ހަބަރު

ފުލުހުންގެ ދިފާއުގައި އިދިކޮޅު: އަޑު އުފުލާ، އިހުތިޖާޖު ކޮށްދޭނަން

Jun 16, 2020
4

ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ފުލުހުންގެ ބިލާ ގުޅޭ ގޮތުން އެމްޑީޕީގެ މެންބަރުން ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވާތީ އިދިކޮޅު ފަރާތްތަކުން އެ މުއައްސަސާގެ ދިފާއުގައި ނިކުމެއްޖެ އެވެ.

ޕީޕީއެމް އަދި ޕީއެންސީން މިއަދު އެ ދެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެމްޑީޕީގެ މެންބަރުން އަންނަނީ އެއްވެސް ސަބަބެއް ނެތި އަދި އަސްލެއްގެ މައްޗަށް ބިނާ ކުރުމަކާއި ނުލާ ފުލުހުންގެ މުއައްސަސާގެ އަގު ވައްޓަމުން ކަމަށާއި އެގޮތުން ފުލުހުންނަށް މަލާމާތްކޮށް ފުރައްސާރަކޮށް އެ މީހުންނަށް މަގުމަތީ ނޫޅެވޭ ހިސާބަށް ކަންތައް ގޮސްފައިވާ ކަމަށެވެ. އެއީ ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އިދިކޮޅު ކޯލިޝަނުން ވެސް އެކަން ކުށްވެރި ކުރާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ސަލާމަތީ ހިދުމަތްތަކަކީ އަޅުގަނޑުމެން އެއްގޮތަކަށް ވެސް ކުޅެގެންވާނެ ތަންތަނެއް ނޫން އަދި އެ މުއައްސަސާތަކުގެ އަގުވެއްޓޭ ގޮތައް އެއްވެސް ބަޔަކު ކަންތައް ކޮށްގެން ވާނެ ކަމެއް ނޫން. އެ މުއައްސަސާތަކުން ގޯސްކޮށް ކަމެއް ކުރަންޏާ އެކަން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަންވާނެ،" އަދުރޭ ވިދާޅުވި އެވެ.

މަޖިލީހުން އަންނަނީ ފުލުހުންގެ މުއައްސަސާ ވަކި ގޮތަކަށް ބައްޓަން ކުރުމަށް މަސައްކަތް ކުރަމުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެގޮތުން ފުލުހުންގެ އިސްވެރިއަކަށް ހުންނަ މީހާއަށް އެހެން ފުލުހުން ވަޒީފާއިން ވަކި ކުރެވޭ ގޮތައް ހެދުމާއި ބޭނުން ބަޔަކު ހައްޔަރުކޮށް މައްސަލަ ބެލޭ ގޮތައް ހަދަން މަސައްކަތް ކުރަމުންދާ ކަމަށާއި ހާއްސަކޮށް އިސްލާމް ދީނާ ދުރަށް ފުލުހުންގެ މުއައްސަސާ ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މި ސަރުކާރުންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ ފެބްރުއަރީ 7، 2012 ގެ ކަންކަން ތަހުގީގުކޮށް ވަކިވަކި ފުލުހުންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ނަމަވެސް އެ ހާދިސާއަކީ ފުލުހުން ދެކެ ރުޅި އަންނަން ޖެހޭ ކަމެއް ނޫން ކަމަށާއި ފުލުހުންގެ ދިފާއުގައި އިދިކޮޅު ފަރާތްތަކުން އަޑުއުފުލާ އިހުތިޖާޖު ވެސް ކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ފުލުހުންނަށް އަރުވަން އޮތް ޔަގީންކަމަކީ ފުލުހުންގެ މުއައްސަސާގެ ހައްގުގަ އާއި ފުލުހުންގެ ވަކިވަކި ބޭފުޅުންގެ ހައްގުގައި ވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޕީޕީއެމް ޕީއެންސީން ކުރަމުން ގެންދާނަން. އެއަށް އަޅުގަނޑުމެން އަޑު އުފުލާނަން، އެކަމާ ދޭތެރޭ ކަންބޮޑުވުން ފާޅު ކުރާނަން، އިހުތިޖާޖު ވެސް ކުރާނަން އަދިވެސް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގައި ފުލުހުންގެ ބިލަށް ކުރައްވަމުން އެމްޑީޕީގެ މެންބަރުން ވަނީ އެ އިދާރާއަށް ވަރަށް ބޮޑަށް ފާޑު ކިޔާ ބާރުތައް ނުދިނުމަށް ގޮވާލައިފަ އެވެ. އަދި ފުލުހުން ފެބްރުއަރީ 8، 2012 ގައި އެމްޑީޕީގެ މެންބަރަކަށް އަނިޔާ ކުރާ ވީޑިއޯއެއް ވެސް މަޖިލީހުގެ ތަޅުމުގައި އެޅުވި އެވެ. އޭގެ އިތުރުން ފުލުހުންނަށް ޓޭޒާ ގަން ދިނުން ކުށްވެރިކޮށް އެކަމާ ގުޅޭ ގޮތުން ވެސް މަޖިލީހުގައި ދަނީ ހޫނު ބަހުސެއް ކުރަމުންނެވެ.