ދުނިޔެ

މައްސަލަ އިތުރަށް ހޫނު ނުކުރަން ޗައިނާ، އިންޑިއާ އެއްބަސްވެއްޖެ

Jun 18, 2020

ލަދަކް (ޖޫން 18) - އިންޑިއާ އާއި ޗައިނާ ސިފައިންނާމެދު އަންގާރަ ދުވަހުގެ ރޭ ހިނގި ކުރިމަތިލުމާ ގުޅިގެން ދެ ފަރާތުން ވެސް ތުހުމަތުގެ އިނގިލި ދިއްކުރަމުންދިއަ ނަމަވެސް، އެ މައްސަލަ އިތުރަށް ހޫނުވިޔަ ނުދިނުމަށް ދެ ގައުމުގެ ފޮރިން މިނިސްޓަރުން އެއްބަސްވެއްޖެ އެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމަނިޔަމް ޖަޔަޝަންކަރު ވިދާޅުވީ، ބޯޑަރު ހުރަސްކޮށް އިންޑިއާގެ ސަރަހައްދުގައި ޗައިނާ އިން ބިނާއެއް ގާއިމުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އޭގެ ރައްދުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ ވިދާޅުވީ، ފުރަތަމަ ހަމަލާދިނީ އިންޑިއާ ސިފައިން ކަމަށެވެ.

ނަމަވެސް، ފޯނު މެދުވެރިކޮށް ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގައި، އެ މައްސަލަ އިތުރަށް ގޯސްވުމުގެ އަމަލެއް ދެ ގައުމުންވެސް ނުކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

މީގެ ކުރިން ތިން މީހަކު މަރުވެފައިވާކަމަށް އިންޑިއާ އިން ބުނި ނަމަވެސް، އެ އަދަދު 20 އަށް އަރާފައިވާކަމަށް މިހާރު ވަނީ ބުނެފަ އެވެ.

އެ ކުރިމަތިލުން ހިނގާފައިވަނީ ލަޓި ބުރިއާ އާއި ގަލުން ކަމަށާއި، އެއްވެސް ފަރާތަކުން ބަޑިޖަހާފައި ނުވާކަމަށް ދެ ގައުމުން ވެސް ބުނެފައިވެ އެވެ.

ޗައިނާ އިން މަރުވި ސިފައިންގެ މީހުންގެ އަދަދު އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، އިންޑިއާ އިން ބުނީ ގާތްގަނޑަކަށް 40 އަށް ޗައިނާ ސިފައިން އެ ކުރިމަތިލުމުގައި މަރުވެފައިވާ ކަމަށެވެ.

އެ ކަމާ ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ޝަހީދުވި އިންޑިއާ ސިފައިންގެ ގުރުބާނީ ބޭކާރު ވިޔަ ނުދެއްވާނެ ކަމަށެވެ.

"އިންޑިއާ އިން އަބަދުވެސް ސުލްހަ ބޭނުންވޭ. އެކަމަކު ކޮންމެ ހާލަތެއްގައިވެސް ހަމަލާއެއްގެ އެކަށީގެންވާ ރައްދު ދިނުމުގެ ގާބިލުކަން އިންޑިއާއަށް ލިބިގެންވޭ،" ޓީވީ މެދުވެރިކޮށް މޯދީ ވިދާޅުވި އެވެ.

ދެ މިނިސްޓަރުންގެ ފޯނު ކޯލަށް ފަހު، އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ގަލްވަން ވެލީގައި ދެ ގައުމު ވަކިކޮށްފައިވާ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ހުރަސްކޮށް، އިންޑިއާގެ ސަރަހައްދުގައި ޗައިނާ ސިފައިން ބިނާއެއް ގާއިމުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަދި ނުރައްކާތެރި ކުރިމަތުލުންތަކެއް ހިނގަން މެދުވެރިވީ އެ ސަބަބާހެދި ކަމަށާއި، އެކަން އިސްލާހު ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޗައިނާއަށް ވަނީ ގޮވާލައިފަ އެވެ.

އޭގެ ރައްދުގައި ޗައިނާ ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ، ކުރިމަތިލުން ހިނގާފައިވަނީ އިންޑިއާގެ އަމަލުތަކުގެ ސަބަބުން ކަމަށާއި، އަދި އެކަމުގެ ފުރިހަމަ ތަހުގީގެއް ކޮށް، މުސްތަގުނަލުގައި އެކަން ތަކުރާރުނުވާނޭ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އިންޑިއާއަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި މި މައްސަލަ އިތުރަށް ގޯސްވިޔަނުދީ، ބޯޑަރުގައި ސުލްހަ ދެމެހެއްޓުމަށް ދެ ފަރާތުންވެސް މަޝްވަރާ އިސްކުރަންޖެހޭކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޓިބެޓާ އިން ވެގެން އޮންނަ ބޯޑަރު ސަރަހައްދުގައި ދެ ގައުމުގެ އިން ރަނގަޅަށް ވަކިކޮށްފައިވާނުވާއިރު، ގާތްގަނޑަކަށް 3،500 ކިލޯމީޓަރުގެ ސަރަހައްދާ ގުޅޭގޮތުން، ދެ ގައުމުގެ މެދުގައި ދޭ ތެރެއިން ދޭ ތެރެއިން ނުތަނަވަސްކަން ފެންމަތިވެ އެވެ.

ނަމަވެސް، ބަޑީގެ ބޭނުންނުކޮށް، އެހާ ގިނަ އަދަދެއްގެ ބަޔަކު މަރުވި ސަބަބާމެދު ދަނީ ސުވާލު އުފައްދަމުންނެވެ. އިންޑިއާގެ ބައެއް މީޑިއާތަކުން ބުނީ، ޗައިނާ ސިފައިން ވަނީ، އިންޑިއާ ސިފައިން "ތަޅައި، މަރާލާފައި" ކަމަށެވެ.

ހަގީގީ މައްސަލައަކީ ކޮބާ؟

ކޯރުތަކާއި، ސްނޯކެޕުތަކުގެ ސަބަބުން، ދެ ފަރާތުން އެލްއޭސީގެ ގޮތުގައި ބަލާ ރޮނގު މޫސުންތަކާއެކު ބަދަލުވެ އެވެ. އެއާއެކު، 1962 ވަނަ އަހަރު ހަނގުރާމައެއް ވެސް ކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު ދެ އަސްކަރިއްޔާ އާދެމެދު ދޭ ތެރެއަކުން ނުތަނަވަސްކަން އިތުރުވެ އެވެ.

އަސްކަރީ މާހިރުން ބުނީ، ގަލްވަން ސަރަހައްދުގައި އިންޑިއާ އިން ދާދި ފަހުން އިތުރުކޮށްފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ޗައިނާ އޮތީ ހިތްހަމަނުޖެހިފައި ކަމަށެވެ.

އެގޮތުން، ގަލްވަން ގައި މިދިޔަ އޮކްޓޯބަރު މަހު މަގުތައް ތަރައްގީކޮށް، އެ ސަރަހައްދުގައި އޮންނަ އިންޑިއާގެ އަސްކަރީ ވައިގެ ބަނދަރަކާ ވަނީ ގުޅާލައިފަ އެވެ. އެކަމުގެ ސަބަބުން، އިންޑިއާއިން ބޭނުންޖެހޭ ހާލަތެއްގައި އިތުރު ސިފައިންނާއި، ހަތިޔާރު އެ ސަރަހައްދަށް ފޮނުވުމުގެ ގާބިލުކަން އިތުރުވެފައިވާކަމަށް މާހިރުން ވަނީ ބުނެފަ އެވެ.