުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 8.8 މިލިއަން މީހުން އެ ޚަބަރު ކިޔައި ޚަބަރަށް ލައިކް ދީފައި ވެއެވެ. އަދި ލީގެ ހުވަފަތް އަނބިމީހައަށް ހަމްދަރުދީ އާއި ހެޔޮއެދުމުގެ މެސެޖުތައް ވެސް ވަރަށް ގިނަ ބަޔަކު މިހާރު ދަނީ ފޮނުވަމުންނެވެ.
ޗައިނާގެ ގިނަ ރައްޔިތުންގެ ނަޒަރުގައި ލީ އަކީ ހީރޯ އެކެވެ. ކޮވިޑް-19 އިގެ ވަބާ ފެތުރޭކަމުގެ ޚަބަރު އެއްވެސް ބިރެއްނެތި އެންމެ ފުރަތަމަ މީހުންގެ ސަމާލު ކަމަށް ގެނައީ ލީ ކަމަށް ވާތީ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ލީ މަސައްކަތްކުރި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހެއްގެ ޓެސްޓުތަކުގެ ނަތީޖާތައް ލީ އަށް ފެނުނީ އިއްތިފާގަކުންނެވެ. އެމީހާއަށް ޖެހިފައި ވަނީ މިހާތަނަށް ދެނެގަނެވިފައި ނުވާ ޒާތުގެ މުޅިން އާ ބައްޔެއް ކަން އެ ނަތީޖާތައް ފެނުމުން ލީ އަށް ވިސްނުނެވެ. އެހެންވެ ޕްރައިވެޓް ވީޗެޓް ގްރޫޕެއްގައި އޭނާއާއެކު މަސައްކަތްކުރާ އިތުރު ހަތް އެކުވެރިއަކާ އޭނާ މި ވާހަކަ ހިއްސާ ކުރި އެވެ. އަދި މި މީހާގެ ޓެސްޓްތަކުގެ ނަތީޖާއިން ލަފާ ކުރެވެނީ މި މީހާއަށް ޖެހިފައި ވަނީ ސާސް ކަހަލަ ބައްޔެއް ކަމަށް ވެސް ލީ ބުނެފައި ވެއެވެ. ޗައިނާގެ 2002 އިން 2003 އަށް ސާސް ބަލިމަޑުކަން ފެތުރި އެތައް ސަތޭކަ ބަޔަކު މަރުވެފައި ވެއެވެ.
އެމީހާއަށް ޖެހިފައިވަނީ ކޮން ފަދަ ބައްޔެއްކަން ވެސް ނޭނގިގެން އުޅެނިކޮށް ލީ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރި އެވެ. އޭނާ ހާލު ދެރަވަމުން ގޮސް އައިސީޔޫއަށް ބަދަލުކުރި ފަހުން ކޮވިޑް-19 އަށް އޭނާ ޕޮޒިޓިވް ވިއެވެ. އަދި ބައްޔާ ހަނގުރާމަ ކުރަމުން ދަނިކޮށް އޭނާގެ ފުރާނަ ދިޔައީ އެވެ.