ކެރީބިއަން ކަނޑުގައި އޮންނަ ޖަޒީރާ ގައުމެއް ކަމަށްވާ، އަރޫބާގެ ގައުމީ ޓީމުގައި ތިން އަހަރު މަސައްކަތް ކުރުމަށް ފަހު ހޮލެންޑްގެ މާޓިން ކޫޕްމަން އަށް ދެން އައިސް ހަމަޖެހިލެވުނީ، ވަކިވަކި ޖަޒީރާތަކެއްގެ ގޮތުގައި އޮތް މި ދިވެހިރާއްޖޭގަ އެެވެ. ޑިސެމްބަރު މަހު ހުސްވި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗަކު ހޯދުމަށް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ، އިންގްލެންޑްގެ ޖުދާން އަލީ ޝޯޓުލިސްޓު ކުރި ނަންތަކުގެ ތެރެއިން އެއް ނަމަކީ، ކޫޕްމަންގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އޭނާ އާ އެކު ރާއްޖެއަށް އައި ރެނޭ ހިޑިންކް އެވެ. ހޮލެންޑްގެ ކުރީގެ ކޯޗް ގޫސް ހިޑިންކްގެ ކޮއްކޮ އެވެ. ރެނޭ ވަނީ ކުރިންވެސް ކޫޕްމަންގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
ކުލަބުތަކުގެ ކޯޗުންނާ އެކު އެފްއޭއެމްގައި ބޭއްވި ބައްދަލުވުމުގައި ޝޯޓް ލިސްޓް ކޮށްފައިވާ ކޯޗުންގެ ލިސްޓް ދެއްކި އިރު އޮތީ ރެނޭގެ ނަމަވެ. ކޫޕްމަންގެ ނަން ހެޑް ކޯޗުގެ މަގާމަށް ފަހުން ލިސްޓް ކުރީ ރެނޭ ހުށަހެޅި ހިޔާލަކުން ކަމަށް ބެލެވެ އެވެ. ހެޑްކޯޗްގެ ޒިންމާތަކާއެކު ކޫޕްމަން ރާއްޖެ އައިރު، ކޮރޯނާ ވައިރަހުގެ ދިލައިގައި ޖެހި ޗައިނާ ކެކުޅެމުން ދަނީ އެވެ. ޑިސެމްބަރު މަހު ރާއްޖޭގެ ކޯޗް ކަމާ ހަވާލުވެ ކޫޕްމަން ތައްޔާރުވާން އޮތް އެންމެ ފުރަތަމަ މެޗަކީ ޗައިނާގެ މެޗެވެ.
ދެހާހުގެ ކުރީ ކޮޅުގައި އިރުމަތީ އޭޝިއާގައި ކުރިން ފެތުރުނު ސާސް ރޯގާ އާއި އެޗްއެންވަން ވައިރސްގެ ބަލި މަޑުކަމުގެ އަސަރު ރާއްޖެއަށް ކޮށްފައި ނެތުމުން، ހަމައެ ސަރަހައްދުން ފެތުރުނު ކޮރޯނާ ވައިރަސްގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަކަށް އެއްވެސް މީހަކު އޭރު ލަފާ ކޮށްފަ އެއް ނުވެ އެވެ.
ރާއްޖޭގެ ކޯޗް ކަމާ ހަވާލުވެ، މީޑިއާ ވާހަކަ ދައްކަމުން ކޫޕްމަން ބުނީ ނުރައްކަލާއެކު ޗައިނާގެ ފުޓްބޯޅައަށްވެސް އެ އަސަރު ކޮށްފައިވުމުން، އެ ގައުމާ ދެކޮޅަށް ކުޅޭ މެޗުގައި ރާއްޖެއަށް ނެގޭނެ ފައިދާތަކެއް ހުންނާނެ ކަމަށެވެ. ކޫޕްމަން އެހެން ބުނީ އޭނާ ވެސް ޗައިނާގައި ކުރިން މަސައްކަތް ކޮށްފައި ވުމުން އެ ގައުމުގެ ފުޓްބޯޅައިގެ ތޮބީއަތު އޭނާ އަށް އެނގޭތީ ކަމަށްވެސް ކޫޕްމަން ބުންޏެވެ.
މާޗް މަހު ކުޅެން ތާވަލު ކޮށްފައި އޮތް މެޗަށް ޖަނަވަރީ މަހު ރާއްޖެއިން ތައްޔާރުވާން ފެށި އެވެ. ފެބްރުއަރީ މަހާ ހަމައަށް ދިޔައިރު ޗައިނާގައި އެ މެޗު ކުޅެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. އެ މެޗު ތައިލެންޑަށް ބަދަލު ކުރުމުންވެސް ރާއްޖޭގެ ތައްޔާރީތަކަށް ބަދަލެއް ނުގެނެ އެވެ. ކޫޕްމަން އާއި އޭނާ އެސިސްޓެންޓް ކޯޗުން ދިޔައީ ކުރިއަށެވެ. ދެން ފެނުނީ ކުރިން ހީކޮށްފައި ނެތް ކަމެކެވެ. މާޗް މަހު ރާއްޖެއިންވެސް ކޮރޯނާ ވައިރަސް ފެނި ގައުމު އެލާޓަށް ގެނެ އެވެ. ކޫޕްމަން އާއި އޭނާގެ އެސިސްޓެންޓް ކޯޗް ރެނޭ ހިޑިންކްވެސް އަމިއްލައަށް އެކަހެރިކަން އިއުލާން ކޮށްގެން ތީބީ އެވެ. އޭޕްރީލް 15 ގައި މާލެއިން ވައިރަސް ފެނި ލޮކްޑައުން ކުރީ އެވެ.
އެހެން ގައުމެއްގައި ތިން މަސް ދުވަހު ލޮކްޑައުންވެގެން ހުރުމަކީ އުނދަގޫ ކަމެކެވެ. ހާއްސަކޮށް އާއިލާ އާ ވަކިން އެފަދަ އުނދަގޫ އިހްސާސެއް ތަހަންމަލު ކުރަން ޖެހުމަކީ ނަފުސާނީ ގޮތުންވެސް ކުރިމަތިވާ ބުރަ އެކެވެ. ކޫޕްމަންގެ އަންހެނުންނަކީ ހޮލެންޑް އުތުރުގައި އޮންނަ ރަށްތަކުގެ ތެރެއިން ރަށެއްގައި ސްކޫލްގެ ޓިޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެ ބައްދާލިއިރު އަންހެނުންނާއި އާއިލާ ކައިރީގައި ހުރުމަށް ކޫޕްމަން ބޭނުންވާނެ އެވެ.
ކޮރޯނާ ވައިރަސް އާ ގުޅިގެން ޕްރެކްޓިސްތައް މެދުކަނޑާލަން ޖެހުމުން، ފިޓްނަސް ހިފެއްޓުމަށް އެފްއޭއެމުން ކުޅުންތެރިންނަށް ބާރު އެޅި އެވެ. ފިޒިކަލް ފިޓްނަސްގެ އިތުރުން މެންޓަލީ ފިޓްކޮށް ތިބުމަށްވެސް ކުޅުންތެރިންނަށް އެފްއެއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސް އިލްތިމާސް ކުރެއްވި އެވެ. ޓީމުގެ ހެޑް ކޯޗެއްގެ ހައިސިއްޔަތުން ކޫޕްމަން އަމަލީ ގޮތުން އެ މިސާލު ދެއްކި އެވެ. މާލޭގައި ލޮކްޑައުންވެ ހުރެ ފިޒިކަލީ އަދި މެންޓަލީ ފިޓްކޮށް ހުރުމަށްޓަކައި އޭނާ ލޮކްޑައުންގެ ބޭނުން ހިފި އެވެ.
"ލޮކްޑައުންގައި އަހަރެންވެސް 11 ކިލޯ ލުއި ކޮށްލައިފިން،" މީޑިއާ އާ ވާހަކަ ދައްކަމުން ކޫޕްމަން ބުންޏެވެ. "އަހަރެން ހުރިހާ ވަގުތެއް ހޭދަ ކުރީ ހޮޓަލުގައި ތިން މަހަށް ފަހު އަހަރެން ބޭރަށް ނުކުތީ ލޮކްޑައުންއަށް ލުއި ދިން ދުވަހު."
ގައުމީ ޓީމުގެ ޕްރެކްޓިސް އަލުން ޕްރެކްޓިސް ފަށާފައިވާއިރު ކޫޕްމަން އެންމެ ބޮޑަށް އިސްކަމެއް ދިނީ ކުޅުންތެރިންގެ ފިޓްނަސް އަލުން ކުރީގެ ފޯމަށް ގެނައުމަށެވެ. ގައުމީ ޓީމުގެ ޕްރެކްޓިހަށް އޭނާ ނުކުތީ އެ ނަމޫނާ އަމަލީގޮތުން ދައްކަމުންނެވެ.