ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19 އަށް ވުރެ ސީރިޔާ ހަނގުރާމަ ބިރުވެރި

އިނގިރޭސި ވިލާތުގައި ކޮރޯނާވައިރަހުގެ ސަބަބުން މިހާތަނަށް 40،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެތަކެއް އާއިލާތަކަކުން އެ މީހުންގެ އެންމެ ލޯބިވާ އެތައް ބަޔަކު މަރުވުމުގެ ސަބަބުން އެމީހުންގެ ހިތް ވަނީ ހަލާކުވެފަ އެވެ.

ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި އަމިއްލަ ފުރާނައަށް ބެލުމެއް ނެތި މަސައްކަތްކުރާ އެއް ޑޮކްޓަރަކީ މުހައްމަދު ކަޖޫޖް އެވެ. އުމުރުން 30 އަހަރުގެ މުހައްމަދު އުފަންވީ ސީރިޔާގެ ހާމާ ގައެވެ. ޔޫކޭގައި ކޮވިޑް-19 ބަލި މީހުންނަށް ފަރުވާ ދިނުމުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ރެފިއުޖީންގެ ތެރޭގައި ޑރ. މުހައްމަދު ހިމެނެ އެވެ.

އޭނާއަކީ ޔޯކް ހޮސްޕިޓަލުގެ އޭއެންޑްއީ ވޯޑުގައި މަސައްކަތްކުރާ އީއެންޓީ ސާޖަން އަކަށް ވާތީ މި ބައްޔާ ކުރާ ހަނގުރާމައިގައި އޭނާގެ ތަޖުރިބާއާއި ޚިދުމަތް ވަރަށް ބޭނުންހިފެ އެވެ.

ގޮންޖެހުންބޮޑު، ބުރަ މަސައްކަތެއްގައި ރެއާ ދުވާލު އުޅެމުންދިޔަ ނަމަވެސް ޑރ. މުހައްމަދުގެ ހިތްވަރަކަށް ބަދަލެއް ނާދެ އެވެ. އޭނާއަކީ ސީރިޔާގެ ހަނގުރާމައިގެ މައިދާނުން ވަރަށް ހާލުން އިނގިރޭސި ވިލާތަށް ހިޖުރަކޮށް އެ ގައުމުގެ ހިމާޔަތް ހޯދާފައިވާ މީހަކަށް ވާތީ އެވެ.

ޑރ. މުހައްމަދު ބުނި ގޮތުގައި ކޮރޯނާވައިރަހަށް ފަރުވާ ދޭން އުނދަގުލެވެ. ސަބަބަކީ މުޅިން އާ ބައްޔަކަށް ވާތީ އެވެ. ފަރުވާދޭ ބަލި މީހުން ރަނގަޅުވާން ކޮންމެ ޑޮކްޓަރަކުވެސް ބޭނުންވާ ނަމަވެސް ކޮވިޑް-19 އަށް ދެވޭ ފަރުވާ އަކީ އެންމެ އެކަށީގެންވާ ފަރުވާކަން ޑޮކްޓަރުންނަށް ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

ކޮވިޑް-19 އިގެ ހަނގުރާމައިގެ ފްރަންޓްލައިންގައި މަސައްކަތްކުރުމަކީ އުނދަގޫކަމެއް ނަމަވެސް ޑރ. މުހައްމަދު ވަނީ މިއަށް ވުރެ މާ އުނދަގޫ ދުވަސްތައް ދެކެފަ އެވެ. އޭނާއަކީ ސީރިޔާގައި އެންމެ ގަދަޔަށް ބޮން ގޮއްވާ އިމާރާތްތައް ބިމާ ހަމަކުރަމުންދިޔައިރު އެ ގައުމުގެ ހޮސްޕިޓަލެއްގައި މަސައްކަތް ކޮށްފައިވާ ޑޮކްޓަރެއް ވީމަ އެވެ. އެހެންވީމަ އޭނާގެ ހަޔާތުގައި ނެގޭނެ އެންމެ ބޮޑެތި ރިސްކުތައް މާ ކުރިން އޭނާވަނީ ނަގާފަ އެވެ.

ކޮރޯނާވައިރަހަކީ ވެސް އޭރު ނެގި ރިސްކާ ބަލާއިރު ބޮޑު އެއްޗަކަށް ނުވެ އެވެ.

"ހަނގުރާމައިގެ މައިދާނުގައި އުޅުމަކީ ސިކުނޑިއަށް މާ އަސަރުކުރާ ކަމެއް. އަދި މިހިސާބަށް އަންނަން އަހަރެން ކުރި ދަތުރަކީ ވެސް ވަރަށް ދަތި އުނދަގޫ ދަތުރެއް،" މުހައްމަދު ބުންޏެވެ.

މި ހުރިހާ އުނދަގޫތައް ތަހައްމަލުކުރަން ޖެހުމުން ޑރ. މުހައްމަދަށް ދަސްވި އެންމެ މުހިއްމު އެއްޗަކީ ކެތްތެރިކަމެވެ.

ސީރިޔާގެ ސިޓީއެއް ކަމަށްވާ އަލެއްޕޯ 2012 ގައި ހަނގުރާމައިގެ މައިދާނަކަށް ބަދަލުވީއިރު، މުހައްމަދަކީ ތަމްރީނުވަމުން ދިޔަ ޑޮކްޓަރެކެވެ. އެ ސިޓީގައި ހުރި ހޮސްޕިޓަލުތަކަށް ބޮން އަޅައި އެތާ ތިބި ކުށެއް ނެތް އެތައް ބަޔަކު މަރުވަމުން ދިޔައީ މުހައްމަދުގެ ލޯ ކުރިމަތީގަ އެވެ. އެ ދުވަސްވަރު އެތަނުގައި މަސައްކަތްކުރި ހުރިހާ ޑޮކްޓަރުން ކަހަލަ ގޮތަކަށް ފުރާނައަށް ބިރުން ދިޔައީ އެވެ.

ހޮސްޕިޓަލުގައި ނުގޮސް ތިބީ ހައެއްކަ ޑޮކްޓަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސީރިޔާ، އިނގިރޭސި ވިލާތް އަދި ޕާކިސްތާން ޑޮކްޓަރުންނެވެ. އެހެންކަމުން ބޮން އަޅައިގެން ބޮޑެތި އަނިޔާތައް ލިބިގެން ކޮންމެ ދުވަހަކު އެ ހޮސްޕިޓަލަށް ގެންނަ އެތައް ހާސް މީހުންނެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރީ މުހައްމަދާއި އޭނާއާ އެކު މަސައްކަތްކުރި ހައެއްކަ ޑޮކްޓަރުންނެވެ.

މުހައްމަދު ބުނި ގޮތުގައި މީގެ ތެރެއިން ބައެއް ޑޮކްޓަރުންނަށް އެމީހުންގެ ފުރާނަ ވެސް ސަލާމަތް ނުކުރެވި ވަނީ މަރުވެފަ އެވެ.

މުހައްމަދު ބުނި ގޮތުގައި ބޮން އަޅައިގެން އަނިޔާވެގެން ގެންނަ މީހުންނަށް ލިބިފައި ހުންނަ އަނިޔާތަކަކީ ބަލަން ކުޅަދާނަވާ ކަހަލަ އަނިޔާއެއް ނޫނެވެ. ޓެކްސްޓު ފޮތަކުން ވެސް މީހަކު އެފަދަ އަނިޔާގެ ވާހަކަ ނުކިޔާހާ ބޮޑެތި އަނިޔާތައް ބޮޑެތި މީހުންނަށް ކުޑަކުދިންނަށް ލިބިފައި ހުރެ އެވެ.

"ޑޮކްޓަރުކަން ކިޔަވާއިރުވެސް އެއްވެސް މީހަކު ކިޔަވައެއް ނުދޭނެ ބޮމުގެ ސަބަބުން ހަށިގަނޑުގެ ބައެއް ފުނޑުފުނޑުވެފައި ތިބޭ މީހުންނަށް ފަރުވާ ކުރާކަށް. އެމީހުންގެ ރުއިމާއި ހަޅޭކުގެ އަޑަކީ އެތައް ޒަމާނެއްވަންދެން ސިކުނޑިއަށް އުނދަގޫ ލިބިލިބި ހުންނާނެ އަޑުތަކެއް،" މުހައްމަދު ބުންޏެވެ.

ސީރިޔާގެ ހަނގުރާމައިގެ ތެރޭގައި 18 މަސް ދުވަހު މުހައްމަދު މަސައްކަތް ކުރި އެވެ. ނަމަވެސް އަމިއްލަ ފުރާނަ ސަލާމަތް ނުކުރެވޭނެކަން ޔަގީންވުމުން އާއިލާ އާއި ގައުމު ދޫކޮށްލުމުގެ އުނދަގޫ ނިންމުމެއް މުހައްމަދު ނިންމަން މަޖްބޫރުވީ އެވެ.

މުހައްމަދު ދެން މަސައްކަތްކުރީ ތުރުކީ އާއި ސީރިޔާގެ ބޯޑަރުގައިވާ ހޮސްޕިޓަލެއްގަ އެވެ. އެތަނުގައި ތިބި ރެފިއުޖީންނަށް ޚިދުމަތް ކުރުމުގައި ހޭދަކުރި ދުވަސްތަކުގައި ފުލުހުންގެ އަނިޔާތައް ވަރަށް ގިނައިން އެމީހުންނާ އަމާޒުވި އެވެ. ޔޫކޭއަށް ދާން ވިސާ ހޯދަން މަސައްކަތްކުރަމުން އޭނާ ތުރުކީއަށް އެތެރެވި އެވެ. އެ ގައުމުގެ އެންޖީއޯ އަކާ ގުޅިގެން ރެފިއުޖީންނަށް ޚިދުމަތް ދިނުމަށެވެ.

މުހައްމަދުގެ ވިސާ ތިން ފަހަރެއްގެ މަތިން ރިޖެކްޓް ވިއެވެ. އެހިސާބުން އޭނާއަށް ސަލާމަތްވާން އޮތް ފުރުސަތު ހަނިވި އެވެ. އަލުން އަނބުރާ ސީރިޔާއަށް ހިނގައްޖެނަމަ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންނަށް ފަރުވާ ދިނުމުގެ ކުށުގައި އޭނާއަށް މަރުގެ އަދަބު ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އަނެއްކޮޅުން ތުރުކީގެ ރެފިއުޖީ ކޭމްޕްތަކުގައި ވެސް އޭނާއަށް މާ ގިނަ ދުވަހު ހުރެވޭކަށް ނެތެވެ. ދެން އޭނާއަށް އޮތް ހަމައެކަނި ގޮތަކަށްވީ ރަބަރު ޑިންގީއެއްގައި ގްރީސްގެ ރަށަކަށް ދިއުމެވެ.

ތުރުކީގެ ރެފިއުޖީ ކޭމްޕްގައި އަހަރެއްހާ ދުވަހު ޚިދުމަތްކުރުމަށްފަހު އޭނާ އާއި އިތުރު 50 ރެފިއުޖީން ހަތަރު މީޓަރުގެ ޑިންގީއެއްގައި ތުރުކީގެ އަޒްމީރުން ގްރީސަށް ދާން ދަތުރުފެށީ އެވެ. ނަމަވެސް މަންޒިލާ ހަމައަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަމެއް އެމީހުންގެ ނެތެވެ.

ނަސީބަކުން ގްރީސަށް ގޮސް ވެސް ރެޑް ކްރޮސްގެ ރެފިއުޖީ ކޭމްޕްގައި މަސައްކަތްކުރުމުގެ ފުރުސަތު މުހައްމަދަށް ލިބުނެވެ. އޭގެ މަހެއް ފަހުން ޔޫކޭ އިން ހިމާޔަތްހޯދުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. ރީޗް ނޯތު ވެސްޓް ކިޔާ ރެފިއުޖީންނާ ބެހޭ ޖަމިއްޔާއެއްގެ އެހީގަ އެވެ.

އެގޮތުން މެންޗެސްޓާގެ ސެލްފޯޑަށް 2015 ގައި މުހައްމަދު ދަތުރުކުރި އެވެ. އެހިސާބުން ވެސް މުހައްމަދުގެ ހާލަތު ބަދަލެއް ނުވި އެވެ. ސެލްފޯޑަށް އަލަށް ދިޔަ ދުވަސްވަރަކީ ހަޔާތުގެ ވެސް އެންމެ ވޭންހުރި ދުވަސްތަކުގެ ގޮތުގައި މުހައްމަދު ސިފަ ކުރި އެވެ. ސަބަބަކީ އެކަނި މާއެކަނި ދަންނަ އެއްވެސް މީހެއް ނެތް ރަށެއްގައި އިނގިރޭސި ބަސް އެހާ ރަނގަޅަށް ނޭގި ބްރޯކަން އިންގްލިޝް އިން ވާހަކަ ދައްކަމުން އުޅެން ޖެހުނު ހާލެވެ. އަދި މެޑިސިން ޕްރެކްޓިސްކުރުމުގެ ފުރުސަތު ނުލިބި ގިނަ ދުވަސްތަކެއް ދިއުމެވެ.

ނަމަވެސް ހިތްވަރާއެކު މުހައްމަދު އެންމެ ފުރަތަމަ ވެސް ފެށި މަސައްކަތަކީ އިނގިރޭސި ދަސްކުރުމެވެ. ބްރިޓިޝް މެޑިކަލް ޓްރެއިނިން އިން ފާސްވެ ސިއްހީ ދާއިރާއާ ގުޅެވެން އޮތީ އިނގިރޭސިން ރަނގަޅަށް ފާސްވެގެން ކަމަށް ވާތީ އެވެ.

ގިނަ މީހުންނަށް ދެ އަހަރުން ކިޔެވޭ ކިޔެވުން އެންމެ ހަތްމަސް ތެރޭ މުހައްމަދު ނިންމި އެވެ. ޑޮކްޓަރުކަން ކުރުމުގެ ފާސް ހޯދައި އަމިއްލަ ނަފްސަށް އޮތް އިތުބާރު އަނބުރާ ހޯދި އެވެ. ގިނަ ރައްޓެހިންތަކެއް ހޯދައި ސެލްފޯޑް ރޯޔަލް ހޮސްޕިޓަލުން ވަޒީފާ ވެސް ހޯދި އެވެ.

އެ ހޮސްޕިޓަލުގައި އޭނާ ދެ އަހަރު މަސައްކަތް ކުރި އެވެ. އަދި މިހަރު އޭނާއަކީ ޔޯކް ހޮސްޕިޓަލުގެ އެންމެ މަޝްހޫރު އެއް ޑޮކްޓަރެވެ. ޔޫކޭއިން ހިމާޔަތްލިބި އެ ތަނުގެ މީހުންގެ ލޯބި އޭނާ ވަނީ ހޯދާފަ އެވެ. ނަމަވެސް އަދިވެސް ފުރުސަތެއް ލިބިއްޖެނަމަ އަމިއްލަ ގައުމަށް ގޮސް ޚިދުމަތްކުރުމަށް މުހައްމަދު އުންމީދު ކުރެ އެވެ. ނަމަވެސް އޭނާއަށް އެންމެ ހާލުގައި ޖެހުނު ދުވަހު އެހީތެރިވީ ޔޫކޭ މަތިން ވެސް އޭނާ ހަނދާން ނައްތައެއް ނުލާނެ އެވެ.