ދުނިޔެ

ހައްދުފަހަނަޅައި ދަނީ މުސްލިމުން އެކަނިތަ؟

ފްރާންސްގެ މަޝްހޫރު ސެޓްރިކަލް މެގަޒިން، ޗާލީ އެބްޑޯ އަށް، ހަތިޔާރު އެޅި ދެ މީހަކު އިއްޔެ ދިން ހަމަލާ އަކީ މިއަދުގެ އެންމެ ފަލަ ސުރުހީ އެވެ. އެ ހަމަލާގައި އެ މީހުން ވަނީ މަޖައްލާގެ އެޑިޓަރާ އެކު ޖުމްލަ 12 މީހަކު މަރާލައިފަ އެވެ. އޭގެ ތެރޭގައި އެޑިޓަރުގެ ހަށި ފާރަވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކު ވެސް ހިމެނެ އެވެ.

އެއަށް ފަހު އެންމެން ވެސް މި ހަމަލާ ކުށްވެރިކުރަމުން ގެންދަނީ ހިޔާލުފާޅުކުރުގެ މިނިވަންކަމާ ދެކޮޅަށް ދިން ހަމަލާއެއްގެ ގޮތުގަ އެވެ. ނޫސްވެރިން ބިރު ގަންނުވާލުމަށް ދިން ހަމަލާއެއްގެ ގޮތުގަ އެވެ. 

މިހެން ކިޔާފައި ކާޓޫނު ކުރަހާ މީހުންނާއި ދުނިޔޭގެ އެހެން މަޝްހޫރު ނޫސްވެރިން ވެސް އަތާއި އަތް ގުޅާލައިގެން ވަރުގަދަ ކެމްޕޭނެއް ފަށާފައިވާއިރު މި ކެމްޕޭނުގެ އަމާޒު ހިފާފައި ވަނީ ސީދާ މުސްލިމުންނާ ދެކޮޅަށްކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. ކީއްވެގެންތޯ އެވެ؟

ސެޓްރިކަލް މެގަޒިން، ޗާލީ އެބްޑޯ އަށް ހަމަލާ ދިން ކަމަށް ތުހުމަތުކުރެވެނީ، ހައްދުފަހަނަޅައި ގޮސްފައިވާ ޓެސްރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަރުކަށި ފިކުރަށް ތަބާވާ ދެ މީހަކު ކަމަށް ބެލެވޭތީ އެވެ. ހަމަލާ ދިނުމަށް ފަހު އެ މީހުން އުފާފާޅުކުރަމުން ދިޔައީ "ﷲ އަކްބަރު" އޭ ގޮވަމުން ކަމުގައި ވާތީ އެވެ.

އެހެންވީމަ މި މައްސަލައިގެ އަސްލު އޮތް ގޮތް ބަލާލުމަށް އެންމެ ފުރަތަމަ މި ހަފުތާ މަޖައްލާ އިން ފަށަމާ ހިނގާށެވެ.

ހަފުތާއެއްގެ ކޮންމެ ބުދަ ދުވަހަކު، ރަސްމީކޮށް ނެރޭ ޗާލީ އެބްޑޯ އަކީ ސެޓްރިކަލް މެގަޒިން އެކެވެ. ކުރެހުންތަކުން ހިޔާލުފާޅުކޮށް ތަފާތު އެކި މައްސަލަތަކަށް ސަމާސާ ފާޑުކިޔާ މަޖައްލާ އެކެވެ. އެމީހުން ޖޯކު ޖެހުމަށް ވަކި ކަމެއް ނުވަތަ ވަކި މީހެއް ވެސް ނޯވެ އެވެ.

ފްރާންސާއި ދުނިޔޭގެ ސިޔާސީ ކަންކަމުން ފެށިގެން އެކި ދީނީ ފިކުރުތަކަށާއި ސިޔާސީ ވެރިންނާއި ދީނީ އިލްމުވެރިންނަށް ވެސް ޖޯކު ޖަހައި ފާޑުކިޔަ އެވެ. އެމީހުންގެ އެންމެ މަޝްހޫރު ސިފައަކީ ވެސް މިއީ އެވެ. ކާޓޫނު ކުރަހައިގެން ފުރައްސާރައިން ހަމަލާ ދިނުމެވެ.

ހަމަލާ ދިންއިރު މަޖައްލާގެ އެޑިޓަރަކަށް ހުރި، ސްޓެފިން ޗާބޯނިއާ 2012 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ޗާލީ އެބްޑޯ ސިފަކޮށްފައި ވަނީ އިސްލާހަށް މަސައްކަތްކުރާ މަޖައްލާއެއްގެ ގޮތުގަ އެވެ. އަދި ވަކި ދީނަކަށް ތަބާވާ ސިޔާސަތެއް ނޯންނަ ނޫހެއްގެ ގޮތުގަ އެވެ. އެމީހުންގެ ކާޓޫނުތަކުގައި އިސްލާމުންނަށާއި ނަސޯރާ އިން އަދި ޔަހޫދީންނަށް ވެސް ކާޓޫން ފުރައްސާރަކޮށްފައި ހުރުމަކީ ވެސް އޭގެ މިސާލެކެވެ.

ނަމަވެސް މިފަހުން އައިސް މި މަޖައްލާ ބޮޑަށް މަޝްހޫރުވެފައި ވަނީ މުސްލިމުންނަށް އަމާޒުކޮށްގެން ފަތުރަމުން ދިޔަ ފުރައްސާރަ އަށެވެ. ހާއްސަކޮށް މުސްލިމުންގެ ނަމުގައި އެމެރިކާ އާއި ހުޅަނގާ ދެކޮޅަށް ހަނގުރާމަކުރާ ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅު ކާޓޫނުތަކަށެވެ.

މި ސިލްސިލާގެ ތެރެއިން މުސްލިމުންގެ ރަސޫލާ، މުހައްމަދުގެ ފާނަށް ފުރައްސާރަކޮށް ކާޓޫނުތަކެއް ޝާއިއުކުރި ހިސާބަކީ، ހައްދުފަހަނަޅައިގޮސްފައިވާ އިސްލާމީ ހަރުކަށީ ޖަމާއަތްތަކުގެ ރާޑަރަށް ޗާލީ އެބްޑޯ އެރި ހިސާބެވެ.

ޗާލީ އެބްޑޯ އަކީ ވަކި ބަޔަކަށް ޖޯކުޖަހައި ފާޑުކިޔާ ބައެއް ނޫނެވެ. ސިޔާސީ ވެރިންނަށާއި ދީނީ އިލްމުވެރިން އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ނުފޫޒުގަދަ މީހުންނަށް މިގޮތަށް ފާޑުކިޔުމަކީ ވެސް އެމީހުންގެ އާދައެކެވެ. މި ނޫސް މަޖައްލާ އަށް ނަން ދީފައި ވަނީ ވެސް އެފަދަ ގޮތަކަށެވެ.

ބުނެވެ ގޮތުގައި "ޗާލީ އެބްޑޯ" ނުވަތަ "ޗާލީ ވީކްލީ" ގެ ނަން މިއަށް ދިނީ ފްރާންސްގެ ކުރީގެ ރައީސް ޗާލްސް ޑެ ގިއުލޭ އަވަހާރަވުމުން އެކަމަށް ޖޯކުޖެހި މި ކަހަލަ މަޖައްލާއެއް ސަރުކާރުގެ ބާރު ބޭނުންކޮށްގެން ނައްތާލުމުންނެވެ. އެހެންވެ، ސީދާ ރައީސްގެ ނަމުން މަޖައްލާ އަށް ނަން ދިނީ ކަމަށްވެ އެވެ.

މިފަދަ އެތައް ބަޔަކު ޗާލީ އެބްޑޯގެ ސަފުހާތަކުގައި ސަމާސާއަކަށް ހަދައި ފާޑުކިޔާފައިވީ ނަމަވެސް މި މަޖައްލާ އަކީ މުސްލިމުންނާއި "ޓެރަރިސްޓުން" ނާ ގުޅުވައިގެން ޖޯކު ޖެހުމަށް ވަކިން ހާއްސަ ޝައުގުވެރިކަމެއް ހުންނަ މަޖައްލާ އެކެވެ. އެހެން ދީންތަކަށް ވުރެ ބޮޑަށް މި މަޖައްލާ އިން އިސްލާމް ދީނަށް ފުރައްސާރަކުރާކަން ފާހަގަކޮށްލެވެ އެވެ.

އެގޮތުން ޑެންމާކުގައި ރަސޫލާ އަށް ފުރައްސާރަކޮށްފައިވާ ކާޓޫނުތަކެއް ޝާއިއުކުރުމުން މައްސަލަ ހޫނުވެފައި ވަނިކޮށް މި މަޖައްލާ އިން 2006 ވަނަ އަހަރު އެ ކާޓޫނުތައް އަލުން ޝާއިއުކުރުމަކީ އޭގެ އެއް ހެއްކެވެ.

އެއަށް ފަހު ރަސޫލާ އަށް ފުރައްސާރަކޮށްފައިވާ އެމީހުންގެ ހާއްސަ އެޑިޝަނެއް ވެސް 2011 ވަނަ އަހަރު ނެރުނެވެ. އެމީހުންގެ އޮފީހަށް ބަޔަކު މީހުން އެފަހަރު އަލިފާންބޮމުގެ ހަމަލާއެއް ވެސް ދިނެވެ.

އެމީހުންގެ މުސްލިމުންނާ ވަކިން ޖައްސާލައިގެން ކެމްޕޭނެއް ކުރިއަށް ގެންދާކަން ފާހަގަކުރެވިގެން ފްރާންސް ސަރުކާރުން ވެސް އެ މައްސަލަ އަށް އަލިއަޅުވާފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ. ހައްދުފަހަނަޅާފައިވާ މުސްލިމުންނަށް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ފާޑުކިޔަމުން ގޮސް ޗާލީ އެބްޑޯ ވެސް އެންމެފަހުން ހައްދުފަހަނެޅީ އެވެ.

މުސްލިމުންނާއި އިސްލާމްދީނަށް ފުރައްސާރަ އަމާޒުވާ ގޮތަށް މި މަޖައްލާ އިން ފެށި ކެމްޕޭނަށް ފާޑުވިދާޅުވަމުން ފްރާންސްގެ ޚާރިޖީ ވަޒީރު އޭރު ވިދާޅުވެފައި ވަނީ އެމީހުން ގެންދަނީ އަނދަމުންދާ އަލިފާންގަނޑަކަށް ތެޔޮ އަޅަމުން ކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ވެސް އުސޫލުތަކެއްގައި ހިފަހައްޓަން ޖެހޭ ކަމަށެވެ.

އެމީހުން ބުނަނީ އެމީހުން ވަކި ބަޔަކާ ޖައްސާލައިގެން ނޫޅޭ ކަމަށެވެ. ހުރިހާ ދީންތަކެއްގެ ބަޔަކަށް ވެސް ފާޑުކިޔާ ކަމަށެވެ. ނަމަވެސް މުސްލިމުންނާ ދެކޮޅަށް ޝާއިއުކުރާ ކާޓޫނުތައް ގިނަކަމީ ދެކޮޅުހެދެން އޮތް ކަމެއް ވެސް ނޫނެވެ.

ފްރާންސަކީ ޒަމާނުއްސުރެ ވަކި ދީނަކަށް އިސްކަން ދީފައިވާ ގައުމެއް ނޫނެވެ. ނަމަވެސް މިފަހުން އެގައުމުގައި މުސްލިމުން ދަނީ ބާރުގަދަކުރަމުންނެވެ. މުސްލިމުންގެ އާބާދީ ބޮޑުވެ އެގައުމުގައި މުސްލިމުންނަށް ބާރު ލިބޭ ވާހަކަ އަކީ މިއަދު ވަރަށް ވެސް ބޮޑު އަދި އެހާމެ ހޫނުވެފައި އޮތް މައްސަލަ އެކެވެ.

ޔޫރަޕަށް ބަލާއިރު، މުސްލިމުންގެ އާބާދީ މިހާރު އެންމެ ބޮޑު ގައުމަކީ ފްރާންސެވެ. އެގައުމުގެ އާބާދީގެ 10 ޕަސެންޓް މިހާރު ލިބެނީ މުސްލިމުންނަށެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ މެދުއިރުމަތީގެ ގައުމުތަކުން އައިސް ފްރާންސްގައި ރަށްވެހިވެފައިވާ މީހުންނެވެ.

މުސްލިމުންނަށް ފްރާންސްގެ ރަށްވެހިކަން ދިނުމަކީ ވެސް އެގައުމުގައި ހިޔާލުތަފާތުވެފައިވާ އޮތް ބޮޑު މައްސަލަ އެކެވެ. ފްރާންސްގެ އާންމު މުޖުތަމައުގައި މުސްލިމުންނާ މެދު ގެންގުޅޭ ތަފާތުކުރުމުގެ ސިޔާސަތުތަކަކީ ވެސް މުޅި ދުނިޔެ އަށް މަޝްހޫރު ކަންކަމެވެ. ވަކިން ހާއްސަކޮށް މޫނު ބުރުގާ އަޅާ މުސްލިމުންނަށް ފްރާންސްގައި އަމާޒުވާ ފުރައްސާރަ ބޮޑުކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

މުސްލިމުންނާ ދެކޮޅަށް ފްރާންސްގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ފުރައްސާރައިގެ ކެމްޕޭނެއް ކުރިއަށްދާއިރު މި ނަފުރަތާ އެކު ހަރުކަށި އަމަލުތަކަށް އިތުރު ހިތްވަރެއް ދެމުންދާކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

މިސާލަކަށް ޗާލީ ހިބްޑޯގެ އޮފީހަށް ދިން ޓެރަރިސްޓް މި ހަމަލާ އަކީ ވެސް އޭގެ މިސާލެކެވެ. ރަސޫލާ އަށް ފުރައްސާރަކުރީމަ މުސްލިމުން ރުޅި އަންނަކަން އެނގި ތިބެ މި މަޖައްލާ އިން އެ ފުރައްސާރަ ކުރިއަށް ގެންދިޔައީ އެވެ. ގަސްދުގައި ބަޔަކު ރުޅިއަރުވައި މުޖުތަމައުގެ ހަމަޖެހުން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ނަގާލީ އެވެ.

އެންމެފަހުން މައްސަލަ ހޫނުވެ، ކެތްތެރިކަން ކޮޅުން ލައިގެން ގޮސް ބަޔަކު މީހުން ނޫސް މަޖައްލާ އަށް ހަމަލާދިނުމުން އެންމެނަށް ވެސް ގޯސް މި ވަނީ މުސްލިމު މީހާ އެވެ. އެންމެން ވެސް މުސްލިމުން ސިފަ މި ކުރަނީ ކެތްތެރިކަމެއް ނެތް، ރުޅިގަދަ ބައެއްގެ ގޮތުގަ އެވެ.

އެހެންވީއިރު، ފްރާންސްގައި މުސްލިމުންގެ އާބާދީ ބޮޑުވަމުންދާތީ އެކަމާ ހިތްހަމަނުޖެހޭ އެގައުމުގެ މީޑިއާތަކާއި ސިޔާސީ ވެރިން ފެތެނީ ކޮން ގޮޅިއަކަށް ހެއްޔެވެ؟

ކިތަންމެ ހިޔާލުތަފާތުވިޔަސް ލޭ އޮހޮރުވައިގެން ނުވާނެ އެވެ. ނަމަވެސް ޗާލީ ހިބްޑޯގެ މައްސަލާގައި ހަމައެކަނި މުސްލިމު އެކްސްޓްރިމިސްޓުން ކުށްވެރިކުރެވޭކަށް ނެތެވެ. އަދި މިއީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ވެސް ހައްދުފަހަނަޅައި ގޮސްފައިވާ ކަމުގެ މިސާލެކެވެ.