ރައްޔިތުންގެ މަޖިލިސް

ކުރީގެ މަޖިލީހަށް ހުށަހެޅުނު ބޮޑެތި މައްސަލަތަކެއް މި މަޖިލީހުން ނިންމަނީ

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުަށް ހުށަހަޅާފައިވާ ސަލާމަތީ ހިދުމަތްތަކާބެހޭ މައްސަލަތަކެއް ނުނިމި އެބަހުރި ކަމަށާއި މަޖިލީހުގެ 241 ކޮމިޓީން އެ މައްސަލަތައް ނިންމަން އެ ކޮމިޓީގައި މަޝްވަރާ ކުރަން ނިންމައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިދިޔަ މަޖިލީހުގައި ހުށަހެޅި މައްސަލަތަކާ އެކީގައި 241 ކޮމިޓީގައި 31 މައްސަލަ އެބަ އޮތް ކަމަށެވެ. އެ މައްސަލަތައް ނިންމުމާ ގުޅޭ ގޮތުން އެ ކޮމިޓީގެ މެންބަރުންނާއި މިއަދު ބައްދަލު ކުރައްވާނެ ކަމަށެވެ.

މިދިޔަ މަޖިލީހުގެ 241 ކޮމިޓީން ބަލަން ފަށައި ނުނިމިފައިވާ މައްސަލަތައް ވެސް ރައީސް ނަޝީދު ވިދާޅުވެދެއްވި އެވެ. އޭގެ ތެރޭގައި މިދިޔަ ސަރުކާރުގެ ދުވަސްވަރު ރައީސް ނަޝީދު ހައްޔަރު ކުރި މައްސަލައެއް ވެސް ހިމެނެ އެވެ. އެ މައްސަލަ ހުށަހެޅުއްވީ އެމްޑީއޭގެ މެންބަރު އަދި ކެނދިކުޅުދޫ ދާއިރާގެ އޭރުގެ މެންބަރު އަލީ މައުރޫފެވެ.

ކޮމިޓީގެ އޭރުގެ މުގައްރިރު ކަމުގައި ވެސް ހުންނެވި އަލީ މައުރޫފު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރުކުރި ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލަ ވެސް ބަލަން 241 ކޮމިޓީއަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ބަލަން ސަބް ކޮމިޓީއެއް ވެސް އޭރު ނެގި އެވެ. ނަމަވެސް އެ މައްސަލަ ވެސް އޮތީ ނުނިމި އެވެ.

މީގެ އިތުރުން ދަނގެތި ދާއިރާގެ އޭރުގެ މެންބަރު އިލްހާމް އަހުމަދަށް ހަމަލާ ދިން މައްސަލައަކާއި ހޯމް މިނިސްޓަރުގެ ބާރުތައް ހަނި ކޮށްފައިވާ މައްސަލައެއް ވެސް 241 ކޮމިޓީގައި ނުނިމި އެބަ އޮތެވެ. އެ ދެ މައްސަލަ ވެސް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އޭރުގެ މެންބަރު، މިހާރު ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފެވެ.

މީގެ އިތުރުން މިދިޔަ ސަރުކާރުގެ ދުވަސްވަރުގައި މާލެ މަގުމަތީގައި އިންދާފައި ހުރި ފެންފޯއް ރުއްތައް ކަނޑާލުމާ ގުޅިގެން އޭރުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ހުށަހެޅުއްވި މައްސަލައެއް ވެސް ކޮމިޓީގައި ނުނިމި އެބަ އޮތެވެ.

މި ސަރުކާރު އައި ފަހުން، މިދިޔަ މަޖިލީހުގައި ހުށަހެޅި ތިން މައްސަލައެއް ވެސް އެބަ އޮތެވެ. އެއީ ކެލާ ދާއިރާގެ އޭރުގެ މެންބަރު އަލީ އާރިފު ހުށަހެޅުއްވި ނަން ޓެގް ނުޖަހާ ފުލުހުންގެ މައްސަލައާއި، ފުލުހުން ގައްދޫ ދާއިރާގެ އޭރުގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި މައްސަލައަކާއި ކުރީގެ ރައީސް ޔާމީނަށް ދައުވާ ކުރުމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި މައްސަލަތަކުގެ އިތުރުން މި މަޖިލީހުގައި ވެސް ގިނަ އަދަދެއްގެ މައްސަލަތަކެއް 241 ކޮމިޓީއަށް ގޮސްފައިވާ ކަމަށެވެ. އަދި ކުރީގެ މަޖިލީހުގައި ހުށަހެޅި ނުނިމިވާ މައްސަލަތައް ނިންމުމަކީ ވެސް ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.