ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށް ވަކިވަކިން ނަމާދު ކުރަން މާލެ ސިޓީގެ މިސްކިތްތައް ހުޅުވާލައިފި އެވެ.
މާލެ ސިޓީގެ މިސްކިތްތައް މުޅިން ބަންދު ކޮށްފައި ވަނީ މިދިއަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ލޮކްޑައުންގެ ހާލަތަށް މާދަމާއިން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމާފައިވާތީ މި ހާލަތުގައި ރައްކާތެރިކަމުގެ ފިޔަަވަޅުތައް އެޅުމާއެކު ޖަމާއަތް ހެދުމަކާއި ނުލައި މިސްކިތްތަކުގައި ނަމާދު ކުރުމަށް ބޭނުންވާ މީހުންނަށް މިސްކިތްތައް ހުޅުވާލަން އެންމެ ރަނގަޅު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް އަދި ދީނީ އިލްމުވެރިން ވެސް އެ މިނިސްޓްރީއަށް ލަފާ ދީފައިވާ ކަމަށެވެ.
އެހެންވެ މިރޭ މަޣްރިބް ނަމާދުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅުގެ ހުރިހާ މިސްކިތްތައް ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް މިނިސްޓްރީން ވަނީ މިސްކިތްތައް ހުޅުވާލާއިރު ސިޓީ ކައުންސިލުން ސަމާލުކަންދޭންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަ ކޮށްފައި ވެއެވެ.
ކައުންސިލުން ކުރަންޖެހޭ ކަންކަން
- ހުޅުވާލާ މިސްކިތްތަކުގެ ކާޕެޓް ނެގުން
- ކޮންމެ ނަމާދެއްގެ ކުރިން މިސްކިތުގައި މޮޕްލައި ސާފުކުރުން
- މިސްކިތުގައި ސައިބޯނިލައިގެން އަތް ދޮވެވޭނެ ގޮތް ހަމަޖެއްސުން
- އެއްވެސް މިސްކިތެއްގައި އެއާކޯން ބޭނުން ނުކުރުން
ނަމާދަށް ދާ މީހުން ސަމާލު ކަމަށް
- ގެއިން ވުލޫ ކޮށްގެން ދިއުން
- މުސައްލަ ގެންދިއުން
- މާސްކް އެޅުން
- މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރު ކުރުން
- މުސައްލަ އެޅުމުގައި ގައިދުރުކަން ބެހެއްޓުން
- އެމީހެއްގެ މުސައްލާގައި ނޫނީ ނަމާދު ނުކުރުން
- ރޯގާ ޖެހި ހުން އައިސް ކެއްސާނަމަ މިސްކިތަށް ނުދިއުން
- ނަމާދު ނިމުމުން މިސްކިތުގައި މަޑު ނުކުރުން
- ފުއްޕާމޭގެ މައްސަލަ މީހުންނާ ދުވަސްވީ މީހުން މިސްކިތްތަކަށް ނުދިއުން
- މިސްކިތާއި ބޭރުގައި އަތް ޖޯޑްކޮށް ސަލާމް ނުކުރުން
- މިސްކިތުގައިވާ ހަތިމްތައް ބޭނުން ނުކުރުން
އިސްލާމިކް މިނިސްޓްރީން ބުނީ އެޗްޕީއޭއިން އިތުރު ލުއިތަކެއް ދޭނަމަ ޖަމާއަތުގައި ނަމާދު ކުރުމާ ގުޅޭގޮތުން އިތުރު ލުއިތަކެއް ދޭނެ ކަމަށެވެ. މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ ސިޓީން ކޮވިޑްގެ ބަލި މީހަކު ފެނުމާއި ގުޅިގެން އެ ދުވަހު މިސްކިތްތައް ވަނީ ބަންދު ކޮށްފަ އެވެ.