ދުނިޔެ

އިންތިހާބު ކާމިޔާބުކުރަން ޗައިނާގެ އެހީއަށް ޓްރަމްޕް އެދިވަޑައިގަތް

Jun 19, 2020

ވޮޝިންގްޓަން (ޖޫން 18) - އެމެރިކާގެ ކުރިއަށްއޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ދެވަނަ ދައުރެއް ކަށަވަރުކުރެއްވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އެހީތެރިކަން ހޯއްދަވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރެއްވިކަމަށް އެމަނިކުފާނުގެ ކުރީގެ އެޑްވައިޒަރު ތުހުމަތު ކުރައްވައިފި އެވެ.

ޓްރަމްޕްގެ ކުރީގެ ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ވައިޓް ހައުސްގައި ވަޒީފާ އަދާކުރި ދުވަސްތަކުގެ މައްޗަށް ލިޔުނު ފޮތް މީޑިއާތަކާ ހިއްސާކޮށްފައިވާއިރު، އެ ފޮތުގައި ބޯލްޓަން ތުހުމަތުކުރެއްވި ގޮތުގައި، ޓްރަމްޕް ޝީގެ ކިބައިން އެދިވަޑައިގަތީ އެމެރިކާގެ ދަނޑުވެރިންގެ އުފެއްދުންތައް ޗައިނާ އިން ގަތުމަށް ކަމަށެވެ.

މިދިއަ އަހަރުގެ ޖޫން މަހު ޖަޕާނުގައި ބޭއްވުނު ޖީ20 ސަމިޓުގެ ތެރެއިން ބޭއްވުނު ބައްދަލުވުމުގައި ޓްރަމްޕް ވަނީ ޗައިނާގެ އިގުތިސޯދީ ހައިބަތަށް ތައުރީފު ކުރައްވާފައިކަމަށް އެ ފޮތުގައި ބުނެފައިވެ އެވެ. އަދި އިންތިހާބުގެ ނަތީޖާ އަށް އެމެރިކާގެ ދަނޑުވެރިން ވަރަށް މުހިއްމު ކަމަށާއި، އެމީހުންގެ އުފެއްދުންތައް ޗައިނާ އިން ގަންނަ މިންވަރު އިތުރުކުރަން ބޭނުންފުޅުވާކަމަށް ޓްރަމްޕް ވިދާޅުވިކަމަށް ބޯލްޓަން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ދެ ގައުމުގެ ދެމެދުގައި އެންމެ އަވަހަށް އޮންނަ ވިޔަފާރީގެ މަޝްވަރާތަކުގައި އެކަމަށް އެންމެ އިސްކަމެއް ދެއްވާނެކަމަށް ޝީ ވިދާޅުވުމުން، ޓްރަމްޕް ވަނީ ޝީ އަކީ "ޗައިނާގެ ތާރީހުގައިވެސް އެންމެ ވަރުގަދަ ލީޑަރު"ގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

"ދަ ރޫމް ވެއާ އިޓް ހެޕަންޑް" ގެ ނަން ދީފައިވާ އެ ފޮތް، އާއްމުންނަށް ރިލީޒް ކުރަން ހަމަޖެހިފައި އޮތީ އަންނަ އަންގާރަ ދުވަހެވެ.

އެ ފޮތް ޕަބްލިޝް ކުރުން ހުއްޓުވަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

އެ މައްސަލާގައި ބުނެފައި ވަނީ، އެ ފޮތުގައި ސިއްރު މައުލޫމާތު ހިމެނޭ ކަމަށެވެ.

ބޯލްޓަންގެ ޕަބްލިޝާ ބުނެފައިވަނީ، އެ ފޮތް މިހާރުވެސް އެތަކެއް ހާސް ބަޔަކާ ހިއްސާކުރެވިފައިވާކަމަށާއި މިހާރު ފޮތް ޕަބްލިޝް ކުރުން ހުއްޓުވުމުގެ މާބޮޑު ބޭނުމެއްނެތް ކަމަށެވެ.

ބޯލްޓަންގެ ފޮތުގައި، ޓްރަމްޕްގެ ހިންގުންތެރިކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅުންވެސް ވަރަށް ބޮޑަށް ފާޑުކިޔައި ޖޯކު ޖަހާކަމަށް ބުނެފައިވެ އެވެ. އަދި އަމިއްލަ ފައިދާ އާއި ސިޔާސީ ކުރިއެރުމަށް، ސަރުކާރުގެ ސިޔާސަތުތަކާއި، ހާރިޖީ ގުޅުންތައްވެސް ބޭނުންފުޅުވާ ގޮތަކަށް ބޭނުންކުރައްވަމުން ގެންދަވާކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.

ބޯލްޓަންގެ ފޮތުގައި ދައުލަތުގެ ބޮޑެތި ސިއްރުތައް ހިމެނޭ ކަމަށް މިދިޔަ ޖެނުއަރީ މަހު ވައިޓް ހައުސް އިން ވަނީ ތުހުމަތު ކޮށްފަ އެވެ. ނަމަވެސް، ބޯލްޓަން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.

ނަމަވެސް، ޓްރަމްޕާ ދެކޮޅަށް މިއަހަރު ކުރީކޮޅު ގެންދިއަ އިމްޕީޗްމަންޓް ޝަރީއަތް ވެސް ބިނާވެފައި އޮތީ އެ ފޮތުގައި ބޯލްޓަން ކުރި ތުހުމަތުތަކެއްގެ މައްޗަށެވެ. އެއީ ޔޫކްރެއިންގެ ރައީސަށް ޕްރެޝަރު ކޮށްގެން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯސެފް ބައިޑަންގެ ތަހުގީގެއް އެ ގައުމުން ހިންގާކަން އިއުލާން ކުރަން އުޅުއްވުމުގެ ތުހުމަތެވެ.

ޓްރަމްޕް މަގާމުން ދުރު ކުރުމަށް އިދިކޮޅު ޑިމޮކްރެޓުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.