އާއްމުކޮށް ބޭނުން ކުރާ ސްޓެރޮއިޑް ބޭހަކުން ކޮވިޑް-19 ޖެހި ހާލު ބޮޑުވާ މީހުންނަށް ރަނގަޅު ފަރުވާއެއް ކުރެވި ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށް ކްލިނިކަލް ޓްރައަލްސް ތަކުން ދެއްކުމާ ގުޅިގެން ޑަބްލިޔުއެޗްއޯގެ ގައިޑްލައިން ބަދަލު ކުރަން ތައްޔާރުވަމުންދާ ކަމަށް އެ އޮގަނައިޒޭޝަނުން ބުނެފި އެވެ.
އަންގާރަ ދުވަހު އިއުލާންކުރި މި ޓްރައަލްގެ ނަތީޖާ އިން ހާމަ ވެފައިވާ ގޮތުގައި 1960 އިގެ އަހަރު ތަކުން ފެށިގެން ދުނިޔޭގައި ބޭނުން ކުރަމުން އަންނަ ބޭހެއް ކަމަށްވާ ޑެކްސެމެތަޒޯން ދީގެން ކޮވިޑް-19 ގައި ހާލު ބޮޑުވެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ގިނަ ބަޔަކު މަރުން ސަލާމަތްވާކަން ވަނީ ސާބިތު ވެއެވެ. ޑެކްސެމެތަޒޯން އަކީ އާތުރައިޓިސްގެ ސަބަބުން ހުޅުތައް ދުޅަވެ ދިމާވާ މައްސަލަތަކަށް ޒަމާނުއްސުރެ ދެމުން އަންނަ ބޭހެކެވެ.
ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރުންނަށް ޑަބްލިޔުއެޗްއޯގެ ގައިޑްލައިނަށް ތަބާ ވާން ޖެހެ އެވެ. އެގޮތުން ކޮވިޑް-19 އަށް ކަނޑައަޅާފައި ގައިޑްލައިންތަކަށް ޑޮކްޓަރުން އަމަލު ކުރަން ޖެހެ އެވެ. އެހެންވެ މި ބޭހުގެ ފަރުވާ ދޭން ފެށުމަށް ޑަބްލިޔުއެޗްއޯގެ ގައިޑްލައިނަށް ބަދަލު ގެނައުން މުހިއްމު ވެއެވެ.
ޑެކްސަމެތަޒޯން ދިރާސާގެ ނަތީޖާ އުޅެނީ ވަރަށް ޅަފަތުގައި ނަމަވެސް މި ޕްރޮޖެކްޓްގައި މަސައްކަތްކުރި ސައިންސްވެރިން ބުނަނީ މި ބޭހަކީ ކޮވިޑް-19 ގައި ހާލު ބޮޑުވެފައި ތިބި މީހުންނަށް މިހާރުން މިހާރަށް ވެސް ދޭން ޖެހޭ ބޭހެއް ކަމަށެވެ.
ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދާ ބަލި މީހުންނަށް މި ބޭސް ދީގެން ތިންބައިކުޅަ އެއްބައި މީހުން މަރުން ސަލާމަތް ކުރެވިދާނެ ކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފަ އެވެ. އަދި އޮކްސިޖަން ދީގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން މަރުވާ މީހުންގެ އަދަދު ވެސް މި ބޭހުން ވަރަށް ބޮޑަށް ދަށް ކުރެވޭ ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.
މި ބޭހުގެ ފައިދާ މިހާތަނަށް ފެނިފައިވަނީ ކޮވިޑް-19 ޖެހިގެން ހާލު ބޮޑުވާ މީހުންނަށެވެ. ބަލި ޖެހި މާ ބޮޑުވަރު ނުވާ މީހުންނަށް މި ބޭހުން ފައިދާ ކުރޭތޯ ނުވަތަ ނޫންތޯ އަދި ސައިންސްވެރިން އަޖުމަ ބަލާފައެއް ނުވެ އެވެ.