ހައްޖުގެ އަޅުކަން

"ފުރުސަތު ލިބިއްޖެނަމަ ހައްޖަށް މީހުން ފޮނުވާނެ"

ސައުދީ ސަރުކާރުން ފުރުސަތެއް ދީފިނަމަ މި އަހަރު ވެސް ދިވެހިންނަށް ހައްޖަށް ދެވޭނެ މަގު ތަނަވަސްކޮށް ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މި އަހަރުގެ ހައްޖު ކުރިއަށް ގެންދެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. އެކަމާއި ގުޅޭ ފައިނަލް ނިންމުމެއް ސައުދީ ސަރުކާރުން އަދި ނިންމާފައެއް ނުވެ އެވެ. ހައްޖަށް ފުރުސަތު ހުޅުވާލި ނަމަވެސް މީގެ ކުރިން ހައްޖަށް ދޫކުރަމުން އައި ކޯޓާގެ އަދަދު މަދު ކުރަން ސައުދީން ވަނީ ހަމަޖައްސާފަ އެވެ.

މީގެ ކުރިން ކޮންމެ އަަހަރު ދެ މިލިއަނެއްހާ މީހުންނަށް ހައްޖުވާނެ ފުރުސަތު ދިން ނަމަވެސް މިއަހަރު އެ އަދަދު 270،000 އަށް މަދު ކުރަން ވަނީ ނިންމާފަ އެވެ. އަދި ހައްޖަށްދާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކެއް ކަނޑައަޅާ ވަކި އުމުރެއްގެ ބަޔަކަށް ނޫނީ މިއަހަރު ހައްޖަށް ނުދެވޭ ގޮތަށް ބަދަލު ކުރުމަށް ވެސް މަޝްވަރާ ކޮށްފައި ވެއެވެ.

އެންއީއޯސީން އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ސައުދީގެ ނިންމުންތަކުގެ ތެރެއިން ފަހު ވަގުތު ފުރުސަތު ލިބުނު ނަމަވެސް ރާއްޖެއިން މީހުން ހައްޖަށް ފޮނުވުމުގެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށެވެ.

މީގެ ކުރިން ރާއްޖެއަށް ރަސްމީކޮށް ލިބެމުން އައީ 1،000 ކޯޓާ އެވެ. މި އަހަރު ގެންނަ ބަދަލާއެެކު އެ އަދަދު މަދުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ކަމުން ޖަމާއަތްތަކަށް ދޫކުރާ ކޯޓާގެ އަދަދު ވެސް މަދުވުވާނެ އެވެ.

"މިއަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަދޭނެ ކުންފުނިތައް ކަނޑައެޅުމުގައި އަޅުގަނޑުމެން މަޝްވަރާކުރާނަން އަގަކާ މެދުވެސް. އަދި ހައްޖު ކޯޕަރޭޝަނާއެކު ވެސް އެ މަޝްވަރާތައް ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.