ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކަސްރަތު ކޮށްލާ ދުވެލަން ދިޔައިންތަ؟

އިއްޔެއިން ފެށިގެން މާލެ ސަރަހައްދުގެ ލޮކްޑައުނަށް ދިން ލުއިތަކުގައި ކަސްރަތު ކުރަން ހުޅުވާލީ ހަވީރު 6:00 އިން ރޭގަނޑު 9:00 އަށެވެ. އިއްޔެ އިރުއޮއްސި 7:00 ޖެހި އިރު ބޭރުތެރޭގައި ކަސްރަތު ކުރަން އުޅުނު މީހުން އިއްޔެ ހެނދުނާއި ބަލާއިރު މަދެވެ.

ރޭގަނޑުގެ އެ ގަޑީގައި ދޮށީ އުމުރުގެ މީހުން ނުކުމެ ކަސްރަތު ކުރަން އުޅޭތަން ނުފެނުނަސް ހަރު މީހުންނާއި ދެ ޖިންސުގެ ޒުވާނުން ދުވާތަނާއި ހިނގާތަން ފެނުނެވެ.

މަޑު ދުވެއްޔެގައި ދުވާ މީހުނާއި ބާރަށް ހިނގާ މީހުން އެކަކު އަނެކަކަށް ކުރި ކަނޑާލާއިރު ތަން ދައްކާ މަންޒަރު ފެނެ އެވެ. ބުރިޖުމަތީގައި ހިނގާލަން ރިންގް ރޯޑުން ލާފައި ބްރިޖަށް ވެސް އަރާ ހިނގާ ތަން ފެނުނެވެ.

ލޮކްޑައުންގައި ފުރަތަމަ ދިން ލުއިތަކުގެ ތެރޭގައި ދޮށީ އުމުރުގެ މީހުންނަށް އެކަނި ކަސްރަތަށް ހިނގާލަން ފަތިހު ނިކުތުން ހުއްދަ ދީފައި އޮތުމުން ވަރަށް ބޮޑަށް ޒުވާން އުމުރު ފުރައިގެ މީހުން އެ ފުރުސަތު ހޯދަން އަޑު އުފުލި އެވެ. ދުވާ މީހުންނާއި ގޭގައި ތިބި ކަސްރަތު ބޭނުންވެފައިވާ މީހުން އެމީހުންގެ ޝުއޫރުތައް ބަންޑުން ކޮށްލި އެވެ.

ސާފު ވައި ލިބޭ ތަނެއްގައި ދުވެލަން ނުވަތަ ހިނގާލަން ބޭނުންވެފައިވާ މިންވަރު އެއްބަޔަކު ހާމަކުރި އެވެ. އަނެއް ބަޔަކު ދެއްކީ ގޭގައި ދުވެ ދުވެ ފޫހިވެއްޖެ ކަމުގެ ވާހަކަ އެވެ. މާލޭގެ މަގުތަކުގައި ހިނގާލާ ދުވެލަން ނުލިބުމުން ގޭ ބަންދުވެ ހާސްވުމާއި ކަންބޮޑުވުން އަދި ބައެއް ފަރާތްތަކުން ހަނގުރާމަ ކުރަމުންދާ ނަފްސާނީ ބައްޔަށް ލުއި ލިބެނީ ކަސްރަތުން ކަމުގައިވާ އިރު މި ފުރުސަތު ނުދިނުމުން އޭވާހަކަ ތަކެވެ.

ކަސްރަތު ކުރުމުން ލިބޭ ނަފްސާނީ ފައިދާގެ ބޮޑު ކަމާއި އެފަދަ ފުރުސަތެއް ފަހި ކޮށްދިނުމަށް އެތަށް ބަޔަކު އެދުނެވެ. ނަމަވެސް މަގުތަކުގައި އެވަރަށް މީހުނެއް ނެތެވެ. މި އެއްމެން ފަތިހު ގޮސް ދުވުމާއި ކަސްރަތު ނިންމާލީބާ އެވެ؟ ނޫނީ ހަވީރު ކުދިންނާއެކު ބޭރަށް ނުކުތުމުން ދެން އިތުރަށް ނުކުންނަން ބޭނުން ނުވީބާ އެވެ؟

ކަސްރަތުކުރަން ކަނޑައަޅާފައިވާ ގަޑީގައި ހިނގާށައި ދުވަން ނުކުމެ ތިބި މީހުން ތެރެއިން މަދު ބައެއް ނޫނީ މާސްކް އަޅައިގެނެއް ނޫޅެ އެވެ. ދުވާއިރު އާއި ބާރަށް ހިނގާއިރު ރައްކާތެރި ގޮތަކީ ކޮބައިތޯ ބަލަން ވެސް އެބަޖެހެ އެވެ. މާސްކް އަޅައިގެން ކަސްރަތު ކުރާއިރު އެމީހަކަށް ނޭވާލާން ފަސޭހަ ވަނީ ކިހާ މިންވަރަށްތޯ ވެސް ބަލަން އެބަޖެހެ އެވެ. އަދި ކަސްރަތު ނުކޮށް ހުރެ އަލަށް ފަށައިގަންނަ އިރު ކަންކަން ކުރަންވީ ކިހިނެއްތޯ ވެސް ދެނެގަންނަން ޖެހެ އެވެ.

ދުޅަހެޔޮކޮށް ތިބުމަށް ހަށިގަނޑަށް މުހިއްމު ކާނާ އާއި އެއްވަރަށް ހެލިފެލިވެ އުޅުން ވެސް މުހިއްމު ވެއެވެ. ބަލީގެ ނުރައްކާ ބޮޑު އިރެއްކަމުގައި ވިއަސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކީ ކަސްރަތު ވެސް އެހާ މުހިއްމެވެ.

ކަސްރަތުގެ ސަބަބުން މީހާ ތާޒާވެ އެވެ. ކަސްރަތުގެ ސަބަބުން ގައިން ގައިން ނާރާ ބަލިތަކާއި ދުރުކޮށް ދެއެވެ. ބަރުދަން އިތުރުވުމުން އޭގެ ސަބަބުން ހަކުރު ބައްޔާއި ހިތުގެ ބައްޔާއި ކެންސަރާއި ކިޑްނީ ބަލިތައް ފަދަ ބަލިތަކަށް ފުރުސަތު ބޮޑު ވެއެވެ.

ގޭގައި ބަންދުވެފައި ތިބިގެން ކަސްރަތު ކުރުމާއި ބޭރަށް ނުކުމެ ކަސްރަތު ކުރުން މިއީ މުޅިން ތަފާތު ދެ ކަމެކެވެ. އެއްބަޔަކަށް އިންޑޯ ކަސްރަތު އަދި ޓްރެޑްމިލްގައި ދުވުން ކަމުދާއިރު އަނެއް ބަޔަކީ ބޭރުގައި ހިނގާ ނުލައު ދުވެ ނުލައި ހިތްހަމަ ނުޖެހޭނެ މީހުންނެވެ.

ކޮވިޑް-19 އާއެކު ލިބުނު ހާސްކަން ފިލުވައިލާން ކަސްރަތު ކޮށްލަން ބޭރަށް ނިކުތުން އެއީ ބުއްދިވެރި ގޮތެކެވެ. އިޖްތިމާއި ގައިދުރު ކުރުމާއެކު ދުވެލައި ހިނގާލާށެވެ. އުމުރުގެ ބޮޑުބައި ދުޅަހެޔޮ އަދި ހަށިހެޔޮކޮށް ހުރި ހުރުން އެގޮތަށް ބޭއްވުމަށް ކަސްރަތަށް ދާންވީ އެވެ.