އާދަމް ޝަރީފު އުމަރު

އަސްކަރިއްޔާއިން ބަޣާވާތެއް ނުކުރާނެކަން ޔަގީން: ޝަރީފް

ދިވެހި އަސްކަރިއްޔާއިން ބަޣާވާތެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އިދިކޮޅު ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ފެބްރުއަރީ 7، 2012 ގައި ހިނގިފަދަ ސަލާމަތީ ބާރުތަކުން ބަޔަކު ގައުމަށްވީ ގައްދާރުވުން ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ނުކުރާހާ ހިނދަކު އަނެއްކާވެސް ބަޣާވާތެއް ނުކުރާނެ ކަމަށް ދަންނަވަން ކެރިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ޝަރީފް ވިދާޅުވީ ދިވެހި ސިފައިންނަކީ މި ގައުމަށް ތެދުވެރި ކުރާ ކޮންމެ ކަމެއްގައިވެސް ދިވެހި ރައްޔިތުންގެ ހައްގުތައް އިސްކުރާ ލަޝްކަރެއް ކަަމަށެވެ.

"ދިވެހި އަސްކަރިއްޔާއިން ބަޣާވާތެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،"

އޭނާ ވަނީ އުފެދުނީ އިހުތިރާމާއި އިތުބާރުގެ މައްސަލައެއްތޯ ސުވާލު ކުރައްވާ ހަތެއް ފެބްރުއަރީގައި އިސްކޮށް އުޅުއްވި ސިޔާސީ ލީޑަރުންނާއި އެ ބޭފުޅުން ނިސްބަތްވާ ޕާޓީތަކާއެކު ކޯލިޝަން ހެއްދެވީ ކީއްވެގެންތޯ ނަޝީދާ ސުވާލު ކުރައްވާފައެވެ.

"ދެންވެސް ސަލާމަތީ ހިދުމަތްތައް ބަދުނާމު ކުރެއްވުމަށްވުރެ އެ ދެ މުއައްސަސާއަށް އިހުތިރާމްކޮށް އިތުބާރު ގާއިމް ކުރެއްވުން ބުއްދިވެރި،" ނަޝީދަށް ޓެގް ކުރައްވާ އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ދެހާސް ބާރަވަނަ އަހަރު ނަޝީދުގެ ވެރިކަން ބަދަލުވީ އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން ނަމަވެސް ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ވަނީ ނަޝީދާ ދެކޮޅަށް ނިކުމެފައެވެ. އަދި ޖެހިގެން އައި ދުވަހު ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަން ބަދަލުކޮށްލީ ބަޣާވާތަކުން ކަމަށް ވިދާޅުވެފައެވެ. އެކަން ރައީސް ވަހީދުގެ ސަރުކާރުގައި ތަހުގީގު ކުރިއެވެ. ބޭރުގެ މާހިރަކާއެކު ކުރިއަށް ގެންދިޔަ މިނިވަން ތަހުގީގުގައި ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެ ދުވަހު ހިނގާދިޔަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އެޅުމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ހިމަނާފައިވެއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ސަރުކާރު ވައްޓާލަން ނުކުތުމަކީ މިހާރު އޮތް ފުލުހުންގެ މުއައްސަސާ އިން ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެކަމުގެ ފުރިހަމަަ ޔަގީންކަން އެބައޮތް ކަމަށާ އެ ޔަގީންކަން ރައްޔިތުންނަށްވެސް ދެއްވާ ކަމަަށް ސީޕީ ވިދާޅުވިއެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ފެބްރުއަރީ 7، 2012 ގައި ހިނގިފަދަ ސަލާމަތީ ބާރުތަކުން ބަޔަކު ގައުމަށްވީ ގައްދާރުވުން ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކޯނީގެ (ރިޔާސީ ކޮމިޝަން) ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެކަންކަން ތަންފީޒު ނުވާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެކަންކަން ނުކުރާހާ ހިނދަކު އަނެއްކާވެސް ބަޣާވާތެއް ނުކުރާނެ ކަމަށް ދަންނަވަން ނުކުރޭނެ ކަަމަށެވެ.

ސީޕީ މިއަދު ވިދާޅުވީ ހަތެއް ފެބްރުއަރީި އަކީ މާޒީއެވެ. އެ ހާދިސާއިން ގިނަ ފިލާވަޅުތަކެއް ފުލުހުން ވަނީ ހޯދާފައި ކަމަށެވެ. އަދި ސަރުކާރާ ދެކޮޅަށް ނިކުމެ ފުލުހުން ބަޣާވާތެއް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ފުލުހުން އެ ޒާތުގެ ކަމެއް ކުރާނެ ކަމަކަށް،" ސީޕީ ވިދާޅުވިއެވެ.