ޓޫރިސްޓް އެރައިވަލް

މި އަހަރު އަންނާނީ ނުވަ ލައްކަ ޓޫރިސްޓުން

އަންނަ މަހު ޓޫރިޒަމް ހުޅުވާލި ނަމަވެސް މި އަހަރު އަންނާނެ ކަމަށް އަންދާޒާ ކުރެވެނީ 908،000 ޓޫރިސްޓުން ކަމަށް ސަރުކާރުން އަންދާޒާކޮށްފި އެވެ.

ބަޖެޓް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިދިޔަ އަހަރު 1.7 މިލިއަން މީހުން އައި ނަމަވެސް މި އަހަރު އަންނާނެ ކަމަށް ބެލެވެނީ 908،000 މީހުންނެވެ. އެހެންވެ އަންނަ މަހު ޓޫރިޒަމް ހުޅުވާލައި މަހަކު އެވްރެޖު ގޮތެއްގައި 180،000 މީހުން ގެންނަން ޖެހޭނެ އެވެ.

ޖުލައި މަހު ހުޅުވާލަން ސަރުކާރުން ހަދާފައިވާ "ސިނާރިއޯ ތިނެއް" ގެ ހާލަތުގައި ބުނެފައިވާ ގޮތުގައި އަންނަ މަހު ޓޫރިޒަމް ހުޅުވާލި ނަމަވެސް ޓޫރިސްޓުން އަންނަ އަދަދު 50 ޕަސެންޓް ދަށްވެ، ޓޫރިސްޓުން ހޭދަ ކުރާ ބެޑް ނައިޓްސް 39 ޕަސެންޓް ދަށް ވާނެ އެވެ.

އަދި ކޮވިޑްގެ ވައިރަސް ފެތުރުމުގެ ސަބަބުން ކުރިން ޓްރެވަލް ރެސްޓްރިކްޝަން ލެވުނު މާކެޓުތަކުގެ ރިކަވަރީ 97 ޕަސެންޓް ދަށް ވާނެ އެވެ. އެހެން ގައުމުތަކުގެ ރިކަވަރީ ވެސް ފަސް ޕަސެންޓް ދަށްވާނެ އެވެ. އެހެންވެ ސެޕްޓެމްބަރުގެ ނިޔަލަށް ވެސް ޓޫރިސްޓަކު ނާންނާނެ އެވެ. ރިކަވަރީ މުއްދަތަށް ފަހު ޓޫރިސްޓުން އަންނަ މިންވަރު އިތުރު ވަމުން ދާނެ އެވެ.

ރާއްޖޭގެ އިގްތިސޯދީ އުފެއްދުންތެރި ކަމުގެ 25 ޕަސެންޓް ޓޫރިޒަމް ސިނާއަތުން ސީދާ ހިއްސާ ކުރާއިރު، ނުސީދާކޮށް މި ހިއްސާ 70 ޕަސެންޓަށްވުރެ މައްޗެވެ. އެހެންވެ މި އަހަރުގެ ތެރޭގައި ޓޫރިސްޓުން ޒިޔާރަތް ކުރާނެ މިންވަރު ބޮޑު ތަނުން ދަށްވާނެ ކަމަށް ބެލެވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އަންނަ މަހު ޓޫރިޒަމް ހުޅުވާލާއިރު، އެއްވެސް ފީއެއް ނުނަގަން މިހާރު ވަނީ ނިންމާފަ އެވެ.