ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ގެއްލުންވެ، ގިނަ ރެސްޓޯރެންޓްތައް ބަންދު ކުރުމުގެ ބިރު!

ދިވެހި ގިނަ ބައެއްގެ ފަސް އިރުގެ ކެއުން ގިނައިން މި އޮތީ ގެއަށްވުރެ ގެއިން ބޭރުގަ އެވެ. މިގޮތުން ބައެއް މީހުން ކަނީ މަހުން މަހަށް ފައިސާ ދީގެން، ރެސްޓޯރެންޓް/ ކެފޭ އަދި ހޮޓާތަކުންނެވެ. އަނެއް ބައެއްގެ "ޑެއިލީ ރޫޓީން" ގައި ރެސްޓޯރެންޓްތަކަށް ގޮސް ކައިލުން ހިމެނެ އެވެ. ކޮންމެ ދުވަހެއްގެ ޝެޑިއުލްގައި ކޮފީ ހިމެނެ އެވެ.

އެހެންވެ ކެއިން ބުއިމުގެ ތަކެތި ވިއްކާ، ހިދުމަތް ދޭ ތަންތަނުގެ ވިޔަފާރިވެފައިވަނީ ޓޫރިޒަމް އާއި ކޮންސްޓްރަކްޝަން އަދި އިމާރާތް ކުރުމުގެ ދާއިރާ ނަގާފަ އެންމެ ބޮޑު ސިނާއަތަށެވެ. މާލޭގައި އެކި ކެއިން ބުއިމުގެ ހިދުމަތް ދޭ، 600 އަށް ވުރެ ގިނަ ތަން ކޮވިޑް-19 ގެ ކުރީގައި އެބަހުއްޓެވެ. ނަމަވެސް އާއްމު އެހެން ވިޔަފާރިތަކަށް ކުރި އަސަރު މި ވިޔަފާރި ތަކަށް ވެސް ކޮށްފި އެވެ. އަންނަ މަހު މި ތަންތަނުގައި ތިބެ ކައި ބޮއެ ހެދޭނެ އިންތިޒާމު ހަމަޖެހުމާ ހަމަ އަށް ދާއިރު، މީގެ ތެރެއިން ގިނަ ވިޔަފާރި ތަކެއް "މަރުވުމުގެ" ބިރު މި ވަނީ ހީވެފަ އެވެ. ގިނަ ރެސްޓޯރެންޓް ތަކެއް މިހާރު ވެސް ވަނީ ދެން ނުވާނެ ކަމަށް ބަލައި ބަންދު ކުރަން ފަށާފަ އެވެ.

"ކެއިން ބުއިމުގެ ވިޔަފާރިއަށް ވަރަށް ބޮޑު އަސަރެއް ކުރާނެ. މިހާރުވެސް ރާއްޖޭގެ މަޝްހޫރު އެތަށްތަނެއް ބަންދުކޮށްފި. ނިއު ނޯމަލްގައި މި ތަންތަން ހުޅުވިނަމަވެސް، މި ވިޔަފާރީގެ ބޮޑު ބައެއް މިކަމާ ދުރަށްދާނެ،" ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު އާމިރު (ސަލްސާ އާމިރު) ވިދާޅުވި އެވެ.

ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން، ނުވަތަ ރެސްޓޯރެންޓްތަކުގެ ވިޔަފާރި ދަށްވެ، ބަންދު ކުރަން މަޖުބޫރުވުމަކީ ހަމައެކަނި ރާއްޖެ އަށް އޮތް ކަމެއް ނޫނެވެ. މި ވިޔަފާރި ބިނާވެފައިވަނީ "ޓޭކް އަވޭ" އާއި "ޑައިނިން- އިން" އަދި "ހޯމް ޑެލިވަރީ" ގެ މައްޗަށެވެ. މި ވިޔަފާރީގެ 80 ޕަސެންޓަށް ވުރެ ބޮޑުބައެއް އޮންނަނީ އެތަނަށް ގޮސް ކައިބޮއެ ހަދާ މީހުންނަށެވެ. ނުވަތަ ޑައިން- އިންގެ މައްޗަށެވެ. އެހެންވެ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ރެސްޓޯރެންޓް ވިޔަފާރި އަށް ވަނީ އަސަރުކޮށްފަ އެވެ. އެމެރިކާގެ އިންޑިޕެންޑެންސް ރެސްޓޯރެންޓް ކޯލިޝަން އިން ރައީސް ޑޮނަލްޑް ޓްރަޕް އާއި ސެނެޓަށް ފޮނުވާފައިވާ ރިޕޯޓެއްގައިވާ ގޮތުން މި އަހަރުގެ ނިޔަކަށް އެ ގައުމުގެ ރެސްޓޯރެންޓްތަކުގެ 87 ޕަސެންޓް މި ވިޔަފާރިއާ ދުރަށް ދާން މަޖަބޫރު ވާނެ އެވެ. ރާއްޖޭގައި މިހާލަތު މިހާރު ވެސް އަތުވެއްޖެ އެވެ.

ރާއްޖޭގެ ގިނަ ރެސްޓޯރެންޓް ތަކަކީ ހޯމްޑެލިވަރީއަށް ތައްޔާރު ތަންތަނެއް ނޫނެވެ. އަދި ހޯމްޑެލިވަރީއަކީ އާއްމުންގެ ތެރޭގައި ވެސް އެވަހަށް މަގުބޫލު ކަމެއް ނޫނެނެވެ. އެހެންވީމަ އާއްމުންގެ އަތްމަތި ދަތިވެ، ހޭދަކުރުން ކުރިއަށް އޮތްތަނުގައި މަދުވެގެންދާއިރު، މި ވިޔަފާރީގެ ބޮޑު ބައެއް ރާއްޖޭގައި ވެސް "ހުލި" ވެގެން ދިއުމުގެ ފުރުސަތު އެބައޮވެ.

ޓިއުލޮޕް އަދި ބޭކާސްގެ މެނޭޖިން ޑިރެެކްޓަރު މުހައްމަދު އަޒްލީމް ވިދާޅުވި ގޮތުގައި ވިޔަފާރީގެ 30 ޕަސެންޓު ވެސް ޑެލިވަރީ އިން ރެސްޓޯރެންޓަށް ނުލި، ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ.

"ކުލި އެންމެ ބޮޑު އެއްޗަކީ. ކުލި ބޮޑުވީމަ ގެއްލުން ވަރަށް ބޮޑު. އެހެންވެ ޓިއުލިޕްއަށް ވަރަށް ބޮޑު ގެއްލުމެއް މިހާރު ވެސް ވެއްޖެ،" އަޒްލީމް ވިދާޅުވި އެވެ.

މަޝްހޫރު ގިނަ ތަންތަނުގައި ބޮޑު ތަޅު!

ރާއްޖޭގެ މަޝްހޫރު ސަލްސާ ރޯޔަލް ރެސްޓޯރެންޓް އާއި ރައްޔިތުން މަޖިލީސް ކައިރީގައި ހިންގާ ފުޑް ބޭންކް ރެސްޓޯރެންޓާއި އޮލިވް ގާޑަންގެ އިތުރުން ފަހުން ޒުވާން ހިޔާލުތަކާއެކު ތަފާތު ކޮންސެޕް ތަކަށް ހުޅުވި ގިނަ ކެފޭ ތަކެއް ވެސް ވަނީ ބަންދުކޮށްފަ އެވެ. މީގެ ގިނަ ތަންތަނުގައި މަސައްކަތް ކުރަމުން ގޮސްފައިވަނީ ހުސް ދިވެހިންނެވެ. އެނގިފައިވާ ގޮތުގައި ހާބަރު ފުޑް ކޯޓްތަކުގައި ހިންގާ ރެސްޓޯރެންޓްތަކުގެ ތެރެއިން ވެސް ހަ ތަނެއް ވަނީ ދޫކޮށްލާފަ އެވެ. އެސްޓީއޯ އިން ސަރުކާރު ބަންދުކޮށްފައި އޮންނަ މުއްދަތުގެ ކުލި މައާފުކޮށްދިން ނަމަވެސް އެހެން ހަރަދުތައް ފޫބެއްދޭނެ ވަރުނެތިކަން ގިނަ ތަންތަން ދޫކޮށްލީ އެވެ.

ފުޑް ބޭންކްގެ ވެރިޔާ، އަހުމަދު ޝަރީފު (ފުޑް ބޭންކް ޝަރީފު) ވިދާޅުވި ގޮތުގައި ފުޑް ބޭންކް ބަންދުކުރަން ޖެހުނީ މިހާލަތުގައި ހިންގޭނެ ކަމަށް ނުފެންނާތީ ކަމަށެވެ.

"މިހާރު ބެލެވެނީ ކުރި އަށް އޮތްތަކުގައި ވެސް ވިޔަފާރި ދައްވާނެ ކަމަށް. އަނެއްކާ މިހާރު ހުރި ކުލިތައް ކުޑައެއް ނުވޭ. އެހެންވެ ހަރަދު ދެކޮޅު ޖެއްސޭނެ ހަމަ އެއްގޮތެއް ވެސް ނުފެނޭ. އެހެންވެ ނުވާނެތީ ބަންދުކުރީ،" ޝަރީފު ވިދާޅުވި އެވެ.

މި ވިޔަފާރިތައް "ބަލި" ވެއްޖެ!

ރެސްޓޯރެންޓް / ކެފޭތައް މި ވިޔަފާރިއާ ދުރަށްދާން މަޖުބޫރުވާ އެއް ސަބަބަކީ ސަރުކާރުން ކޮވިޑް-19 އާ ގުޅިގެން ރިލީފް ޕެކޭޖެއް ދިން ނަމަވެސް، އެހެން ލުއި ތަކެއް ވިޔަފާރިތަކަށް ނުދިނުމެވެ. ހާއްސަކޮށް އާއްމު ރައްޔިތު ގެތަނުގެ ފެން ބިލާއި ކަރަންޓު ބިލަށް ޑިސްކައުންޓް ދިން ނަމަވެސް، ވިޔަފާރިތަކަށް އެފަދަ ލުޔެއް ނުލިބުމެވެ. އެހެންވެ ކުރިއަށް އޮތް ދުވަސްތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުން އާއްމު ހާލަތުގައި ކުރަން ޖެހޭ ހަރަދުތައް މަތިވެގެންދާނެ އެވެ. މިކަމުގެ ސަބަބުން ވިޔަފާރި ކޮށްގެން އެއްކުރި ފައިސާއިން މުވައްޒަފުންނަށް މުސާރަ ދީ، ކަރަންޓު ބިލާއި ފެން ބިލް ދައްކައި ގިނަ ވިޔަފާރިތައް ވަނީ "ބަލި" ވެފަ އެވެ. މި ވިޔަފާރިތަކުގެ ގިނަ ވެރިންގެ އަތްމަތީގައި ހުރި ފައިސާކޮޅު ވެސް ހުސްވުމާ ގާތް ވެއްޖެ އެވެ.

ސަލްސާ އާމިރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތްތަނުގައި ފެން ބިލުތައް ވަރަށް ބޮޑު ވެގެންދާނެ ކަމަށާ، އެހެންވެ ކަރަންޓާއި ފެން ބިލުގެ ޓެރިފުތައް ވިޔަފާރިތަކަށް ދަށް ކުރަން ޖެހޭ ކަމަށެވެ. އެ ކުންފުނިން ހިންގާ ސަލްސާ ރޯޔަލް ބަންދުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނިއު ނޯމަލް އަށް ނުކުންނައިރު ގިނަ ބަޔަކު އަތް ދޮންނާނެ. ސާފު ކަމަށް އިތުރު ފިޔަވަޅު ތަކެއް އަޅަން ޖެހޭނެ. އެހެންވެ ފެން ބިލްތައް ވެސް ބޮޑު ވެގެން ދާނެ. އެހެންވެ މިއީ ސަރުކާރުން ވިސްނަން ޖެހޭކަމެއް. ހާއްސަކޮށް ފެން ބިލް ކުޑަވާނެ ގޮތެއް ހެދުން މުހިންމު،" އާމިރު ވިދާޅުވި އެވެ.

ގައިދުރުކަން: މިި ވިޔަފާރިއަށް އިތުުރު "ބައްޔެއް"

ކޮވިޑް-19 އަށްފަހު އިގްތިސޯދު އަންނަ މަހު ހުޅުވާއިރު، އިގްތިސޯދީ ހަރަކާތްތައް މަދުވާނެ އެވެ. އަދި އަންނަ މަހު ހުޅުވިނަމަވެސް މި ބައްޔަށް ވެކްސިނެއް ހޯދިފައިނުވާތީ ގައިދިރުކަމާއި މާސްކް ބޭނުން ކުރަން މަޖުބޫރުވެ އެވެ. ގައިދުރުކޮށް ބަހައްޓައިގެން ރެސްޓޯރެންޓް / ކެފޭ އަދި ހޮޓާ ހިންގާނީ ކިހިނެއް ހެއްޔެވެ؟ އެކަން ކޮށްގެން ވިޔަފާރި ދެކޮޅު ޖެހޭނެ ހެއްޔެވެ؟ މި ސުވާލުތައް ސަފުސަފަށް ހުއްޓަން މިކަން ކުރަން މަޖުބޫރުވެ އެވެ.

އެހެންވީއްޔާ ޖެހޭނީ ކުރާށެވެ؛ ކުރާނަމަ މި ވިޔަފާރީގައި ހަދާފައިވާ ބިޒްނަސް ޕްރޮޕޯސަލްއަށް ބަންދު ގެންނަން ޖެހެ އެވެ. މީގެ ގިނަ ތަންތަނަކީ އެތަނަށް ވަންދު މީހުންގެ ނިސްބަތުން އާމްދަނީ ލިބޭ ތަންތަނެވެ. އަދި ދިވެހިންނަކީ އެއްފަހަރާ ގޮސް ގިނަ އަދަދެއްގެ ކެއުންތަކެއް ކާ ބައެއް ނޫނެވެ. ގިނަ ފަހަރު ގޮސް ފުކަކުން ކާ ބައެކެވެ. ގްރޫޕް ހަދާފައިކާން ދާ ބައެކެވެ. އެހެންވީރު ރެސްޓޯރެންޓެއްގެ ގޮނޑި މަދުކޮށް، "ސޯޝަލް ޑިސްޓެންސިން" ހުންނަ ގޮތަށް ހުޅުވައިގެން ދެކޮޅު ޖެހޭނެ ހެއްޔެވެ؟

އޮލިވް ގާޑަންގެ ވެރިޔާ، އަބްދުﷲ ޝަހީރު ވިދާޅުވި ގޮތުގައި ރާއްޖޭގައި އާއްމުކޮށް ކާންދަނީ ގްރޫޕް ހަދާފަ އާއިލާއެއްކޮށް ކަމަށާ، ނަމަވެސް އިޖުތިމާއީ ގައިދުރު ކަމަށް ރެސްޓޯރެންޓް ތަކަށް ގެންނަ ބަދަލާއެކު ވިޔަފާރި ދެކޮޅު ނުޖެހޭނެ ކަމަށެވެ.

"ގާތްގަނޑަކަށް ވިޔަފާރީގެ 60 ނޫނީ 70 ޕަސެންޓް މަދު ވާނެ. މިހާރު ކިޔަނީ ދެ މީހަކުން މޭޒެއްގައި ތިބޭ ގޮތަށް. އެހެންވިޔަސް ބޮޑުތަން މަދު ވެގެން ދާނެ،" ޝަހީރު ވިދާޅުވި އެވެ.

ހާބަރު ފުޑްކޯޓު ރެސްޓޯރެންޓެއްގެ ވެރިއަކު ވިދާޅުވި ގޮތުގައި ނިއު ނޯމަލްގައި ހުޅުވިނަމަވެސް ވިޔަފާރި ދެކޮޅު ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އެއްވެސް މުވައްޒަފެއް ކަނޑާނުލާ ގެންގުޅޭ ބައެއް. ނިއުނޯމަލްގައި ހުޅުވަން ޕްލޭން ކުރިނަމަވެސް ގޮނޑިމަދުކޮށް، ހިންގާނަމަ ބޮޑު ގެއްލުމެއްވާނެ. ދެކޮޅު ޖެހޭނެހެން ހިއެއް ނުވޭ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ކުރިން ވާހަކަ ދެއްކި، ފުޑް ބޭންކްގެ ވެރިޔާ ޝަރީފު ވިދާޅުވި ގޮތުގައި އާއްމުކޮށް ރަނގަޅަށް ހިނގާ ތަނަކުން ބާޒާރުން ދުވާލަކު 8،000ރ. ގެ ވިޔަފާރި ކުރާ ކަމަށާ ނަމަވެސް ގޮނޑިމަދުކޮށްގެން ހުޅުވާނަމަ ބޮޑު ގެއްލުމެއްވާނެ ކަމަށެވެ.

"މިހާރު ވެސް ގެއްލުން. އެހެންވެ ސޯޝަލް ޑިސްޓެންސިންގައި ހުޅުވާނަމަ ބޮޑު ގެއްލުމެއް ވާނެ. އެހެންވީމަ ސަރުކާރުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ،" ޝަރީފު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރެސްޓޯރެންޓް ވިޔަފާރި އަށް ވެސް ވަނީ ގެއްލުންވެފަ އެވެ. އަދި ހުޅުވިނަމަވެސް އާއްމު ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާތީ ރެސްޓޯރެންޓް ތަކަށް މީގެ އަސަރު ކުރާނެ އެވެ. އެހެންވެ، މީގެ ސަބަބުން މުސްތަގުބަލުގައި މި ވިޔަފާރި އަށް ބޮޑު އިމްޕެކްޓެއް އަންނާނެ ކަމަށް ބެލެވެ އެވެ. މީގެ ނަތީޖާއަކީ ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް މި ވިޔަފާރީގެ ގިނަ ބަޔަކު ކެއިން ބުއިމުގެ ހިދުމަތްތައް ދިނުމާ ދުރަށް ދިއުމެވެ.