ދުނިޔެ

ކުރިމަތުލުމުގެ ތެރޭގައި އަތުލައިގަތް އިންޑިއާ ސިފައިންތަކެއް ޗައިނާ އިން ދޫކޮށްލައިފި

Jun 19, 2020

ލަދަކް (ޖޫން 19) - އިންޑިއާ އާއި ޗައިނާ ސިފައިންނާމެދު އަންގާރަ ދުވަހުގެ ރޭ ހިނގި ކުރިމަތިލުމަށްފަހު، ޗައިނާ އިން ހައްޔަރުކުރި އިންޑިއާ ސިފައިންގެ 10 މީހަކު ދޫކޮށްލާފައިވާކަމަށް ބައެއް ރިޕޯޓުތައް ބުނެފި އެވެ.

އެ ކުރިމަތުލުމުގެ ތެރެއިން އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ދެ ފަރާތުން ބުނެފައިނުވި ނަމަވެސް، އިއްޔެ ޗައިނާ އިން ދޫކޮށްލި އިންޑިއާ ސިފައިންގެ ތެރޭގައި، އިސް ތިން އޮފިސަރަކުވެސް ހިމެނޭކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މީގެ ކުރިން ތިން މީހަކު މަރުވެފައިވާކަމަށް އިންޑިއާ އިން ބުނި ނަމަވެސް، އެ އަދަދު 20 އަށް އަރާފައިވާކަމަށް މިހާރު ވަނީ ބުނެފަ އެވެ. އަދި އޭގެ އިތުރު 76 ސިފައިން ޒަހަމްވެފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެ ކުރިމަތިލުން ހިނގާފައިވަނީ ލަޓި ބުރިއާ އާއި ގަލުން ކަމަށާއި، އެއްވެސް ފަރާތަކުން ބަޑިޖަހާފައި ނުވާކަމަށް ދެ ގައުމުން ވެސް ބުނެފައިވެ އެވެ.

ޗައިނާ އިން މަރުވި ސިފައިންގެ މީހުންގެ އަދަދު އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، އިންޑިއާ އިން ބުނީ ގާތްގަނޑަކަށް 40 އަށް ޗައިނާ ސިފައިން އެ ކުރިމަތިލުމުގައި މަރުވެފައިވާ ކަމަށެވެ.

އިންޑިއާ ސިފައިންތަކެއް ދޫކޮށްލާފައިކަމަށް ރިޕޯޓުކޮށްފައިވަނީ، އެ މައްސަލަ އިތުރަށް ހޫނުވިޔަ ނުދިނުމަށް ދެ ގައުމުގެ ފޮރިން މިނިސްޓަރުން އެއްބަސްވެފައިވަނިކޮށެވެ.

އަދި ޗައިނާއިން އިންޑިއާ ސިފައިންތައް ދޫކޮށްލުމަކީ ބުދަ ދުވަހު ދެ ފަރާތުން ކުރި މަޝްވަރާތަކުގެ މުހިއްމު ކުރިއެރުމެއްކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވެ އެވެ.

އެ މައްސަލައަށް ކުރިއެރުމެއް ލިބިފައިވާއިރު، އެ ކުރިމަތިލުމުގައި ޗައިނާ ސިފައިން ބޭނުންކުރި ހަތިޔާރުތަކުގެ ފޮޓޯއެއް ދައުރުވާން ވަނީ ފަށައިފަ އެވެ.

ބޯދަރުގެ ދެ ކިލޯމީޓަރުގައި ސަރަހައްދެއްގައި ބަޑި ބޭނުންނުކުރަން ދެ ގައުމުން 1996 ވަނަ އަހަރު އެއްބަސްވެފައިވާއިރު، މި ކުރިމަތިލުމުގައި ޗައިނާ އިން ބޭނުންކޮށްފައިވަނީ މޮހޮރު ޖަހާފައިވާ ދަނގަޑުބުރިތަކެއްކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު އަންނަނީ އެކަން ކުށްވެރިކުރަމުންނެވެ.

ނަމަވެސް، މިކަމާ ގުޅޭ ގޮތުންވެސް ދެ ގައުމުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޯރުތަކާއި، ސްނޯކެޕުތަކުގެ ސަބަބުން، ދެ ފަރާތުން އެލްއޭސީގެ ގޮތުގައި ބަލާ ރޮނގު މޫސުންތަކާއެކު ބަދަލުވެ އެވެ. އެއާއެކު، 1962 ވަނަ އަހަރު ހަނގުރާމައެއް ވެސް ކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު ދެ އަސްކަރިއްޔާ އާދެމެދު ދޭ ތެރެއަކުން ނުތަނަވަސްކަން އިތުރުވެ އެވެ.

އަސްކަރީ މާހިރުން ބުނީ، ގަލްވަން ސަރަހައްދުގައި އިންޑިއާ އިން ދާދި ފަހުން އިތުރުކޮށްފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ޗައިނާ އޮތީ ހިތްހަމަނުޖެހިފައި ކަމަށެވެ.

އެގޮތުން، ގަލްވަން ގައި މިދިޔަ އޮކްޓޯބަރު މަހު މަގުތައް ތަރައްގީކޮށް، އެ ސަރަހައްދުގައި އޮންނަ އިންޑިއާގެ އަސްކަރީ ވައިގެ ބަނދަރަކާ ވަނީ ގުޅާލައިފަ އެވެ. އެކަމުގެ ސަބަބުން، އިންޑިއާއިން ބޭނުންޖެހޭ ހާލަތެއްގައި އިތުރު ސިފައިންނާއި، ހަތިޔާރު އެ ސަރަހައްދަށް ފޮނުވުމުގެ ގާބިލުކަން އިތުރުވެފައިވާކަމަށް މާހިރުން ވަނީ ބުނެފަ އެވެ.