ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ވިޔަފާރި ކުރަން ހިތަކަށް ލިބިފައި!

މާލެ ސަރަހައްދަށް ގެނައި ލޮކްޑައުން ލުއިކޮށްލާ ފިހާރަތަކުން ކުރިއެކޭ އެއްގޮތަށް ވިޔަފާރި ކުރުން ވަނީ ހުޅުވާފަ އެވެ. އާއްމުންނަށް ވެސް ވަނީ ހުއްދަ އަކާއި ނުލައި ރޭގަނޑު 10:00 ޖަހަންދެން ބޭރުގައި އުޅުމަށް ފުރުސަތު ދީފައި ވެއެވެ.

ފުލް ލޮކްޑައުން އޮތް އިރު ކާބޯތަކެތި އަދި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ތަކެތި ގަތުމަށް އޮންލައިން އޯޑަރިން، ޑެލިވަރީ ނިޒާމް އަދި ޝޮޕިންގެ ޕާމިޓް ހޯދައިގެން ފިހާރަތަކުން ވިޔަފާރި ކުރިއަށް ދިއެވެ. ނަމަވެސް އައްނައުނު ފައިވާން ވިއްކާ ފިހާރަތައް އަދި ގިނަ ބޮޑެތި ފިހާރަތަކުން ހިދުމަތެއް ނުދެ އެވެ.

އިއްޔެއިން ފެށިގެން ފިހާރަތަކަށް އާއްމުންނަށް ވިޔަފާރި ކުރުމަށް ވަދެ ނިކުމެވޭ ގޮތް ހަދާފައި ވަނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ. ޑެލިވަރީ ކުރުމަށް ރޭގަނޑު 11 އަށެވެ.

ކޮންމެ ފިހާރައެއްގެ ބޭރުގައި ވެސް، އެތަނަކަށް އެއް ފަހަރާ އެންމެ ގިނައިން ވަދެގެން ޚިދުމަތް ހޯދޭނެ މީހުންގެ އަދަދު ލިޔެފައި ހުންނަން ވެއެވެ. ކޮންމެ ފިހާރައެއްގެ ބޭރުގައި ވެސް ގައިދުރު ކުރުމަށް ހަނދާންކޮށްދޭ ނިޝާންތަކާއި މާކްތައް ކުރަހާފައި ހުންނަންވެ އެވެ. ފިހާރައަށް ވަންނަ އިރު ކޮންމެހެން ވެސް މާސްކް އަޅަންވެ އެވެ. ފިހާރަތަކަށް ވަދެ ނުކުމެވާ އިރު، ސައިބޯނި ލައިގެން އަތް ދޮވެވޭނެ ނުވަތަ ސެނިޓައިޒާ ބޭނުން ކޮށްގެން އަތް ސާފު ކުރެވޭނެ އިންތިޒާމު، ކޮންމެ ފިހާރައަކުން ވެސް ހަމަޖައްސާފައި ހުންނަންވެ އެވެ.

މާލޭގައި ހިންގާ އެކި އެކި ވިޔަފާރިތަކުގެ ތެރެއިން ލޮކްޑައުން ސަބަބުން ސޭލްސް ދަށްވެ ކުލި ނުދެއްކި އަދި ވިޔަފާރި ކުރިއަށް ނުގެންދެވި ބައެއް ފިހާރަތަށް މިހާރު ވަނީ ބަންދު ކޮށްފަ އެވެ. ކާބޯތަކެތީގެ ވިޔަފާރިއަށް މާ ބޮޑު އަސަރެއް ނުކުރި ކަމުގައި ވިއަސް ފަރުނީޗަރު ވިއްކާ ތަންތަނާއި، އަންނައުނު އަދި ފައިވާން އެހެނިހެން ފިހާރަތަކަށް އަސަރު ކުރާނެ އެވެ.

ރޯދަމަހަކީ ފަރުނީޗަރު ވިއްކާ މީހުނަށް އަންނަ އީދެކެވެ. ބަދިގޭ ކަބަޑު ސެޓާއި ބެޑްރޫމް ސެޓު އަދި ގޭގެ ސޯފާ އަދި އެހެނިހެން ފަރުނީޗަރު އާ ކޮށްލަނީ ރޯދައާއި ދިމާކޮށް އަޅުވާ ސޭލްތަކުގަ އެވެ. މިފަހަރުގެ ރޯދައަށް ހަލާކުވެފައި ހުރި އެއްޗެއް ވެސް އާކޮށްލަން މީހުން ޖެހިލުން ވިއެވެ. އޭގެ ބަދަލުގައި އަތުގައި އޮތް ފައިސާއެއް ވިއްޔާ ރައްކާކުރީ އެވެ. އެއްބަޔަކު ކާޑު ގަތީ އެވެ.

އީދު ދުވަހަށް ވެސް އާ ހެދުން ނުހޯދާ އީދެއް އައިސް ދިޔައީ އެވެ. އެހެންޏާ ރޯދަ މަހުގެ ފަހު ދުވަހު ހެދުން ފައިވާން ފިހާރަތަކަށް ބާރު ބޮޑުވަނީ އީދު ހެދުން ހޯދާ މީހުނާއި އެކު އެވެ. މިފަހަރު މިކަމެއް ނެތެވެ. ވޭތުވެ ދިޔަ ދެމަސް ދުވަހު އެންމެ މަދުން މީހުން ގަނެ އުޅުނު ތަކެތީ ގައި މި ދެ ބާވަތް ހިމެނޭނެ ކަމަށް ލަފާ ކުރެވެ އެވެ.

މިހާރު ހުރިހާ ފިހާރައެއް ހެން މިއޮތީ ހުޅުވާލައިފަ އެވެ. ވިޔަފާރި ކުރަން މިއޮތީ ހިތަކަށް ލިބިފަ އެވެ. ޑެލިވަރީ ކުރާއިރު އޯޑަރު ދިން ތަކެތި ނޫން އެހެން އެއްޗެހި ގެއަށް ފޮނުވާ މައްސަަލަ ހައްލު ވާނެ އެވެ.

އެކަކު ފުރަތަމަ މިސްރާބު ޖެހީ އިންޑަސްޓްރިއަލް ޒޯންގެ ހުންނަ ޕެޓްރޯލް ޝެޑަށެވެ. ޕެޓްރޯލް ޝެޑަކީ ސަފަކަށް ތިބޭ ތަނަކަށް ކަމުން ގައިދުރު ކުރުމަށް ބޭނުންވާ ޖާގަ އޮތެވެ. ހީވެފައި އޮތީ ވާރޭ ވެހިފައި އަދި އެއްކޮށް ހުޅުވާލި ދުވަސް ކަމުން ވަރަށް ދިގު ކިއުއެއް އޮންނާނެ ކަމަށެވެ.

ނަމަވެސް ހީކުރި ގޮތަަކަށް ނޫނެވެ. ކިއުގައި މާ ގިނަ މީހުންނެއް ނެތެވެ. ޖެހިލުންވީ ނޫޓު ބަދަލު ކުރަންޖެހޭތީ އެވެ. ނަމަވެސް މިހާރު ކާޑު ޕޭމަންޓް ހެދެ އެވެ. ދެން ބޫޓު ފިހާރަށެވެ. ސައިކަލްގައި ދިޔައިރު ބައެއް ފިހާރަ އަދިވެސް ބަންދުކޮށްފައިވެ އެވެ.

ބޫޓު ގަންނަން ވަން ފިހާރައިގައި ދުވާ ބޫޓު ގަތުމަށް އެހެން މީހުން ވެސް ތިއްބެވެ. ބޫޓެއް ޓްރައިކޮށްލަން ޖެހިދާނެތީ ދިޔައީ ގެއިން އިސްޓާކީނު ހިފައިގެންނެވެ. މިއީ ނިއުނޯމަލް ގައި ކަންތައް ކުރަން އެންމެ ރަނގަޅު ގޮތް ކަމުގައި އަހަންނަށް ފެނުނީތީ އެވެ. ފިހާރައަށް ވަނުމުގެ ކުރިން ރަނގަޅަށް އަތް ސެނިޓެއިޒް ކުރަން ޖެހުނެވެ. ހެޔޮވަރު ކަމުދާ ބޫޓެއް ހިފައިގެން ދެން ދިޔައީ ހެދުން ވިއްކާ ފިހާރައަށެވެ.

މަގުމަތިން ދިޔައިރު ފާހަގަވީ ފިހާރަތަކުގެ ބޭރުގައި އެންގުމާއި އެއްގޮތަށް އެންމެ ގިނައިން ވަދެވޭނީ ކިތަށް މީހުން ކަމެއް ލިޔެފައި ހުރީ މަދު ފިހާރައެއްގަ އެވެ. ބޮޑު ދެ ތިން ފިހާރައިގައި ގިނަ ވެގެން ވަދެވޭނެ މީހުން ޖަހާފައި ކަރުދާސް ގަނޑެއް ހިއްޕާފައި ހުއްޓެވެ.

ތަފާތު އެއްޗަކަށް އަޅައިގަތީ ކުޅު ނުޖެހުމަށް އަންގާފައިވާ ލިޔުމެކެވެ. އެކި ބަހުރުވައިން އެ ވނޯޓިސްގައި ލިޔެފައި ހުއްޓެވެ.

ހެދުން ފިހާރައެއް ބަލައިލާ، މީހުން މަދު އެ ފިހާރައިގައި އެއްޗެއް ގަނެގެން ނިކުތް އިރު ސައިކަލް މަތީގައި މީހަކު އިށީނދެގެން އިނެވެ. އޭނާ އާއި ވާހަކަ ދައްކަން ފަސް ވަރަކަށް މީހުން ތިއްބެވެ.

މާލެ ތެރެއިން ފެނުނީ ކުރިޔާއި ހިލާފަށް މީހުންގެ މޫނުމަތީގައި އަޅާފައިވާ ކުލަ ކުލައިގެ މާސްކްތަކެވެ. އެހެންނޫނީ ހަމަ ނޯމަލެވެ. ވިޔަފާރި ކުރުމުގައި މީހުން އަވަދި ނެތި އުޅެނީ ހިތަކަށް ލިބިފައިވާތީ އެވެ. އެއް ފިހާރައިން އަނެއް ފިހާރައަށް ވަދެ ނިކުމެެ ވެއެވެ. ހެދުމާއި ބޫޓާއި ޓްރައި ކުރެވެއެވެ.