ހަބަރު

ސަންލޭންޑް ހިލްމީ، 3.7 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ

Jun 18, 2020

ވިޔަފާރިވެރިޔާ އިސްމާއިލް ޝުޖާއުއަށް 3.7 މިލިއަން ޑޮލަރު ދައްކަން ސަންލޭންޑް ހޮޓެލްސްގެ އެއް ހިއްސާދާރު ހުސައިން ހިލްމީގެ މައްޗަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ޝުޖާއު، ހިލްމީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ އޭނާގެ އަތުން ހިލްމީ ނެގި ފައިސާތަކެއް އަނބުރާ ދެއްކުމަށް ދިން ޗެކްތަކެއް ބައުންސްވުމުން އެ ފައިސާ އަނބުރާ ހޯދުމަށެވެ. ސިވިލް ކޯޓުން ހުކުމްކުރީ އެ ފައިސާ ޝުޖާއުއަށް ދައްކަން ޖެހޭ ކަމަށް ސާބިތުނުވާ ކަމަށެވެ.

އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ 3.7 މިލިއަން ޑޮލަރުގެ ޗެކްތަކެއް ބައުންސްވެފައިވާ ކަމަށާއި އެކަން ހިލްމީއަށް ޝުޖާއު އަންގާފައިވެސްވާ ކަމަށެވެ. އެހެންވެ، ހަ މަސް ދުވަސް ތެރޭގައި އެ ފައިސާ ދެއްކުމަށް ހިލްމީގެ މައްޗަށް ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުން ވަނީ ހުކުމްކޮށްފަ އެވެ.

ޗެކްތަކެއް ބައުންސްވި މައްސަލައެއްގެ ތުހުމަތުގައި 2018 ވަނަ އަހަރު ތެރޭގައި ހިލްމީ ހައްޔަރު ވެސް ކޮށްފައިވެ އެވެ.