ބޭރު ކުޅިވަރު

ޗެލްސީގެ ކުޅުން ވަރަށް ގޯސް: މޮރީނިއޯ

Sep 27, 2015

ނިއުކާސަލް ކޮޅަށް ފަހު 11 މިނިޓްގައި ދެ ގޯލު ޖަހައިގެން މެޗު އެއްވަރުކުރެވުނު ނަމަވެސް ޗެލްސީގެ ކުޅުން ވަރަށް ގޯސް ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ނިއުކާސަލްއިން ލީޑު ނަގައި ފުރަތަމަ ދެ ގޯލު ޖެހި މެޗުގައި ޗެލްސީގެ ފުރަތަމަ ގޯލު ޖެހީ 79 ވަނަ މިނިޓްގައި ބްރެޒިލްގެ ރަމިރޭޒް އެވެ. ދެ ވަނަ ލަނޑު ޖެހީ މެޗު ނިމެން ތިން މިނިޓަށްވެފައިވަނިކޮށް ލިބުނު ހިލޭ ޖެހުމަކުން ބްރެޒިލްގެ ވިލިއަން އެވެ.

ނަމަވެސް މެޗަށް ފަހު މޮރީނިއޯ ބުނީ އޭނާގެ ޓީމު ފުރަތަމަ ހާފުގައި މޮޅުވާން މަސައްކަތް ނުކުރާ ކަމަށެވެ.

"ފުރަތަމަ ހާފުގައި އަހަރުމެންގެ (ކުޅުން) ވަރަށް ގޯސް. ރަނގަޅު ވަގުތުތަކުގައި މޮޅަށް ކުޅެގެން މެޗަކުން މޮޅުވެވިދާނެ. އެކަމަކު 45 މިނިޓް ނުކުޅެތިބެފައި އެކަން ކުރަން ވަރަށް އުނދަގުވާނެ. އިންޓަވަލް ގަޑީގައި އަހަރެން ކުޅުންތެރިން ގާތުގައި ބުނިން އެމީހުންގެ ކުޅުން އެހާ ގޯސްވެގެން އުޅޭ ސަބަބު އޮޅުންފިލުވަން އަހަންނަށް ވަގުތެއްނެތޭ. އަހަރެން ވިސްނައިދެވޭތޯ ބެލިން އަހަންނަށް އެކުޅުން ގަބޫލުކުރަން ދަތިކަމަށް،" މޮރީނިއޯ ބުންޏެވެ.

އޭނާ އަދި ބުނީ ކޯޗެއްގެ ގޮތުން އޭނާ ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދެމުން އަންނަ ކަމަށެވެ.

"އަހަންނަކ ޖާދޫގަރެއްނޫން. އަހަރެން ޓީމަށް އަހަންނަށް ކޮށްދެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރިން. އިންޓަވަލް ގަޑީގައި އަހަރެން ބުނިން އަހަންނަށް ބަދަލުކުރެވެން އޮތީ ތިން ކުޅުންތެރިންނޭ. އެކަމަކު އަހަރެން ބޭނުންވެޔޭ ހަ ކުޅުންތެރިން ބަދަލު ކުރަން. އަހަރެން ޝަކުވާކުރިން، އަހަރެން ފާޑުކިން. އަދި އެކަމާ ހީސަމާސާވެސް ކުރިން،" ކޯޗު ބުންޏެވެ.

މި މެޗުން އެއްވަރުވި ނަމަވެސް ނިއުކާސަލްގެ ކޯޗު ސްޓީވް މެކްލެރަން ބުނީ ނަތީޖާ ރަނގަޅު ކަމަށެވެ. ނަމަވެސް މިއީ އޭނާގެ ކޯޗުކަމުގައި ޕްރެމިއާ ލީގުގައި ޖެހިޖެހިގެން ޓީމެއް މޮޅުނުވެ ދިޔަ 11 މެޗެވެ. އެއީ މި ސީޒަނުގައި ނިއުކާސަލް ކުޅުނު ހަތް މެޗާއި މިދިޔަ ސީޒަނުގައި މިޑްސްބްރާ ކުޅުނު އެންމެ ފަހު ހަތަރު މެޗެވެ.

މި މެޗަށްފަހު ޗެލްސީ އޮތީ ހަތް މެޗުން އަށް ޕޮއިންޓާއެކު 15 ވަނާގަ އެވެ. ނިއުކާސަލް އޮތީ ހަތް މެޗުން ތިން ޕޮއިންޓާއެކު 19 ވަނާގަ އެވެ. ޓޭބަލުގެ ކުރީގައި ވަނީ ރޭ ސަންޑަލޭންޑް 3-0އިން ބަލިކުރި މެންޗެސްޓާ ޔުނައިޓެޑެވެ.

އެ ޓީމަށް 16 ޕޮއިންޓް ލިބިފައިވާއިރު 15 ޕޮއިންޓާއެކު ދެ ވަނާގައިވަނީ ރޭ 4-1އިން ޓޮޓެންހަމް އަތުން ބަލިވި މެންޗެސްޓާ ސިޓީ އެވެ. ލިވަޕޫލް ރޭ މޮޅުވީ ވެސްޓްހޭމް އަތުން 3-2އިންނެވެ. އާސެނަލް މޮޅުވީ ލެސްޓާ ސިޓީ އަތުން 5-2އިންނެވެ.