ހައިކޯޓް

މަންދު ކޮލެޖާއެކު ހެދި އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް

Jun 18, 2020
1

އެމްއީއެސް ހިންގަން މަންދު ކޮލެޖާ ހަވާލުކުރި އެއްބަސްވުން ބާތިލުކުރީ އެއްބަސްވުވާ ހިލާފަށް ކަމަށް ބުނެ ބަދަލު ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރުމުން ބަދަލު ނަގައިދެވެން ނެތް ކަމަށް ކުރި ހުކުމް ހައި ކޯޓުން ބާތިލުކޮށްލައިފި އެވެ.

ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ހައި ކޯޓުން އިއްވި ނިޔާގައި ބުނަނީ އެއްބަސްވުން އުވާލީ އޭގައި ބަޔާންކުރާ ގޮތާ ހިލާފަށް ކަމަށެވެ. އެހެންވެ ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރުމުގެ ހައްގު، މަންދު ކޮލެޖް ހިންގާ ފަރަށް ލިބޭ ކަމަށެވެ. އެ ކޮލެޖް ހިންގަނީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑެވެ.

އެމްއީއެސްގެ މަސްއޫލުވެރިންނާއި އެޑިއުކޭޝަނާ ދެމެދު އެއްބަސްވުމެއް ހެދީ ޑިސެމްބަރު 28، 2008 ގައެވެ. އެ އެއްބަސްވުމުން އޭގެ ފަހުން އެމްއީއެސްގެ ކުރީގެ މަސްއޫލުވެރިންގެ ހައްގުތައް މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލު ކުތީ އޭޕްރީލް 6، 2010 ގަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން އެ އެއްބަސްވުން ބާތިލު ކުރީ ޖެނުއަރީ 25، 2015 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

އެ މައްސަލައާ ގުޅިގެން މާލެ ހައި އިން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ނިންމީ ގެއްލުމުގެ ބަދަލާއި ވަކީލު ފީ ނަގައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީ އަށް އަންގާނެ ތަނެއް ނެތް ކަމަށެވެ. އެ ހުކުމް ކުރީ އޮގަސްޓް 29، 2017 ގަ އެވެ.

ނަމަވެސް އެ ހުކުމް މާލޭ ހައި އިން އިސްތިއުނާފު ކުރުމުން ހައިކޯޓުން ކޯޓުން ނިންމާފައި ވަނީ އެއްބަސްވުން އުވާލާފައި ވަނީ އެއްބަސްވުނާ ހިލާފަށް ކަމަށާއި މާލެ ހައަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ދައުލަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެންވާ ކަމަށެވެ.

އެގޮތަށް ހުކުމް އައި ނަމަވެސް ގާނޫނީ ވަކީލަށް ހަރަދުވި 53،000ރ. ގެ ފީ ނަގައިނުދެވޭނެ ކަމަށެވެ.

މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއީލް އަކީ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ރައީސް އޮފީހުގެ އިސް މަގާމެއްގައި ހުންނެވި ހަސަން އިސްމާއިލްގެ ބޭބެ އެވެ