ދުނިޔެ

އިންޑިއާ ޗައިނާއާގެ ކުރިމަތިލުން: އިންޑިއާގެ ތިން ސިފައިން މަރުވި

Jun 16, 2020

ލަދަކު (ޖޫން 16) - އިންޑިއާ އާއި ޗައިނާ ގުޅޭ ބޯޑަރު މައްސަލާގައި ދެ ގައުމުގެ އަސްކަރިއްޔާ އާ ދެމެދު ނުތަނަވަސްކަން އިތުރުވެފައި ވަނިކޮށް، ދެ ގައުމުގެ ސިފައިންގެ މެދުގައި ހިނގި ކުރިމަތިލުމެއްގައި، އިންޑިއާ ސިފައިންގެ ތިން މީހަކު މަރުވެފައިވާ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

ހިމާލެޔާ ސަރަހައްދުގެ ލަދަކްގައި ރޭ ހިނގި އެ ހާދިސާގައި މަރުވި ތިން މީހުންގެ ތެރޭގައި އިންޑިއާ ސިފައިންގެ އިސް އޮފިސަރަކު ހިމެނޭ ކަމަށް ވެސް އިންޑިއާ ސިފައިންގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފަ އެވެ.

ދެ ގައުމުގެ ސިފައިން ބޯޑަރު ހުރަސްކޮށް، އަނެއް ގައުމަށް ވަދެފައިވާ ކަމަށް ތުހުމަތުކޮށް، އެ ސަރަހައްދަށް ދެ ގައުމުން ވެސް ވަނީ އެތަކެއް ހާސް ސިފައިން ފޮނުވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން، ދެ ގައުމުގެ އަސްކަރިއްޔާގެ އިސް އޮފިސަރުން ވަނީ މަޝްވަރާތައް ފަށައި، ސުލްހަވެރި ހައްލެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

އިންޑިއާ ސިފައިންގެ ތަރުޖަމާނު ވިދާޅުވީ، ގަލްވަން ވެލީގައި ނުތަނަވަސްކަން ކުޑަ ކުރުމުގެ މަރުހަލާގެ ތެރެއިން ބޮޑު ކުރިމަތިލުމެއް ހިނގާފައިވާ ކަމަށާއި، އެ ހާދިސާގައި އިސް އޮފިސަރެއްގެ އިތުރުން ސިފައިންގެ ދެ މީހަކު މަރުވެފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ހޫނުވިޔަ ނުދިނުމަށްޓަކައި، ދެ ގައުމުގެ ދެ ގައުމުގެ އަސްކަރިއްޔާގެ އިސް އޮފިސަރުން މިހާރު ވެސް ބައްދަލު ކުރަމުންދާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ޓިބެޓާ އިން ވެގެން އޮންނަ ބޯޑަރު ސަރަހައްދުގައި ދެ ގައުމުގެ އިން ރަނގަޅަށް ވަކިކޮށްފައިވާނުވާއިރު، ގާތްގަނޑަކަށް 3،500 ކިލޯމީޓަރުގެ ސަރަހައްދާ ގުޅޭގޮތުން، ދެ ގައުމުގެ މެދުގައި ދޭ ތެރެއިން ދޭ ތެރެއިން ނުތަނަވަސްކަން ފެންމަތިވެ އެވެ.

މިދިއަ މަހު އަލުން މި މައްސަލަ ހޫނުވެފައިވާއިރު، ބޯޑަރު ހުރަސްކޮށް ޗައިނާގެ ސަރަހައްދަށް އިންޑިއާ ސިފައިން ވަދެފައިވާކަމަށް ޗައިނާ އިން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ރޭގެ ހާދިސާވެސް ހިނގާފައިވަނީ، އިންޑިއާ ސިފައިން އެގޮތަށް އަމަލުކުރުމުގެ ސަބަބުން، ހިނގި ކުރިމަތިލުންތަކެއްގައި ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.