ލައިފްސްޓައިލް

ލޮކްޑައުން އަށްފަހު ނިކުމެވުނީ ވީރާނާވެފައި އޮތް މާލެއަކަށް!

ސޯޝަލް މީޑިއާގައި ދައުރުވާ މީމްސްގެ ތެރެއަށް އަހަރުމެން ދިވެހިންގެ އުފެއްދުންތައް ވެސް އެތަށް ބަޔަކު ކޮންމެ ދުވަހަކު ހެއްވާލައެވެ. ލޮކްޑައުން ލުއިކޮށް ނޭވާއެއްލާން ބަންދުވެފައިތިބި އެތަށް ބަޔަކު ބޭރަށް ނިކުތް އިރު އެދުވަހު އަހަންނަށް ލޮލުގައި އަޅައިގަތީ މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީއު، ސޯޝަލް މީޑިއާ ދޫކޮށްލި ވީޑިއޯ ކޮޅަކުންނެވެ. އޭގައި ދައްކަނީ ޔޫސޭ ފޮށި ތަންމަތި ހިފައިގެން ދޯންޏަކުން މާލެ ފައިބާ މަންޒަރެވެ. ވީޑިއޯ ކުޅުނު އިރު ރަށުން މާލެ ލަފާ ޔޫސޭ ހައިރާންވަނީ މާލޭގެ ތަރައްގީ ފެނިފައިހެން ހީވެއެވެ. އާވެފައެވެ. ހައިރާންވެފައި ހުރެ އަހަނީ "އައްޕާ..މީބު މާލެ؟" އެހެންނެވެ.

ލޮކްޑައުން ނިންމާލާ ބޭރަށް ނިކުމެލުމުން ވީ އެކަހަލަ އިހުސާސެކެވެ. ގޭގައި ބަންދުވެފައި ބޭރަށް ނުނިކުމެފައި ހިތްހަމަަޖައްސާލަން ނިކުން އިރު މާލޭގެ ހުޅަނގު ފަރާތް އޮތް ހާލާތުންނެވެ. އަހަރެން ހުއްޓުން އެރީ ތަރައްގީ އާއި ތަހުޒީބަށްވުރެ މީހުންނާއި ކަމާބެހޭ ފަރާތްތަކުގެ ޒިންމާދާރުކުޑަކަމުންނެވެ.

މާލޭގެ ހުޅަނގު ފަރާތަކީ އަހަރެންގެވެސް ކުޑައިރުގެ އުފާވެރި ހަނދާންތަކަކާއި ގުޅިފައި އޮންނަ ތަނެކެވެ. 90 އަހަރުގެ ތެރޭގައި އެ ސަރަހައްދުގައި އާ ހާބަރު ހެދުމަށް އަދި އައިޖީއެމް ހޮސްޕިޓަލް އެޅުމަށް ޖަހާފައި އޮންނަ ވެލި ފުނިތަކާއި އަކިރި ފުނިތަކަށް އަހަރުމެން އަަރައި ހަދަމެވެ. ވެލި ފުނިތަކާއި އަކިރި ފުނިތަކަށް އަރައި ފަރުބަދައޭ ކިޔާ ކައްސާލަނީ އެވަރު މަޖާ ކަމެއް ނެތިއެވެ.

ކޮންމެ ހަފްތާ ބަންދަކު އުޅަނބޮށި އަދި ކަކުލުން ހަންގޮސް ލޭ އައިސްފައި އޮތަސް އަހަރުމެން ނަލައަށް ދުވެލަން އެވަރު ތަނެއް ނޯވެއެވެ. މިއީ އަހަރެންގެ އެ ސަރަހައްދުގެ އެންމެ ކުރީގެ ހަނދާންވެސް މެއެވެ. އެފަހުންވެސް ހުޅަނގު ފަރާތުގައި އައިޖީއެމް ހޮސްޕިޓަލް ދިމާލާއި އެކު ޒަމާންގަނޑެއް ވަންދެން ތިން ރުއް ޕާކާއި އެކު އިތުރު ދެ ފިނި މައިޒާން ހުރެއެވެ. ފުރާވަރުގައި ރޯދަމަހު ބައިސްކަލް ދުއްވާލަން ދަނީ އެތަނަށެވެ. ގެއަކުން ކިއްލި ގަނެގެން ބައިސްކަލުގައި އެތަނުގައި ތިބެ ކިއްލި ކާލައިގެން އަންނަނީ ގެއަށެވެ. ހިޔާލެއް ފިކުރެއް ނެތިއެވެ.

އޭގެވެސް އަހަރުތަކެއް ފަހުން ދުވާ ޓްރެކަކާއި އެތާނގައި އިތުރު ފިނި މައިޒާން އަޅާ ރަސްފަންނު ހުޅުވާލީއެވެ. އިތުރަށް ތަރައްގީ ކުރީއެވެ. ބާބެކިއު ސަރަހައްދާއި އުނދޯއްޔާއި ބެންޗާއި ހަޓާއި އެކުއެވެ. އާއްމުން ބޭނުންކުރަން އެތަންތަން ތަރައްގީކޮށް ކުނިވަށިތައްވެސް ބެހެއްޓީއެވެ. ކުރީގެ ތިން ރުއް ޕާކަށް ސުނާމީ ބިނާ ގެނެސް އެ ސަރަހައްދަށް ލާ އެހެން ޑިޒައިނަކަށްވެސް ބަދަލު ކުރީއެވެ. ޖޯލިފަތަކެއް ވެސް ބަހައްޓާ ރީތިކޮށްލާ އާއްމުންނަށް ބޭނުންކުރުމަށް ހުޅުވާލިއެވެ.

އެ ސަރަހައްދުން ފެންނަ ނޫވިލާއި ކަނޑަކީ ހިތްހަމަޖެހުމަކެވެ. އިރުއޮއްސޭ ވަގުތު އުޑުމަތިން ފެންނަ ކުލަވަރާއި އެ މަންޒަރު ބަލާލުމަކީ ހިތަށް ހަމަޖެހުން ލިބޭކަމަކެވެ. ގިނަބަޔަކު އެތަނަށް މި ބޭނުމުގައި ދެއެވެ. ފޮޓޯ ނަގާ ސެލްފީއަށްވެސް އެވަރު ތަނެއް ނެތެވެ. އެ މަންޒަރަކީ އާޓިސްޓެއްގެ ފިހިންވެސް ގެންނަން އުނދަގޫވާނެ މަންޒަރެކެވެ. އޮފީހުގައި ބިޒީ ދުވަހެއް ނިންމާލާ ދުވަހުގެ ސްޓްރެސް ފިލުވާލަން ގެއަށް ވަނުމުގެ ކުރިން ސަންސެޓް ބަލާލުމަކީ ވެސް އާއްމުކަމެކެވެ.

އައިޖީއެމްއެޗްގައި ހާލުދެރަ ބަލިމީެހެއް ކައިރީ އުނދަގޫ ގޮނޑިއެއްގައި އެތަށް އިރެއްވަންނދެން އިށީނދެ އިނުމަށްފަހު ހަށިގަނޑު މޯޅިއަށް ދަމާލާ ވައިޖައްސާލަން ތޮށިގަނޑު މަތީގައި އިށީނދެ ތިބޭމީހުންގެ ބްރޭކަކަކީވެސް އެތަނެވެ. މާލޭގައި އުޅޭމީހުންނަށް ދިރިއުޅުމުގެ ކަންކަމާއި ވިސްނާލާން އެއްތަނެއްގައި މަޑުކޮށްލާނެ އެއް މައިޒާނަކީވެސް އެއީއެވެ. މަޑުކޮށްލަނީ އެއް ދުވަސް ނިމި އާ ދުވަހަކަށް އުއްމީދާއި އެކުއެވެ.

ލޮކްޑައުންގެ ލުއިތަކާއި އެކު ހަށިފުރާ ނޭވާއެއް ލާން ގެއިން ބޭރަށް ނިކުމެ އެންމެ ފުރަތަަމަ ކުދިން ގޮވައިގެން އަހަރެން ދިޔައީ އެހީސާބަށެވެ. ހަވީރުގެ ވަގުތުގައެވެ. ފެނުނީ ސުނާމީ ބިނާ މައިޒާޏް ހަލާކުވެ ވީރާނަވެފައިވާ މަަންޒަރެވެ. ރަސްފަންނު ގެ ދުވާ ޓްރެކްގެ ބޮޑުބައެއް ހަލާކުވެފައި ތަނެވެ. މީގެ އިތުރުން ބޮއެފައި އުކާފައި އެކި ފުޅިތަކާއި ދަޅުތަކެވެ. އެއްވެސް ކަހަލަ ބެލުމެއް ނެތެވެ. ބެލެހެއްޓުމެއްވެސް ނެތީއެވެ. ކޮންމެ ސަރުކާރަކުން ތަނެއް ހެދިއަސް މިއީ ރައްޔިތުންގެ ފައިސާއިން ރައްޔިތުންއަށް ހަދާފައިވާ ތަންތަނެވެ. މާލެއަށް އެެރި އުދައާއި އެކު ގެއްލުންވީކަމުގައިވިއަސް އެތަން ތަން ބަލަހައްޓަންވެއެވެ. މިތަންތަނަކީ ރައްޔިތުންގެ ތަންތަނެވެ.

ލޮކްޑައުންގައި ގޭގައި ތިބިއިރު އުޑުމަތިން ކިރިޔާ ރަތްވިލާގެ އަސަރެއް ފެންނަ އިރަށް އިރުއޮއްސޭ މަންޒަރު ބަލަން ނުދެވޭ ވާހަކަ ދެއްކީމެވެ. ކަސްރަތަށް ހިނގާލަން ނުދެވޭ ވާހަކަވެސް ދެއްކީއެވެ. ބޭރުތެރެ ބުރެއް ޖަހާލަންވެސް ނުނިކުމެވި މިސްވާ ވާހަކައެވެ. އެހެންނަމަވެސް ދާން ފުރުސަތު ލިބުނު އިރު މިތަންތަން މިއޮތީ ބޭނުންކުރެވޭ ވަރަށް ވުރެ ހާލު ދެރަކޮށެވެ. މާލޭގައި އާއްމުންގެ ހިތްހަމަޖައްސާލުމަށާއި ދުޅަހެޔޮކަމަށް އަދި އިޖްތިމާއީ ގުޅުންތަކަށް ހާއްސަ މައިޒާންތަކަކީ މަދު ތަންތަނެވެ. އެހެންކަމުން މިފަދަ ތަންތަން މިއަށް ވުރެ ރަނގަޅަށް ބެލެހެއްޓުމަކީ އެއްމެންގެ ޒިންމާއެކެވެ. އަހަރެމެންގެ އަމިއްލަ ތަންތަން އަހަރެމެން ނުބަލަހައްޓާވަރަށް ވަކިން ދެން އައިސް ރީތިކޮށް ސާފުކޮށް ދެން ބަލަހައްޓާނީ ވަކި ކާކު ހެއްޔެވެ؟