ރާއްޖޭގެ ކުޅުންތެރިންގެ ސްޓްރެންތާއި މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖެއާ އެންމެ ގުޅޭނީ ކުރު ޕާސްތަކެއް ޖަހައިގެން ކުޅޭ ޕޮޒެޝަން ފުޓްބޯޅަ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް މާޓިން ކޫޕްމަން ބުނެފި އެވެ.
އިއްޔެ އެފްއޭއެމުން ކުރިއަށް ގެންދިޔަ އޮންލައިން ޕްރެސް ކޮންފަރެންސްގައި ހޮލެންޑްގެ ކޯޗް ބުނީ މިދިޔަ އަހަރު ޗައިނާ އާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި ވެސް ދިގު ބޯޅަތަކެއް ޖަހައިގެން ކުޅެން މަސައްކަތް ކުރުމުން ކުޅުންތެރިންނަށް އުނދަގޫވި ކަމަށެވެ.
ޗައިނާ، އިރާން ދެކުނު ކޮރެއާ، ގަތަރު ފަދަ ޓީމުތަކާ ދެކޮޅަށް ރާއްޖެއަށް ނަތީޖާގެ ފަރަގު ކުޑަ ކުރެވުނީ ވަރުގަދަ ޑިފެންސިވް ގޭމެއް ކުޅެގެންކަން ފާހަގަ ކޮށް، ޕޮޒެޝަން ފުޓްބޯޅައިން އެކަން ދެމެހެއްޓޭނެތޯ ސުވާލު ކުރުމުން ކޫޕްމަން ބުނީ ޕާސިން ގޭމް ކުޅުނަސް ކުޅޭނީ ޑިފެންސް ކުރުން ހަނދާން ނައްތާލާފައި ނޫން ކަމަށާއި އެޓޭކާއި ޑިފެންސްގައި ވެސް ބެލެންސް ގެންގުޅޭނެ ކަމަށެވެ.
"އަހަންނަށް ވަރަށް ގިނަ ފަހަރަށް ފެނިފައި ވަނީ މިތާންގައި ރަނގަޅު ގޭމެއް ކުޅެވޭނެކަން، ދިގު ބޯޅަތަކެއް ޖަހައިގެން ކުޅެން އުޅެފިއްޔާ ޗައިނާއިން މިތާންގައި [މާލޭގައި] ކުޅުނު ގޮތަށް އަހަރުމެން ކުޅެން އުޅެފިއްޔާ އަހަރެމެންނަށް ގެއްލުން ވާނެ،" ކޫޕްމަން ތަފްސީލު ކޮށްދިނެވެ. "މިސާލަކަށް އަލީ އަޝްފާގް ކަހަލަ ކުޅުންތެރިޔެއް ސްޓައިކަރަކަށް ހުރިއްޔާ ކީއްވެ ދިގު ބޯޅަތަކެއް ކުޅެން އުޅެންވީ، ކާމިޔާބެއް ނުވާނެ، ބޯޅަ ވެސް ގެއްލޭނެ، އަދި ސެކަންޑް ބޯލް ވެސް މިޑްފީލްޑުން ގެއްލޭނެ، ކީއްވެ ރީތި ގޭމެއް ނުކުޅެންވީ، މިތާންގައި ރީތި ފުޓްބޯޅައެއް ކުޅެވޭނެ، އަހަރެން ކުޅެން ގަސްތު ކުރަނީ ޕާސިން ގޭމެއް، އެ ގޭމްގައި ޑިފެންސް ވެސް ކުރެވޭނެ."
އޭނާ ބުނީ ކޮރޯނާ ވައިރަސް އަށް ފަހު ކުޅުންތެރިން އެނބުރި އަންނައިރު ތިބޭނީ ކުރިން ތިބި ލެވަލްގައި ނޫން ކަމަށާއި ގިނަ ހަކަތަ ގައިން ބޭރުވާ ގޮތަށް ގޭމެއް ކުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"ކޮލިޓީ ފުޓްބޯޅައެއް ކުޅުމަށް މަސައްކަތް ކުރާނީ، ދިގު ބޯޅަތަކެއް ކުޅެފިއްޔާ ކުޅުންތެރިންނަށް އުނދަގޫ ކުރިމަތި ވާނެ."
ޗައިނާ އާއި ސީރިއާ ދެކޮޅަށް އޮކްޓޯބަރު މަހު ކުޅެން ހަމަޖެހިފައިވާ ދެ މެޗަށް 32 ކުޅުންތެރިންގެ ސްކޮޑެއް ވަނީ ނަގާފަ އެވެ. އެ ކުޅުންތެރިންނާއެކު އަންނަ މަހު ހަތަރު ވަނަ ދުވަހު ޓީމުގެ ޕްރެކްޓިސް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮރޯނާ ވައިރަސް އާ ގުޅިގެން ޓީމުގެ ޕްރެކްޓިސް ކުރިއަށް ގެންދާނީ ސްކޮޑު ދެ ބަޔަކަށް ބަހާލައިގެނެވެ.
ޗައިނާ އަށް އޮކްޓޯބަރު މަހަކީ ފިނި ދުވަސްވަރެއް ކަމަށް ވުމުން، އެކަމަށް ހޭނުމަށް ގައުމީ ޓީމުގެ ޓްރޭނިން ކޭމްޕް، ދެކުނު ކޮރެއާ، ޖަޕާން ނުވަތަ އެއާ އެއްވަރުގެ ފިނި ގައުމެއްގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޫޕްމަން ބުންޏެވެ.
ޗައިނާ އާއި ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އޮންނާނީ އޮކްޓޯބަރު އަށް ވަނަ ދުވަހު އެވެ. އޭގެ ފަސް ދުވަސް ފަހު ސީރިއާ އާ ދެކޮޅަށް ކުޅޭ މެޗު މާލޭގައި އޮންނާނެ އެވެ.