މިއީ ބަނބުކެޔޮ މޫސުމެވެ؛ ކެޔޮ ވަރަށް ތިޔާގި ދުވަސްވަރެކެވެ. މިކަން ވެސް އެންމެ ރަނގަޅަށް ބުނެ ދެނީ ސޯޝަލް މީޑިއާއިންނެވެ. ބަނބުކޭލުން ތައްޔާރުކުރާ ކޮންމެވެސް އެއްޗެއްގެ ފޮޓޯއެއް އަބަދުވެސް ފެންނާނެ އެވެ. އަދި މިހާރު ބަނބުކޭލުގެ ބާވަތެއް. ވިއްޔާ ހިނގަ އެވެ. ހާއްސަކޮށް ތެެއްލި / ތެލުލި، ބަނބުކޭލެވެ.
މިއީ "ގައުމީ ލުއިކާނާ" ގޮތުގައި ނިންމާހާ ވެސް އެ މަގުބޫލެވެ. ހުރިހާ އުމުރެއްގެ މީހުން ވެސް ގަޔާވާ އަދި ހިނގާ އެއްޗަކަށް ތެލުލި ބަނބުކެޔޮ ވެފައި އޮންނާތީ އެވެ މިއީ ބަނބުކޭލުން ފަސޭއިން ތައްޔާރު ކޮށްލެވޭ ވެސް އެއްޗެއްކެވެ. ބަނބުކެޔޮ ބަތާއި، ބޮނޑިބަތާއި އަދި ބޯކުރި ބަނބުކެޔޮ ވެސް އެއީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ބާވަތްތަކެވެ.
ބަނބުކޭލުން ހަދާފައި ހުރި ލައިގެން ކާއެއްޗެއް އަހަރެން އަލަށް ކެއީ މީގެ 10 ވަރަކަށް އަހަރު ކުރިން ނިއުޒިލޭންޑުންނެވެ. އެތާނގައި ކިޔަވަން އުޅުނު އިރު ދިވެހި އާއިލާއެއް ދިން ދައުވަތަކަށް އަހަރެން އެގެއަށް ދިޔައީ ރޭގަނޑުގެ ކެއުމަށެވެ.
ކާން ތައްޔާރުކޮށްފައި ހުރި މޭޒުމަތީގައި ބަތާއި ސެލެޑް ފަތާއި އެކި އެކި ފާޑުގެ މޭވާ ފުރިހަަމައަށް ތައްޔާރުކޮށްފައި ހުއްޓެވެ. ބާތާއެކު ކާން ހުރީ ބަނބުކޭލު ހިއްޗެވެ. އޭގެ ކުރިން އަހަރެން ދުވަހަކު ވެސް ބަނބުކެޔޮ ހިއްޗެއް ނުވެސް ދަންނަމެވެ ރަހައެއް ވެސް ނުބަލަމެވެ.
![](https://images-01.avas.mv/post/big_7xAUxEtyqXZantjxuyLxjGfNj.jpg)
ނިއުޒިލޭންޑް ގައި ކަނޑުމަހާއި ވަޅޯ މަސް ފަސޭހައިން ލިބެން ނެތުމުން އެގޭގައި ހިތި ހަދާފައި ހުރީ ކަށިކުކުޅު އަޅައިގެންނެވެ. އަލަށް އެ ދުވަހު ބަނބުކޭލު ހިތި ކެއި ފަހުން އެއީ މިހާތަނަށް ކެވުނު އެންމެ އޮތެންޓިކް ދިވެހި ކެއުން ގޮތުގައި ނިންމިފައި އޮވެ އެވެ. އަދި އަދަށް ދާންދެން ވެސް އަހަންނަށް އެވަރު ކެއުމެއް ނެތެވެ.
![](https://images-01.avas.mv/post/big_ZUPHUTCnWnU3qGxsogANoFqJA.jpg)
![](https://images-01.avas.mv/post/big_vFEutEZ87KXiVWN6LtKnMLd3T.jpg)
މިއަދު އަހަރެން ގެއިން މި ނުކުތީ ގެއަށް ވަންނާނީ ބަނބުކޭލެއް ހިފައިގެން ކަން ނިންމައިގެންނެވެ. ލޮކްޑައުންއަށް ފަހު މާލޭގެ މާރުކޭޓުތައް އަދި ރަނގަޅަކަށް ނުހުޅުވަ އެވެ. އެކަމަކު އަމީނީ މަގުގައި ދުއްވަނިކޮށް ހަނި ގޯޅިއެއް ނިމޭ ހިސާބުގައި ފޮށިގަނޑަކަށް އަޅައި ވިއްކަން ހުރި ބަނބުކެޔޮތަކެއް ވެސް ފެނުނެވެ. އަގު ޖަހާފައި ބަހައްޓާފައި ހުއްޓަސް އެ ފޮށިގަނޑުގެ ސޭޓެއް ނެތެވެ. އަހަރެން ވެސް ކައިރިވެލައި އަގު ބަލާލާފައި ލާހިކު އަގެއް ނޫންވެގެން ނައްޓައިލީ އެވެ.
![](https://images-01.avas.mv/post/big_k7hVJbsnoVp6jN7opv4MqUln5.jpg)
ސަރުކާރުން ދެއްކި ވާހަކައެއްގެ ސަބަބުން ބަނބުކޭލުގެ ފޮޓޯތަކާއި އޭގެ ގިނަ ބާވަތްތައް ފެންނަ، އަދި މާ މަޝްހޫރުވެގެން އުޅޭ އިރެެއްގައި ބަނބުކެޔޮ ހިއްޗާއި އޭގެ ރެސިޕީތަށް ވެސް މިހާރު ހުރިހާ އެންމެން އެބަ ހިއްސާކުރެ އެވެ. ޒުވާނުންގެ މެދުގައިވެެސް ބަނބުކެޔޮ ހިތީގެ ރެސިޕީ ވަރަށް ހިނގާ އެހާ މަގުބޫލު ވެފައި ވެއެވެ.
ޓުވިޓަރގައި ޒުވާން ނުހާ ރަޝީދު އޭނާއަށް ބަނބުކޭލެއް ލިބިގެން ހަދާނެ އެއްޗަކާއި މެދު ވިސްނަމުންދާ ކަމަށް ބުންޏެވެ. އެއަށް ފަހު އޭނާ ހިއްސާ ކުރި ފޮޓޯއަކީ ރައީސް މުހައްމަދު އަމީން ލިޔުއްވާފައިވާ "ކަރުނައާއި ނުލާ ކެއްކުން" އެ ފޮތުން އޭނާ ނަގާފައިވާ ބަނބުކެޔޮ ހިތީގެ ރެސިޕީއަކަށް ހިތި ކެއްކުމަށް ފަހު ލާފައިވާ ފޮޓޯއެކެވެ.
![](https://images-01.avas.mv/post/big_3tUjcRPZoZfu5gcdWxu4oSCbV.jpg)
ރައީސް މުހައްމަދު އަމީން ލިޔުއްވި ރެސިޕީ ފޮތާއި ގުޅޭގޮތުން އެ މަނިކުފާނުގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީން، އެކަމަނާ އަވަހާރަވުމުގެ ކުރީން އަވަސް އަށް އިންޓަވިއު ދެއްވި އެވެ. އަހަރެންގެ ނަސީބަކަށްވީ އެ ފުރުސަތު އަހަންނަށް ލިބުނު ކަމެވެ.
މިދިއަ ރޯދަމަހުގެ ކުރީ ރޯދަމަހު އަހަންނާއި ބައްދަލުވެ ރައީސް އަމީންގެ ރެސިޕީ ފޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަމީނާ ވިދާޅުވި ގޮތުގައި ރައީސް އަމީން އެންމެ ގަޔާވެވަޑައިގެން ފަރިއްކުޅުވާ އެއް ކެއުމަކީ ބަނބުކެޔޮ ހިއްޗެވެ.
އަހަންނަށް ކަމުދާ ކެއެމާއި ރައީސަށް ކަމުދާ ކެއުން އެކައްޗަކަށްވުމުން އެދުވަހު އަހަރެން ވަރަށް އުފާވި އެވެ. ރައީސް އަމީންގެ ރެސިޕީ ފޮތުގައިވާ ބަނބުކެޔޮ ހިތީގެ ރެސިޕީ ހޯދާލާމާ ހެއްޔެވެ؟
ރެސިޕީ ފޮތުގައި ރައީސް އަމީން، ބަނބުކެޔޮ ސިފަ ކުރައްވާފައި ވަނީ ދިވެހި ކުޑަދޫތަކަށް ވަރަށް މީރު އެއްޗެއްގެ ގޮތުގަ އެވެ. ބަނބުކެޔޮ ހިތީގެ އިތުރުން އެ ފޮތުގައި ބަނބުކެޔޮ ސަންނެޓި ތައްޔާރުކުރާގޮތް ވެސް ރައީސް ލިޔުއްވާފައި ވެއެވެ. ހިއްޗާއި ސަންނެޓި ތަފާތަކީ ސަންނެޓި ކެއްކުމުގައި އެއަށް ރިހާކުރު އަޅާތީ އެވެ.
![](https://images-01.avas.mv/post/big_oe1PsmeNRtADKBVp1AfJ5R4fK.jpg)
ރައީސްގެ ބަނބުކެޔޮ ހިތި ރެސިޕީ
- 1 ބަނބުކެޔޮ
- 36 ގްރާމް ފިޔާ
- 26 ގްރާމް ލޮނުމެދު
- 2 ގްރާމް ދަމުއި (ޑިލް ސީޑް)
- 1 ގްރާމް ރީނދޫ
- ކާށިކިބައެއްގެ ހުނި
- ކާށިކިބައެއްގެ ކިރު
- 1 މަސްގަނޑު
ތައްޔާރު ކުރާނެގޮތް
އެންމެ ފުރަތަމަ ދޮން ހުނި ފުނޑާށެވެ. ފިޔާ އިނގުރާއި ލޮނުމެދާއި، ދަމުއި ލައިގެން ކާށިކިބައެއްގެ ހުނި ފުނޑާށެވެ. އެއަށްފަހު ބަނބުކެޔޮ ކޮށާފައި ރަނގަަޅަށް ދޮވެ ލޮނު ލައިގެން މަޑު ކުރާށެވެ. ބަނބުކެޔޮ ރަނގަޅަށް މަޑުވުމަށްފަހު، ދޮންހުންޏާއި އެއްކޮށް ކޮށާފައި ހުރި މަސް ބަނބުކޭލުގެ ތެރެއަށް އަޅައިގެން ކައްކަން ފަށާށެވެ. ހުނި ރޯފިލުމުން ދިޔަވަރާއި ލޮނު ހެޔޮވަރުކޮށް ބޯކިރު އަޅައިގެން ކައްކާށެވެ.
ރައީސްގެ ބަނބުކެޔޮ ސަންނެޓި ރެސިޕީ
ބަނބުކެޔޮ ހިތީގެ އިތުރުން ރައީސްގެ އެ ފޮތުގައި ބަނބުކެޔޮ ސަންނެޓި ތައްޔާރުކުރާގޮތް ވެސް ރައީސް އަމީން ލިޔުއްވާފައި ވެއެވެ. ހިއްޗާއި ސަންނެޓި ތަފާތަކީ ސަންނެޓި ކެއްކުމުގައި ރިހާކުރު އަޅާތީ އެވެ.
- ހެޔޮވަރުގެ ބަނބުކޭލޭއް
- 24 ގްރާމް ފިޔާ
- 2 ގްރާމް ދިިރި
- 5 ގްރާމް ހިކި މިރުސް
- 2 ލޮނުމެދު
- 1 ގްރާމް ރީނދޫ
- 5 ގްރާމް އަސޭމިރުސް
- 1 ކާށި
- ރިހާކުރު ފޮދެއް
- 4 ގްރާމް ދަވިއްގަދު
- ވަޅޯމަސް ގަނޑެއް
- އިގުރުކޮޅެއް
ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމައިން، ދަވިއްގަނދު، ދިރި، އަސޭމިރުސް، ރީދޫ ފިޔާ، އިގުރު، ލޮނުމެދު، މިތަކެތި ލައިގެން ކާއްޓެއްގެ ދެބައިކުޅައެއްބައި ވަރުގެ ހުނިކޮޅެއްގއި ރަނގަޅަށް ފުނޑާށެވެ. ބަނބުކެޔޮ ކޮށުމަށްފަހު، ރަނގަޅަށް ދޮވެ ލޮނުލައިގެން މަޑުކުރަން އުދާށެވެ. ބަނބުކެޔޮ ކެކިގަތީމާ ހަވާދު އަޅާ މަހާއި އެއްކުރާށެވެ. އަދި ރަހަލާ ވަރަށް ރިހާކުރު ކޮޅެއް އަޅާށެވެ. ކެކިގަތީމާ ބަލާށެވެ. މިއީ ފައްކާ ސަންނެޓި ތެއްޔެއް ކައްކާނެ ގޮތް ކަމުގައި ރައީސް އަމީން ލިޔުއްވާފައި ވެއެވެ.