މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ބިލް އޮތީ ބަރުލަމާނީ ނިޒާމަށް އަމާޒުކޮށް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ފުލުހުންގެ ބިލް ފަރުމާކޮށްފައިވަނީ މަޖިލިސްގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވޭނެ ގޮތަށް ބަރުލަމާނީ ނިޒާމަށް އަމާޒުކޮށްގެން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދީ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލު މަޖިލީހަށް ހުށަހެޅެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

އާދަމް ޝަރީފް ވިދާޅުވީ ފުލުހުންގެ ބިލްގައި 241 ކޮމެޓީއަށް 20 ޒިންމާއެއް ހަވާލުކޮށްފައިވާ ކަމަށާ ބޭނުމަކީ ހުރިހާ ކަމެއް މަޖިލީހަށް ގެނައުން ކަމަށެވެ.

ފުލުހުންގެ ބިލް ފަރުމާކޮށްފައިވަނީ މަޖިލިސްގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވޭނެ ގޮތަށް ބަރުލަމާނީ ނިޒާމަށް އަމާޒުކޮށްގެން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ޕޮލިސްގެ އަގު ވައްޠާލުމުގެ ބާބެއްވެސް މިވަނީ ފަށާފައި." އެމްޑީޕީގެ މަޖިލީސް މެންބަރުން ފުލުހުންނަށް އަމާޒު ކުރަމުންދާ ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވާ ޝަރީފް ވިދާޅުވިއެވެ.

ފުލުހުންގެ ބިލް މިހާރު އޮތް ގޮތާމެދު ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މަޖިލީހުގައި ހިމެނޭ އެމްޑީޕީ ފިޔަވާ އެހެން ޕާޓީގެ މެންބަރުން ގެންދަވަނީވެސް ބިލް އޮތްގޮތާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިފަހުން މަޖިލީހުގެ ތަޅުމުގައި އެމްޑީޕީ މެންބަރުން ގެންދަވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔަމުންނެވެ.

މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވަނީ ދިވެހި ފުލުހުން ތިބެން ޖެހޭނީ ސޯޓު ލައިގެން، ދަނޑިބުރި ދީފައި މަގުމައްޗަށް ނެރެފައި ކަމަށް ވިދާޅުވެފައެވެ. ފުލުހުންގެ މުޅި މުއައްސަސާއަށް ވަރަށް އިހާނެތި ބަސްތައް ރައްދު ކުރަމުން އޭނާ ވަނީ ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާކުރާ ބައެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދައްކާފައެވެ. އަދި ފުލުހުން ރައްޔިތުންނަށް ފެންނަންވީވެސް ވަރަށް ހުތުރު ސިފައެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ފުލުހުންނަކީ ސޯޓުލައިގެން ދަނޑިބުރިއެއް ދީފައި ތިބޭ ބައެއް މަގުމައްޗަށް ނެރެފައި. ވަރަށް ހުތުރު ސިފައެއްގެ ގޮތުގައި ޕޮލިހުން ބައިތިއްބަންވީ. މާ ސްމާޓް އެއްޗެހި ލައްވާފައި ބައިތިއްބާކަށް ނުޖެހޭ،"