ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އީއައިބީން ރާއްޖޭގެ ކުދި ވިޔަފާރިތަކަށް 20 މިލިއަން ޔޫރޯގެ ލޯނެއް

Jun 16, 2020

ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އިން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް 20 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 350 މިލިއަން ރުފިޔާ) ގެ ލޯނު އެހީ ދޭން ނިންމައިފި އެވެ.

ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ލިބިފައިވާ ގެއްލުމުން ސަލާމަތް ކޮށްދީ، ވަޒީފާ ގެއްލުމުން ރައްކާތެރި ކޮށްދިނުމަށް ދޭ 20 މިލިއަން ޔޫރޯގެ މި ލޯނު އެހީގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ.

މި ލޯނު، ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށެވެ.

މިއީ އޭޝިޔާގެ ގައުމު ތަކަށް ކޮވިޑް-19 އިގެ ސަބަބުން ލިބެމުންދާ ގެއްލުން ތަކުން އަރައިގަތުމަށް އެހީވުމަށް އީއައިބީން އިއުލާނު ކުރި 5.2 ބިލިއަން ޔޫރޯގެ ލޯނު އެހީގެ ދަށުން ދިން އެހީ އެކެވެ.

އީއައިބީގެ ވައިސް ޕްރެޒިޑެންޓް އެންޑްރޫ މެކްޑޯވެލް ވިދާޅުވީ މި އެހީއަކީ ކޮވިޑް-19 އަށްފަހު، އިގްތިސޯދު އާރާސްތުކޮށް ކުދި ވިޔަފާރިތަކާމެދު ފަންތީގެ ވިޔަފާރިތައް ސަލާމަތް ކުރަން ދޭ ލޯނެއް ކަމަށާއި މި ލޯނުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ރަނގަޅުވުން އަވަސް ވާނެ ކަމަށެވެ.

މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ލޯނު ލިބިފައި ވަނީ ކުދި ވިޔަފާރިތަކަށް ދަތި ހާލެއް ކުރިމަތިވެފައިވާ ވަގުތެއްގައި ކަމަށާއި އެހީގެ ސަބަބުން ކުދި ވިޔަފާރިތައް ދަމަހައްޓަން ބާރަކަށް ވެގެން ދާނެ ކަމަށެވެ.

އީއައިބީއަކީ، ވޯލްޑް ބޭންކް ނަގާފައި ރާއްޖެއަށް އެންމެ ގިނައިން އެހީވެދޭ އެއް ބޭންކެވެ. މި ބޭންކުން ދަނީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖެއަަށް އެހީވަމުންނެވެ.

ކޮވިޑް-19 އިގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ގެއްލުމަށް ލުއި ކޮށްދޭން ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖެއް ތައާރަފުކޮށްފަ އެވެ. އަދި ބޭރުން ގިނަ އެހީ ތަކެއް ހޯދަން ވެސް މަސައްކަތް ކުރެ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މިހާތަނަށް 290 މިލިއަން ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ވަނީ ލިބިފަ އެވެ.