ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

އާހާލަތަށް ދައްކާ އިގްތިސޯދުގެ ނަމްބަރުތައް

ކޮވިޑް-19 އަށްފަހު ރާއްޖެ މިއަދު އާ ހާލަތު ނުވަތަ ނިއުނޯމަލް އަށް ނުކުތަން ދަތުރު ފަށާނެ އެވެ. އިޖުތިމާއި ގައިދުރުކަމާއި މާސް އަަޅައިގެން ދިވެހިން މި ދަތި ދަތުރު ފަށާއިރު ރާއްޖޭގެ އިގްތިސޯދު އޮތީ ވާނުވާ ނޭނގޭ ހާލަތެއްގަ އެވެ. ދިވެހިންގެ ދިރިއުޅުމުގެ ބޮޑު ބައެއް ބުރަވެފައިވާ ޓޫރިޒަމް ސެކްޓާ ފަށަން ސަރުކާރުން ކިޔަނީ އަންނަ މަހު އެވެ.

ދެން އޮތް ސިނާއަތްތައް ކަމަށްވާ މަސްވެރިކަމާއި އިމާރާތް ކުރުމުގެ ދާއިރާ ވަނީ ފެށިފަ އެވެ. އިމާރާތް ކުރުމުގެ ދާއިރާގައި ހަދަމުންދާ ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ވަނީ ފެށިފަ އެވެ. ތިރީގައި އެވަނީ ނިއު ނޯމަލް އަށް ނުކުންނައިރު، އިގްތިސޯދީ ހާލަތު ނަމްބަރު ތަކުން ދައްކާ ގޮތެވެ.

ޓޫރިޒަމް ސިނާއަތް- ބިލިއަން ޑޮލަރުގެ ގެއްލުން

ކޮވިޑް-19 ގެ ފުރަތަމަ ބަލި މީހާ ރާއްޖެއިން ފެނުނުއިރު، ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުން ދެއްކީ ވަރަށް ފުރިހަމަ ކޮށެވެ. ޓޫރިޒަމް ސެކްޓާގެ އޮކިއުޕެންސީ ނުވަތަ ޓޫރިސްޓުން ތިބި އަދަދު 70 ޕަސެންޓަށް އަަރަ އެވެ. ނަމަވެސް މިއަދު އެ ހިސާބުތައް ދައްކާނަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބަންދު ކުރި ހިސާބުން ފެށިގެން ހުރިހާކަމެއް ވަނީ ހުއްޓިފަ އެވެ. ނަމަވެސް އަންނަ މަހު ޓޫރިޒަމް ހުޅުވާލާނެ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް މިގޮތަށް ހުޅުވާލިނަމަވެސް މި އަހަރު ރާއްޖޭގެ ޓޫރިޒަމް 50 ޕަސެންޓް ދަށްވެގެން ގޮސް ޓޫރިސްޓުން ހޭދަ ކުރާ ބެޑް ނައިޓްސް 39 ޕަސެންޓް ދަށް ވާނެ އެވެ. އަދި ޖޫންގެ ނިޔަލަށް އޮން އެރައިވަލް ވިސާ ދޫކުރި ނަމަވެސް ޓޫރިސްޓަކު ނާންނާނެ އެވެ. އޮންއަރައިވަލް ވިސާ އަލުން ދޫކުރަން ފަށާ ފަހުން ތިން މަހުގެ ރިކަވަރީ މުއްދަތެއް ނަގާނެ އެވެ. ކޮވިޑްގެ ވައިރަސް ފެތުރުމުގެ ސަބަބުން ކުރިން ޓްރެވަލް ރެސްޓްރިކްޝަން ލެވުނު މާކެޓުތަކުގެ ރިކަވަރީ 97 ޕަސެންޓް ދަށް ވާނެ އެވެ. އެހެން ގައުމުތަކުގެ ރިކަވަރީ ވެސް ފަސް ޕަސެންޓް ދަށްވާނެ އެވެ.

އިމާރާތް ކުރުން- ގިނަ ކުންފުނި ތަކެއް ބަނގުރޫޓު

އިމާރާތް ކުރުމުގެ ދާއިރާގައި 5،000 އާއި 7،000 ދިވެހިން މަސައްކަތް ކުރެ އެވެ. އަދި މި ދާއިރާގައި 40،000 އާއި 50،000 ދެމެދުގެ އަދަދަކަށް ބިދޭސީ ވެސް ހަރަކާތްތެރިވެ އެވެ. ގިނަ ކުންފުނިތައް ދެމިތިބުން ބިނާވެފައި އޮންނަނީ ސަރުކާރުން ހިންގާ، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކުގެ މައްޗަށެވެ. ސަރުކާރުން 10 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަސައްކަތް އިއުލާނު ކުރި އެވެ. ނަމަވެސް ފެށިފައިވަނީ ތިން ބިލިއަނެއްހާ ރުފިޔާގެ މަސައްކަތެވެ. އަދި މިހާރު ސަރުކާރުން ވަނީ ކުރިއަށް ގެންދާ މަސައްކަތް ނޫން އެހެން ހުރިހާކަމެއް ހުއްޓާލަން ނިންމާފަ އެވެ. މިހެންވެ، މި ސިނާއަތަށް ލިބޭ ގެއްލުން ތިން މަހަށް ހިސާބު ހެދިނަމަވެސް ގެއްލުން 600 މިލިއަން ރުފިޔާ އަށް ވުރެ މަތިވެ އެވެ.

ދައުލަތުގެ މާލީ ހިސާބު ތަކުން ފެންނަ ބިރު

އާ ހާލަތަށް ނުކުމެ، އަންނަ މަހު އިކޮނޮމީ ހަންމިނަށް ހުޅުވާލި ނަމަވެސް ދައުލަތުގެ އާމްދަނީ އަށް ބޮޑު ދައްވުމެއް އަންނާނެ އެވެ. މި އަހަރު ކުރިން ބެލެވުނީ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. ނަމަވެސް މިހާރު ބެލެވެނީ ސަރުކާރުން ރާވާ ގޮތަށް ކުރިއަށް ގޮސްފިނަމަ ލިބޭނީ 15.2 ބިލިއަން ރުފިޔާ އެވެ. މި އަހަރު 14.6 ބިލިއަން ރުފިޔާ ނުލިބޭނެ އެވެ. އާމްދަނީ ނުލިބުނުނަމަވެސް ކޮވިޑް-19 އާ ގުޅިގެން، ސިއްހީ ދާއިރާގެ ހޭދަ މިހާރުވެސް ވަނީ 900 މިލިއަން ރުފިޔާއިން މަތީގަ އެވެ. މި އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ 7.13 ޕަސެންޓާއި 9.22 ޕަސެންޓުގަ އެވެ. އެހެންވެ މި ވަރުން ބަޖެޓު ފޫބައްދާ ކަމަށްވާނަމަ އިތުރަށް 13 ބިލިއަން ރުފިޔާ އާއި 16 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހޯދަން ޖެހޭނެ އެވެ. މިހާރުގެ އަންދާޒާއަކީ ގެރެންޓީ ނުހިމަނައި ރާއްޖޭގެ ދަރަނި ހުންނާނީ 70 ބިލިއަން ރުފިޔާގަ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 86 ޕަސެންޓެވެ.

އާ ހާލަތަށް ނުކުންނަން ރާއްޖެ މިއަދު ދަތުރު ފަށައި ވެރިރަށް މާލޭގެ ލޮކްޑައުންއަށް ލުއިދޭއިރު، ފެންނަނީ މި ނަމްބަރުތަކެވެ. މި ހިސާބު ތަކުން ދައްކަނީ އިގްތިސޯދު ހީނަރުވެ އަނަރޫފުވެފައިވާ މިންވަރެވެ. އެކަމަކު މިވެސް ހަމަ އަންދާޒާ އެކެވެ. މީގެ ހަގީގީ ނަމްބަރުތައް އެނގެން ފަށާނީ އަދި ހަތަރު މަސް ވަރު ފަހުންނެވެ.