ދުނިޔެ

ޓްރަމްޕްގެ ކުރީގެ އެޑްވައިޒަރުގެ ފޮތް ހުއްޓުވަން ކޯޓަށް

Jun 17, 2020

ވޮޝިންގްޓަން (ޖޫން 17) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ވައިޓް ހައުސްގައި ވަޒީފާ އަދާކުރި ދުވަސްތަކުގެ މައްޗަށް ލިޔުނު ފޮތް ޕަބްލިޝް ކުރުން ހުއްޓުވަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލާގައި ބުނެފައި ވަނީ، އެ ފޮތުގައި ސިއްރު މައުލޫމާތު ހިމެނޭ ކަމަށެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ، އެ ފޮތް ޝާއިއު ކޮށްފިނަމަ ބޯލްޓަންއަށް ޖިނާއީ މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވާފައި ވަނިކޮށެވެ.

"ދަ ރޫމް ވެއާ އިޓް ހެޕަންޑް" ގެ ނަން ދީފައިވާ އެ ފޮތް، އާއްމުންނަށް ރިލީޒް ކުރަން ހަމަޖެހިފައި އޮތީ އަންނަ އަންގާރަ ދުވަހެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، ރައީސާއެކު ދެކެވޭ ކޮންމެ ވާހަކައަކީ ސިއްރު މައުލޫމާތެއް. އެގޮތުން، އެ ވާހަކަތަކާ ގުޅޭ ފޮތެއް ލިޔެ، ފޮތް ނެރެފިނަމަ، ގާނޫނާ ހިލާފު އެ ވެވުނީ. އެހެން ކަމަށް ވާނަމަ ޖިނާއީ މައްސަލަތަކެއް ކުރިމަތި ވާނެ،" މިދިއަ ހޯމަ ދުވަހު ނޫސްވެރިންނަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އެ މައްސަލާގައި ހިމެނޭ ކަންކަން ބަލަމުން އަންނަ ކަމަށް ބޯލްޓަންގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

ބޯލްޓަންގެ ފޮތުގައި ދައުލަތުގެ ބޮޑެތި ސިއްރުތައް ހިމެނޭ ކަމަށް މިދިޔަ ޖެނުއަރީ މަހު ވައިޓް ހައުސް އިން ވަނީ ތުހުމަތު ކޮށްފަ އެވެ. ނަމަވެސް، ބޯލްޓަން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.

ނަމަވެސް، ޓްރަމްޕާ ދެކޮޅަށް މިއަހަރު ކުރީކޮޅު ގެންދިއަ އިމްޕީޗްމަންޓް ޝަރީއަތް ވެސް ބިނާވެފައި އޮތީ އެ ފޮތުގައި ބޯލްޓަން ކުރި ތުހުމަތުތަކެއްގެ މައްޗަށެވެ. އެއީ ޔޫކްރެއިންގެ ރައީސަށް ޕްރެޝަރު ކޮށްގެން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯސެފް ބައިޑަންގެ ތަހުގީގެއް އެ ގައުމުން ހިންގާކަން އިއުލާން ކުރަން އުޅުއްވުމުގެ ތުހުމަތެވެ.

ޓްރަމްޕް މަގާމުން ދުރު ކުރުމަށް އިދިކޮޅު ޑިމޮކްރެޓުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.