ސަލްމާން ޚާން ބަތަލުގެ ބައި ކުޅެފައިވާ "ދަބަންގް" ސިލްސިލާގެ ފުރަތަމަ ފިލްމު ރިލިޒް ކޮށްފައި ވަނީ 2010 ގައެވެ. އެ ފިލްމުގެ ޑައިރެކްޓަރަކީ އަބިނެވް ސިންގް ކަޝޭޕް އެވެ. އެ ފިލްމު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދާފައި ވީ ނަމަވެސް ސަލްމާނުގެ އާއިލާ އާއި ޑައިރެކްޓަރާ މައްސަލަތަކެއް ޖެހި ފަހުން އެމީހުން އެކުގައި އެއްވެސް ފިލްމެއްގެ މަސައްކަތެއް ނުކުރެ އެވެ.
ދާދިފަހުން ފޭސްބުކްގައި ޑައިރެކްޓަރު އަބިނެވް ވަނީ ސަލްމާނާއި އޭނާގެ އާއިލާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި "ދަބަންގް" ގެ ފަހުން އަރްބާޒާއި އެ އާއިލާގެ މީހުން އޭނާގެ ކެރިއަރު ހަލާކު ކޮށްލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އޭނާގެ އަބުރު ކަތިލުމާއި ބުލީ ކުރުމުގެ ސަބަބުން ނަފްސާނީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ވެސް އަބިނެވް ބުނެފައި ވެއެވެ.
ފޭސްބުކްގައި އަބިނެވް ލިޔެފައިވާ ވަރަށް ދިގު ލިޔުމެއްގައި އޭނާ ބުނީ "ދަބަންގް 2" ޑައިރެކްޓް ކުރަން އޭނާ އެއްބަސް ނުވީ އަރްބާޒް އާއި ސުހައިލް ޚާނުގެ އުނދަގޫ ބޮޑު ވެގެނެވެ. އެ މީހުން އޭނާގެ ކެރިއަރު ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ވެސް ޑައިރެކްޓަރު ކޮށްފައި ވެއެވެ.
"ދަބަންގް" އަށްފަހު އޭނާ ޑައިރެކްޓްކުރަން ހަމަޖެހުނު ދެ ވަނަ ޕްރޮޖެކްޓުގެ މަސައްކަތް ކުރަން ތައްޔާރު ވެފައި ވަނިކޮށް އެ ފިލްމުގެ ޕްރޮޑިއުސަރަށް އަރްބާޒް ގުޅައި ބިރު ދައްކައި އޭނާ އެ ފިލްމުން ބޭރު ކުރި ކަމަށާއި ފަހުން ވައަކަމް ޕިކްޗާޒް އަށް އޭނާ ޑައިރެކްޓް ކުރަން އުޅުނު ފިލްމަށް ވެސް ހެދީ އެހެން ކަމަށް ޑައިރެކްޓަރު އަބިނެވް ބުނެފައި ވެއެވެ.
ފަހުން އޭނާ ރިލައަންސާ ގުޅިގެން "ބޭޝަރަމް" ކިޔާ ފިލްމެއް އުފެއްދި ކަމަށާއި ނަމަވެސް ފަހުން އޭނާ މަސައްކަތްކުރި ހުރިހާ ޕްރޮޖެކްޓްތަކަކަށް ވެސް އެކި ގޮތްގޮތުން ހުރަސް އަޅަން ސަލްމާންގެ އާއިލާއިން މަސައްކަތްކުރި ކަމަށާއި އާއިލާގެ އަންހެން މެންބަރުންނަށް ގޯނާ ކުރާނެ ކަމުގެ އިންޒާރުތައް ވެސް ލިބުނު ކަމަށް ޑައިރެކްޓަރު ބުންޏެވެ.
މިކަންތައްތައް ދިމާވުމުން ނަފްސާނީ ގޮތުން އޭނާއަށް ދިމާވި އުނދަގޫތަކުގައި އުޅެން ހަދައިގެން އަންހެނުން ވެސް 2017 ގައި ވެރިވެފައިވާ ކަމަށާއި އަދި އާއިލާގެ މީހުންނާ ވެސް ގުޅުން ކެނޑިފައިވާ ކަމަށް ޑައިރެކްޓަރު ބުންޏެވެ.
އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅިގެން އަބިނެވް ލިޔެފައިވާ މި ޕޯސްޓުގައި ސުޝާންތު އަށް ވެސް ކުރިމަތިވީ އޭނާއަށް ދިމާވި ކަހަލަ ކަންތައްތަކެއް ކަމަށް ސިފަ ކޮށްފައި ވެއެވެ. އަދި މި މައްސަލަ ރަނގަޅަށް ތަހުގީގު ކޮށްދިނުމަށް މުމްބައި ފުލުހުންނަށް އޭނާ އިލްތިމާސް ކޮށްފައި ވެއެވެ.
އިންޑިޔާގެ ބައެއް ނޫސްތަކުން ބުނަނީ ސުޝާންތު އާ މެދު ބޮލީވުޑްގައި މަސައްކަތްކުރާ ގިނަ ބަޔަކު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށާއި ޕާޓީތަކާއި އިވެންޓުތަކަށް ދައުވަތު ވެސް ނުދޭ ކަމަށެވެ. އަދި ފާއިތުވީ ހަ މަހެއްހާ ދުވަހުގެ ތެރޭގައި ހަތް ފިލްމެއް ސުޝާންތު އަށް ކުޅެން ލިބި ގެއްލުނު ކަމަށާއި ނަފްސާނީ ގޮތުން ސުޝާންތު އެހާ ބޮޑަށް ބަލިކަށިވެ ޑީޕްރެޝަންގެ މައްސަލަތައް އެހާ ގޯސްވީ އިންޑަސްޓްރީ މީހުންގެ ސަބަބުން ކަމަށެވެ. ސުޝާންތު އަކީ އިންޑަސްޓްރީން "މަރާލި" އެކްޓަރެއްގެ ގޮތުގައި ވެސް އޭނާއާ އެއްކޮޅަށް ވާހަކަ ދައްކާ މީހުން ސިފަ ކުރެ އެވެ.
އަބިނެވްގެ ވެސް ވާހަކަތައް ހުރީ މި ކަހަލަ ގޮތަކަށެވެ. އިންޑަސްޓްރީގައި އުފެދިފައިވާ އެކި އެކި ކޭމްޕްތަކުން ކޭމްޕަކަށް ނިސްބަތްވާ މީހަކަށް ނުވެއްޖެނަމަ އެމީހަކާ ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންތައް އެމީހެއްގެ ކެރިއަރު ފުނޑުފުނޑުކޮށްލަން ކޭމްޕްތަކުގެ ވެރިން މަސައްކަތް ކުރާ ކަމަށް ވެއެވެ. މިއީ އަބިނެވް ނޫނަސް ފިލްމީ އާއިލާތަކާ ގުޅުމެއް ނެތި ދުރު ރަށްތަކުން އައިސް ފިލްމީ މަސައްކަތް ހޯދާ ވަރަށް ގިނަ އެކްޓަރުންގެ ޝަކުވާ އެކެވެ.